26 ޖޫން 2017 - 09:39

މޮސްކޯ، ރަޝިއާ (ޖޫން 26) – ފީފާ ކޮންފެޑެރޭޝަންސް ކަޕުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާއި ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީ ހޯދައިފި އެވެ.
ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ޖަރުމަން ސެމީ ފައިނަލަށް ދިޔައީ ރޭ ކެމަރޫން އަތުން 3-1 އިން މޮޅުވެ ހަތް ޕޮއިންޓާ އެކު އެވެ. ޗިލީ ފަސް ޕޮއިންޓާ އެކު ދެ ވަނަ އަށް ދިޔައިރު ފަހު މެޗުގައި ރޭ އެ ޓީމު ވަނީ އޮސްޓްރޭލިއާއާ 1-1 އިން އެއްވަރުވެފަ އެވެ.
ސެމީ ފައިނަލުގައި ޖަރުމަން ބައްދަލުކުރާނީ ގްރޫޕް އޭ ގެ ދެ ވަނަ މެކްސިކޯއާ އެވެ. އަދި ޗިލީ ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއް ވަނަ އަދި ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލާ އެވެ.
ރޭ ކެމަރޫން އަތުން ޖަރުމަން މޮޅުވިއިރު ޓިމޯ ވޭނޭ ދެ ލަނޑު ޖެހިއިރު ކެރެމް ޑެމީރްބޭ އެއް ލަނޑު ޖެހި އެވެ. ކެމަރޫންގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ވިންސެންޓް އަބޫބަކަރެވެ.
ޗިލީ އާއި އޮސްޓްރޭލިއާ ރޭ ކުޅުނު މެޗުގެ 42 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ޖޭމްސް ޓްރޮއިސީ ވަނީ ލީޑު ނަގައިފަ އެވެ. ޗިލީ އަށް އެއްވަރުކޮށްދިނީ 67 ވަނަ މިނެޓުގައި މާޓިން ރޮޑްރިގޭޒެވެ.
ފުރަރަމަ ސެމީ ފައިނަލުގައި ޕޯޗުގަލާއި ޗިލީ ބައްދަލުކުރާނީ ބުދަ ދުވަހު އެވެ. އަދި ދެ ވަނަ ސެމީގައި ޖަރުމަނާއި މެކްސިކޯ ވާދަކުރާނީ ބުރާސްފަތި ދުވަހު އެވެ. ދުނިޔޭގެ އެކި ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހު އެވެ.