26 ޖޫން 2017 - 08:40

އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ޝަރުތުތަކެއްގެ ގޮތުގައި އަރަބި ހަތަރު ގައުމަކުން ގަތަރަށް ކުރިމަތިކުރި ބައެއް ކަންކަން ކުރުން އުނދަގޫ ވާނެ ކަމަށް، އެމެރިކާގެ ހާރިޖީ ވަޒީރު ރެކްސް ޓިލާސަން އިއްޔެ ވިދާޅުވެއްޖެ އެވެ.

އެކަމަކު އޭނާ ވިދާޅުވީ 10 ދުވަހުގެ ތެރޭގައި ކޮށް ނިންމަން ހުށަހެޅި އެ ޝަރުތުތަކަކީ މައްސަލައަށް ހައްލެއް ހޯދަން މަޝްވަރާއަކާ ހަމައަށް ދާން އެޅުނު ބިންގަލެއް ކަމަށެވެ.
ސައުދީ އަރަބިއްޔާ އާއި މިސްރާއި ޔޫއޭއީ އަދި ބަހުރެއިން އިން ހުކުރުދުވަހު ހުށަހެޅި 13 ޝަރުތު ގަބޫލުނުކުރާނެ ކަމަށް ގަތަރުން، މިދިއަ ހޮނިހިރުދުވަހު ވަނީ ބުނެފަ އެވެ.
ސިޔާސީ ގުޅުން ކަނޑާލުމުގެ އިތުރުން ގަތަރަށް އެއްގަމާއި ވައި އަދި ކަނޑު މަގު ބަންދުކުރީ، ޓެރަރިޒަމަށް އެހީވުމާއި އަރަބި އެހެން ގައުމުތަކުގެ އެތެރޭގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެކަމަކު އެ ވާހަކަތައް ގަތަރުން ދޮގުކުރެ އެވެ.
ކާނާގެ ސާމާނާއި އެހެން ބައެއް އެއްޗެހި މި ދުވަސްކޮޅު ގަތަރަށް ފޯރުކޮށްދެނީ ތުރުކީ އާއި އީރާނުންނެވެ. ކުރިން ގަތަރަށް ބޭނުންވާ ކާނާގެ 40 ޕަސެންޓް އެތެރެކުރަނީ އެއްގަމުން އެ ގައުމާ ގުޅިފައިވާ ހަމައެކަނި ގައުމު، ސައުދީ އަރަބިއްޔާ ތެރެއިން ލައިފަ އެވެ.
- މުސްލިމް ބްރަދަހުޑާ އެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލުން
- ހަތަރު ގައުމުގެ ރައްޔިތުންނަށް ހިމާޔަތް ނުދިނުން
- ޓެރަރިޒަމްގެ ކުށުގައި ހޯދަމުން އަންނަ އެ ހަތަރު ގައުމުގެ އެންމެން ހަވާލުކުރުން
- އެމެރިކާ އިން ޓެރަރިސްޓުން ކަމަށް ކަނޑައަޅާފައިވާ ގްރޫޕްތަކަށް އެހީތެރިވުން ހުއްޓާލުން
- ގަތަރުން އެހީ ދޭ ސައުދީ އާއި އެހެން ގައުމުތަކުގެ އިދިކޮޅު ފަރާތްތަކުގެ ތަފްސީލު ދިނުން
- އިގުތިސާދީ އަދި ސިޔާސީ ގޮތުން ވެސް އަރަބި އެހެން ގައުމުތަކާ އެއް ސިޔާސަތެއް ގެންގުޅުން
- އަލް ޖަޒީރާގެ އިތުރުން އަރަބި21، މިޑްލް އީސްޓް އައި އަށް، މާލީ އެހީ ދިނުން ހުއްޓާލުން
- މާލީ ގޮތުން ބަދަލު ދިނުން (ވަކި އަދަދެއް ބުނެފައެއް ނުވޭ)
ދުނިޔެ އަށް މަޝްހޫރު އަލް ޖަޒީރާ ޓީވީ ޗެނެލް ހުއްޓާލުން ވެސް ހިމެނޭ ޝަރުތުތަކުގެ ތެރޭގައި އީރާނާ އެކު އޮތް ގުޅުން ކުޑަކުރުމާއި ގަތަރުގައި އޮތް ތުރުކީގެ އަސްކަރީ މަރުކަޒު ބަންދުކުރުން ވެސް ހިމެނެ އެވެ.
ގަތަރުން ބުނާ ގޮތުގައި ވަކި ކަންތައްތަކެއް ކުރަން އެ ގައުމަށް މަޖުބޫކުރުވަނީ ގައުމުގެ މިނިވަންކަން ހަނިކުރާށާއި އެހެން ބަޔަކު ބުނާ ގޮތަށް ހާރިޖީ ސިޔާސަތު ބައްޓަންކުރުވާށެވެ.
މި މައްސަލާގައި ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ޓިލާސަން ވިދާޅުވީ ގަތަރަށް ހުށަހެޅި ކަންކަމާ މެދު އެ ގައުމުން ވިސްނަމުން އަންނަ ކަމަށެވެ. އަދި ހައްލެއް ހޯދިދާނެ ފަދަ މަޝްވަރާތަކެއް އެ ހުށަހެޅުންތަކަށް ބިނާކޮށް ފެށިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އަރަބި ގައުމުތަކަށް އޭނާ ގޮވާލެއްވީ ޓެރަރިޒަމް ހުއްޓުވާށާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށެވެ.