ރޮނާލްޑޯ ރެކޯޑް ހެދިއިރު ޕޯޗުގަލް ދެ ވަނަ ބުރަށް
ރޮނާލްޑޯ ރެކޯޑް ހެދިއިރު ޕޯޗުގަލް ދެ ވަނަ ބުރަށް

ލިޔޯން، ފްރާންސް (ޖޫން 22) - ހަތަރު ޔޫރޯއެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މިރޭ ހޯދިއިރު، ހަންގޭރީއާ 3-3 އިން އެއްވަރުވެ ގްރޫޕް އެފް ގެ ތިން ވަނަ އަށް ޕޯޗުގަލް ދިޔަ ނަމަވެސް އެ ޓީމު ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ޕޯޗުގަލް ދެ ވަނަ ބުރުން ޖާގަ ހޯދީ ގްރޫޕްތަކުގެ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަތަރު ޓީމުގެ ތެރޭ ހިމެނިގެންނެވެ. ދެ ވަނަ ބުރުގައި އެ ޓީމު ބައްދަލުކުރާނީ ރޭ ސްޕެއިން 1-0 އިން ބަލިކޮށް ގްރޫޕް ޑީ ގެ އެއް ވަނަ ހޯދި ކްރޮއޭޝިއާއާ އެވެ.

ތިން ވަނަ ހޯދި ޓީމުތަކުގެ ތެރޭ ހިމެނިގެން މިހާތަނަށް ދެ ވަނަ ބުރަށް ދަތުރުކޮށްފައިވަނީ ޕޯޗުގަލްގެ އިތުރުން ސްލޮވާކިއާ އާއި ނޮދަން އަޔަލެންޑެވެ. ފަހު ޖާގަ އަށް ވާދަކުރަނީ ތުރުކީ އަދި މިރޭ ބެލްޖިއަމާ ދެކޮޅަށް ފަހު މެޗު ކުޅޭ ސްވިޑަން އެވެ. އަލްބޭނިއާ މިހާރު ވަނީ ކަޓައިފަ އެވެ.

ފަސް ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގައި ހަންގޭރީ ދެ ވަނަ ބުރުން ޖާގަ ހޯދިއިރު ފަސް ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ދެ ވަނަ ޓީމުގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދީ އައިސްލެންޑެވެ. ޕޯޗުގަލް ތިން ވަނަ އަށް ދިޔައީ ކުޅުނު ތިން މެޗު ވެސް އެއްވަރުވެ ތިން ޕޮއިންޓާ އެކު އެވެ. އެއް ޕޮއިންޓާ އެކު ގްރޫޕުގެ ފުލަށް ދިޔަ އޮސްޓްރިއާ ވަނީ ކަޓައިފަ އެވެ. މުބާރާތުގެ އެންމެ ފަސޭހަ ގްރޫޕް ކަމަށް ބެލެވުނު މި ގްރޫޕުން އެއް ވަނަ ޕޯޗުގަލް ހޯދާނެ ކަމަށް ގިނަ ބަޔަކު ހީކުރިއިރު ދެ ވަނަ އަށް ދާނެ ކަމަށް ލަފާކުރީ އޮސްޓްރިއާ އެވެ.

ޕޯޗުގަލާއި ހަންގޭރީ މިރޭ ކުޅުނު މެޗުގައި ހަންގޭރީން ތިން ފަހަރަށް ވަނީ ލީޑު ނަގައިފަ އެވެ. އެކަމަކު ކޮންމެ ފަހަރަކު ޕޯޗުގަލުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ހަންގޭރީ އަށް 19 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ޒޮލްރާން ގެރާ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕޯޗުގަލަށް އެއްވަރުކޮށްދިނީ ނާނި އެވެ.

ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ހަންގޭރީގެ ބަލަސް ޖުޖާކް ވަނީ އެ ޓީމަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ. އޭގެ ދެ މިނެޓު ފަހުން ރޮނާލްޑޯ ވަނީ ތާރީހީ ލަނޑު ޖަހައިފަ އެވެ. މި ލަނޑާ އެކު އޭނާ ވެފައިވަނީ ޔޫރޯގެ ހަތަރު މުބާރާތެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. ހަންގޭރީން ތިން ވަނަ ފަހަރަށް ލީޑު ނެގީ 55 ވަނަ މިނެޓުގައި ޖުޖާކް ޖެހި ލަނޑުންނެވެ. އެކަމަކު ރޮނާލްޑޯ ވަނީ 62 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.