25 ޖޫން 2017 - 09:57

މިއަދު ދުނިޔޭގެ ގިނަ އިސްލާމީ ގައުމުތަކުގައި ފާހަގަ ކުރަމުން އަންނަ އުފާވެރި ފިތުރު އީދުގެ މުނާސަބަތުގައި، ސީރިޔާ ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ހަނގުރާމައިގެ ކުށްވެރިންތަކަކަށް މައާފް ދީ މިނިވަން ކޮށްފި އެވެ.
ސީރިޔާ ސަރުކާރުން އިއްޔެ މައާފް ދިން 672 މީހުންގެ ތެރޭގައި، ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ ދެކޮޅު ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރިވި ގިނަ އަދަދެއްގެ މީހުން ވެސް ހިމެނެ އެވެ. އަދި އިދިކޮޅު ހަނގުރާމަވެރިންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން މީހުން ވެސް ހިމެނެ އެވެ.
ސީރިޔާގެ ޖަސްޓިސް މިނިސްޓަރު ހިޝާމް އައް ޝައުރު ވިދާޅުވި ގޮތުގައި މައާފް ދިން މީހުންގެ ތެރޭގައި 91 އަންހެނަކު ހިމެނެ އެވެ. އަދި މިނިވަންކުރި މީހުންގެ ތެރެއިން 588 މީހުންނަކީ ވެރިރަށް ދިމިޝްގުގައި މިނިވަން ކުރި މީހުންނެވެ.
ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް 2011 ވަނަ އަހަރު ފެށި ދާޚިލީ ހަމަނުޖެހުންތައް، އެތައް ޖަމާއަތްތަކެއްގެ މެދުގައި ކުރެވޭ ހަނގުރާމައަކަށް ބަދަލުވެފައިވާ އިރު، މި ހަނގުރާމައިގައި ސަރުކާރު ސިފައިން ވަނީ އެތައް ހާސް ބަޔަކު ހައްޔަރު ކޮށްފަ އެވެ. އަދި ގާތްގަނޑަކަށް 400،000 މީހުން މަރުވެފައިވާ ކަމަށް ލަފާ ކުރެވޭ އިރު، ގައުމުގެ ދެ ބައިކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް އެކި ތަންތަނަށް ވިއްސިވިހާލި ވެފަ އެވެ.
މީގެ ކުރިން ވެސް ސީރިޔާ ސަރުކާރުން ވަނީ، ގައުމީ ބަންދުތަކުގައި ހަނގުރާމައިގެ ކުށްވެރިންނަށް މައާފް ދީފަ އެވެ.
އެ ގައުމުގެ ދާޚިލީ ހަނގުރާމައިގައި އިދިކޮޅު ހަނގުރާމަވެރިން ސީރިޔާގެ ބޮޑު ބަޔަކަށް ވެރިވެފައި ވަނިކޮށް، ރައީސް ބައްޝާރަށް ވަފާތެރި ސިފައިން މިހާރު އަންނަނީ ގައުމުގެ ބޮޑެތި ސަހަރުތައް އަލުން މިނިވަން ކުރަމުންނެވެ. ބައްޝާރުގެ ސިފައިންނަށް ހަނގުރާމައިގައި ކުރިއެރުންތައް ލިބެން ފެށީ ރަޝިޔާގެ އަސްކަރީ އެހީތެރިކަން ލިބެން ފެށި ފަހުންނެވެ.
މީގެ އިތުރުން އެމެރިކާގެ މަދަދާ އެކު ބައްޝާރުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރާ ލަޝްކަރުތަކުން ވަނީ، އީދުގެ މުނާސަބަތުގައި، އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންތަކަކަށް މައާފް ދީ މިނިވަން ކޮށްފަ އެވެ. ރައްގާ ޕްރޮވިންސްގެ ގަބީލާތަކުގެ އެދުމުގެ މަތިން މައާފް ދިން މީހުންގެ ތެރޭގައި ހިމެނެނީ، ހަނގުރާމައިގައި އަމަލީ ގޮތުން ބައިވެރި ނުވާ، ނަމަވެސް އައިއެސްއާ ގުޅިގެން އުޅުނު 200 މީހެކެވެ.