25 ޖޫން 2017 - 23:51

ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ވަހީދު، ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ މައްކާގައި މިއަދު ބައްދަލުކުރައްވައިފި އެވެ.

އުމްރާގެ އަޅުކަމަށް މިހާރު ސައޫދީ އަށް ވަޑައިގެން އުޅުއްވާ ވަހީދާއި ސަލްމާން ރަސްގެފާނު ބައްދަލުކުރެއްވީ މިއަދުގެ އީދު ނަމާދަށް ފަހު ރަސްގެފާނުގެ ރަސްމީ ގަނޑުވަރުގަ އެވެ.
ވަހީދު ވަނީ މައްކާގައި މިއަދު ކުރި އީދު ނަމާދުގައި ސަލްމާން ރަސްގެފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ކޮންމެ އަހަރަކު ވެސް މައްކާ އަށް އުމްރާގެ އަޅުކަމަށް ވަޑައިގެން ތިއްބަވާ އެކި ގައުމުތަކުގެ އިސްވެރިންނާއި ކުރީގެ ރައީސުންނަށް ރަސްގެފާނާ އެކު އީދު ނަމާދުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު އަބަދުވެސް ދެއްވަ އެވެ. އަދި އެ ބޭފުޅުންނަށް ގަނޑުވަރަށް ދައުވަތު ދެއްވަ އެވެ.
ވަހީދު "މިހާރު" އަށް ވިދާޅުވީ ސައޫދީ ރަސްގެފާނާ އެކު އޮތީ ރަސްމީ ބައްދަލުވުމެއް ނޫން ކަމަށެވެ.
"ރަސްގެފާނަށް އީދު ތަހުނިއްޔާ ދަންނަވައި އެމަނިކުފާނާ ވާހަކަ ދައްކައިލުމުގެ ފުރުސަތު ލިބުނު،" ވަހީދު ވިދާޅުވި އެވެ.
ވަހީދު ވަނީ އުމްރާގެ އަޅުކަމަށް މައްކާ އަށް މިވަގުތު ގޮސް ތިބި ގިނަ އަދަދެއްގެ ދިވެހިންނާ އެކު ވެސް ވަގުތު ހޭދަކުރައްވައި އެ މީހުންގެ ހާލު އޮޅުން ފިލުއްވައި ހައްދަވައިފަ އެވެ.