25 ޖޫން 2017 - 10:47

ތެޔޮ ބަރުކޮށްގެން ދިޔަ ލޮރީއެއް ފުރޮޅާލުމުން އެއިން ތެޔޮ ނަގަން އުޅުމުގެ ތެރޭގައި އަލިފާން ރޯވެ، ހިނގި ނުރައްކާތެރި ހާދިސާއެއްގައި ޕާކިސްތާނުގައި މަދުވެގެން 123 މީހުން މިއަދު މަރުވެއްޖެ އެވެ.
ބަހަވަލްޕޫރު ސިޓީގައި ހިނގި މި ހާދިސާގައި އެތައް ބަޔަކު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އެ މީހުންނަށް މިހާރު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު މައްޗަށް ދިއުން އެކަށީގެންވެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން ލޮރީ ބަންޑުން ޖަހާލީ، ދިޔަލެއް ބާރުކަމުން ކޮންޓްރޯލް ނުވެގެންނެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި ތެޔޮ އެޅުނު ހިސާބުގައި ތިބި ބައެއް މީހުން ސިނގިރޭޓް ބޮމުން ގެންދިޔަ އެވެ. އަލިފާން ރޯވީ އޭގެ ސަބަބުން ކަމަށް ޕާކިސްތާންގެ މީޑިއާތަކުން ލަފާކުރެ އެވެ.
މަރުވެފައި ތިބި މީހުން ވަކިކުރަން އެނގޭ ވަރަށް ވުރެ ބޮޑަށް ވަނީ އަނދައިފަ އެވެ. ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި އެއީ ކޮން ބައެއްކަން ދެނެގަންނަން ޖެހޭނީ ޑީއެންއޭ ޓެސްޓްތަކުންނެވެ.
މި ހާދިސާގައި މަދުވެގެން ހަ ކާރާއި 12 މޮޓޯ ސައިކަލް އަނދާފައިވެ އެވެ.
ޕާކިސްތާނުގެ ސަރުކާރުގެ ނިއުސް އެޖެންސީ އޭޕީޕީ އަށް ފުލުހުން ބުނީ 25،000 ލީޓަރުގެ ތެޔޮ ބަރުކޮށްގެން ޓޭންކަރު ދިޔައީ ކަރާޗީން ލާހޫރަށް ކަމަށެވެ. އޭތި ފުރޮޅާލީ ބަހަވަލްޕޫރު ޑިސްޓްރިކްޓްގެ ސަރަހައްދަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މަގާ ކައިރި ވިލެޖްތަކުގައި އުޅޭ މީހުން އެއްޗެހި ހިފައިގެން އައިސް އަވަހަށް ތެޔޮ އަޅަން އުޅުނު. އެހެން ވިލެޖްތަކުގައި އުޅޭ އެ މީހުންގެ ތިމާގެ މީހުންނަށް ފޯނުން ގުޅައި، އަވަހަށް ތެޔޮ ބަލާ އަންނަން ވެސް އެދެމުން ދިޔަ،" ފުލުހުން ބުންޏެވެ.
ޓޭންކަރާ އާންމުން ދުރަށް ޖައްސަން ޓްރެފިކް ފުލުހުން ވަރަށް މަސައްކަތް ކުރި ކަމަށް ވެ އެވެ. އޭރު ތެޔޮ އަޅަމުން ދިޔަ މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ.
"ކުއްލިއަކަށް ބޮޑު ހުޅެއް ފަޅައިގެން ގޮސް، ޓޭންކަރު ވަށައިގެން ތިބި އެންމެންގެ ގައިގައި ރޯވީ،" ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ފިހޭ މީހުންނަށް ފަރުވާ ދޭނެ އެއްވެސް ޔުނިޓެއް ހާދިސާ ހިނގި ސަރަހައްދުގައި ނެތުމުން ބައެއް މީހުން ފޮނުވަން ޖެހުނީ 50 ކިލޯމީޓަރު ދުރުގައި ހުރި ހޮސްޕިޓަލްތަކަށެވެ.