އިބްރާހިމް ޒައިދު އަލީ ނުވަތަ އެންމެން ވެސް އޭނާ ދަންނަ ނަމުން ނަމަ ކުޑައިއްބެއަކީ ދިވެހި ލަވައިގެ ދުނިޔެއިން އިވެމުން އަންނަ އެންމެ ނުފޫޒުގަދަ އެއް އަޑޭ ބުނެވިދާނެ އެވެ. ވަކިން ހާއްސަކޮށް މޯލްޑިވިއަން އައިޑޮލްގެ ޖަޖެއްގެ ގޮތުގައި ދެ ސީޒަނަކުން ފެނިގެން ދިއުމުން އޭނާގެ މަޝްހޫރުކަމާއި މަގްބޫލުކަމާއި ހައިބަތު ކުރިއަށް ވުރެން މައްޗަށް ޖެހިލައިފި އެވެ.

މި ހިތްގައިމު އަޑުގެ ވެރިޔާ އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަން ހޯދީ ދިވެހިރާއްޖޭގެ އަޑުގެ ކުރީގެ ބޭންޑެއް ކަމުގައިވީ ވޭވްސްބޭންޑްގެ މަޝްހޫރު ސިންގަލް، "އެދެމޭ ކަލާޔާ" މި ލަވަ އާއި އަދިވެސް އެތައް ބައެއްގެ ހަނދާނުގައި ހަރުލާފައިވާ އޭގެ ވިޑިއޯ އިންނެވެ. މިއީ ނިކަން މޮޅަށް ލަވަކިޔައި އުޅޭ "ކުޑައިއްބެއަކު" އުޅޭކަން މުޅި ރާއްޖެ އަށް އެނގިގެން ދިޔަގޮތެވެ.

ނަމަވެސް މާލޭގައި އޭރު ސިލްސިލާއެއްހެން ކުރިއަށް ގެންދިޔަ "ހަފުތާ ނިންމާ" ޝޯތަކުން ކުޑައިއްބެ ވަނީ އޭރު ވެސް އެއް ބައެއްގެ ސަމާލުކަން ދަމައިގަނެފަ އެވެ. އަލީ ރަމީޒުމެން ފަދަ ނުފޫޒުގަދަ ތަރިން ސްޓޭޖުމަތިން "ހަފުތާ ނިންމަމުން" ދަނިކޮށް ކުޑައިއްބެ އެއެންމެންގެ ސަމާލުކަން ދަމައިގަތީ ބޮލީވުޑްގެ ހިތްގައިމު އަޑު ސޯނޫ ނިގަމްގެ ލަވައެއް "ހަމަ ސޯނޫ ނިގަމްއެއްހެން" ކިޔާލައިގެންނެވެ.

ރާއްޖޭގެ ލަވަ އާއި ފިލްމީ ދާއިރާގައި ކުޑައިއްބެ މިއަދު ހޯދާފައިވާ މަގާމަކީ "ރާއްޖޭގެ ސޯނޫ ނިގަމަކަށް" އޭނާ ކުފޫހަމަކޮށްދޭވަރުގެ ޝަރަފްވެރިކަމެކޭ ބުނެވިދާނެ އެވެ.

ލަވައެއް ހިޓެއްގެ މި ސެގްމަންޓަށް އިއްބެ ހަދިޔާކުރަނީ އޭނާގެ "އެންމެ ހިޓެއް" ނޫނެވެ. އޭނާ ކިޔާލަދޭނީ ނިކަން މަޝްހޫރު ދެ ލަވައެއް އެއްކޮށްލައިގެން ކިޔައިދޭ "ހިޓެކެވެ."