26 ޖޫން 2017 - 08:41

އަންހެނުންގެ ވޯލްޑް ކަޕް ކްރިކެޓް މުބާރާތުގެ މެޗެއްގައި މިދިއަ ހޮނިހިރުދުވަހު ކުޅެން އެރުމުގެ ކުރިން ހަމަޖެހިލައިގެން ފޮތް ކިޔަން އިން އިންޑިއާގެ ކެޕްޓަނަށް އެންމެންގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

މިތާލީ ރާޖު ބުނީ އޭނާ އަކީ ފޮތްކިޔަން މޮޔަވެފައި ހުންނަ މީހެއް ކަމަށާއި ކުޅިވަރުގެ ހަޔާތުގެ މުހިންމު ވަގުތަކަށް ނުކުންނަ އިރު އެ އާދައިން އޭނާގެ "ބިރުގަތުން" ހަމަޔަކަށް އަޅުވައިދޭ ކަމަށެވެ.
އިނގިރޭސި ވިލާތުގައި ފެށި މުބާރާތުގެ ފުރަތަމަ މެޗުގައި 35 ލަނޑުން އިންގްލެންޑް ބަލިކުރަން އެހީވެދިނީ، 71 ލަނޑާ އެކު، އޭނާގެ މޮޅު ކުޅުމެވެ. ހަމައެއާ އެކު އެ ދުވަހު ދުނިޔޭގެ ރެކޯޑެއް ވެސް އޭނާ ހެދި އެވެ.
ސަޕޯޓަރުންގެ ތެރޭގައި މިތާލީ މަޝްހޫރުވެފައި އޮންނަނީ "ކޫލް ކެޕްޓަނެއް"ގެ ގޮތުގަ އެވެ.
މެޗަށް ފަހު ދިން އިންޓަވިއުއެއްގައި އޭނާ ބުނީ އެވަގުތު ކިޔަން އިނީ 13 ވަނަ ގަރުނުގެ އީރާނުގެ ޅެންވެރިއެއް ކަމަށް ވާ ރޫމީގެ ފޮތެއް ކަމަށެވެ. އޭނާ އާންމުކޮށް ފޮތް ކިޔަން ބޭނުންކުރާ އިލެކްޓްރޯނިކް އާލާތް ގެނައުން މަނާކޮށްފައި އޮތުމުން އެ ފޮތް އޭނާ ހޯދީ ކޯޗުގެ އަތުންނެވެ.
މި މެޗުގައި އޭނާ ހެދި ބައި ސައްތައާ އެކު މިތާލީ ވެފައި ވަނީ އެއް ދުވަހުގެ ބައިނަލްއަގުވާމީ ކްރިކެޓްގައި ޖެހިޖެހިގެން ހަތް މެޗުގައި ބައި ސައްތަ ހެދި ފުރަތަމަ އަންހެން ކުޅުންތެރިޔާ އަށެވެ.
މުބާރާތް ފެށުމުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިމަތިކުރި ބައެއް ސުވާލުތަކަށް ޖަވާބު ދިން ގޮތުން ވެސް މިތާލީ އަށް ގިނަ ބައެއްގެ ތައުރީފް ލިބުނެވެ.
އޭނާއަށް އެންމެ ކަމުދާ ފިރިހެން ކްރިކެޓް ކުޅުންތެރިޔަކީ ކޮބައިހޭ އެހުމުން ޖަވާބު ދިނެވެ: "ފިރިހެން ކުޅުންތެރިޔަކާ ހަމަ ތިޔަ ސުވާލުކޮށްފާނަންތަ؟ އެ މީހުންނަށް އެންމެ ކަމުދާ އަންހެން ކްރިކެޓް ކުޅުންތެރިޔަކީ އަހާނަންތަ؟"
ބައެއް މީހުން ދެކޭ ގޮތުގައި އެއީ ޖިންސީ ތަފާތުކުރުން ދައްކުވައިދޭ ސުވާލަކަށް ދިން ރަނގަޅު ޖަވާބެކެވެ.