ގްރޫޕްގެ އެއް ވަނަ ހޯދައި ޕޯޗުގަލް ސެމީ އަށް
ގްރޫޕްގެ އެއް ވަނަ ހޯދައި ޕޯޗުގަލް ސެމީ އަށް

ރަޝިއާ، މޮސްކޯ (ޖޫން 25) - ނިއު ޒީލެންޑް އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ކޮންފެޑެެރޭޝަން ކަޕްގެ ގްރޫޕް އޭގެ އެއް ވަނައިގެ ގޮތުގައި ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭގެ މޮޅާ އެކު ޕޯޗުގަލް ގްރޫޕްގެ އެއް ވަނަ ހޯދީ ދެ ވަނައިގައި އޮތް މެކްސިކޯއާ އެއްވަރަށް ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ޕޯޗުގަލް އަށް ކުރިލިބެނީ ފައިދާ ލަނޑުންނެވެ. މެކްސިކޯ ވަނީ ރޭ ކުޅުނު މެޗުން މުބާރާތް ބާއްވާ ގައުމު ރަޝިއާގެ މައްޗަށް 2-1 އިން ކުރިހޯދައިފަ އެވެ.

ރޭ ނިއު ޒީލެންޑު ކޮޅަށް ޕޯޗުގަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީ އަކުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ޕެނަލްޓީ އަކީ ޕޯޗުގަލްގެ ޑަނިލޯ ޕެރޭރާ އަށް ނިއު ޒީލެންޑް އޭރިއާ ތެރެއިން އެ ޓީމު ކުޅުންތެރިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޕޯޗުގަލްގެ އަނެއް ލަނޑުތައް ޖެހީ ބެނާޑޯ ސިލްވާ އާއި އަންދްރޭ ސިލްވާ އަދި ލުއިސް ނާނީ އެވެ.

މި މެޗުގައި ރޮނާލްޑޯ ޖެހި ގޯލާ އެކު އޭނާ ވަނީ ގައުމީ ޓީމަށް 75 ލަނޑު ހަމަކޮށްފަ އެވެ. އަދި އޭނާ ވަނީ ކޮންފެޑެރޭޝަން ކަޕްގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ވެސް މޮޅު ކުޅުންތެރިއާގެ މަގާމު ހޯދައިފަ އެވެ.

"ޓާގެޓާ ފިޔަވަޅެއް ގާތަށް މި ޖެހެވުނީ. މި ވަގުތު ފުރަތަމަ އަމާޒަކީ ސެމީ ފައިނަލުން މޮޅުވުން އެ އަށް ވުރެ ދުރަށް ވިސްނާނީ އެ މެޗަށް ފަހު،" އުމުރުން 32 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.

އަލެކްސަންޑަ ސެމެޑޯވް ރަޝިއާ އަށް ލީޑުނަގައިދީފައިވަނިކޮށް މެކްސިކޯ އަށް އެއްވަރުކޮށްދިނީ ނެސްޓޯ އަރައުހޯ އެވެ. މެކްސިކޯ މޮޅުކޮށްދިން ލަނޑު ޖެހީ މި ވަގުތު ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތަކުން ލޯ އަމާޒުވެފައިވާ ހުނަރުވެރި މިޑްފީލްޑަރު އާވިން ލޮޒާނޯ އެވެ.

ސެމީ ފައިނަލުގައި ޕޯޗުގަލް އާއި މެކްސިކޯ ކުޅެން ޖެހޭ ޓީމުތައް އެނގޭނީ މިއަދު ކުޅޭ ގްރޫޕް ބީގެ މެޗުތަކަށް ފަހު އެވެ.