25 ޖޫން 2017 - 08:58

މި ނިމުނު ރޯދަމަހުން ލިބުނު ތަގުވާވެރިކަމުގެ ހަގީގީ ފައިދާ ކުރާނީ ރޯދައިގެ ފަހުން ހެޔޮ އަމަލު ކުރުން މަތީގައި ތިބެގެން ކަމަށް މިއަދުގެ ފިތުރު އީދު ނަމާދުގެ ޚުތުބާގައި ބުނެފި އެވެ.

ޚުތުބާގައި ބުނެފައި ވަނީ ރޯދައަށް ފަހު، ނަފްސުގެ ނުބައިކަމުންނާއި ބޮޑާކަން ފަދަ ނުބައި ސިފަތަކުން ރައްކާތެރިވެ ތިބުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ. ހަގީގީ އީމާންކަމުގެ ބާއްޖަވެރިކަން އިހްސާސް ކުރެވޭނީ އޭރުން ކަމަށް ހުތުބާގައިވެ އެވެ.

ޚުތުބާގައި ބުނި ގޮތުގައި އިސްލާމް ދީނަކީ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ އަސާސެވެ. އިސްލާމީ އަގީދާ އަކީ އެންމެހައި މުސްލިމުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ތަނބު ކަމަށާއި އަންނަން އޮތް ޖީލުތަކަށް އިސްލާމީ އަގީދާ ފޯރުކޮށްދީ ގައުމުގެ އިސްލާމީ ޝަހްސިއްޔަތު ދެމެހެއްޓުމަށް ވެސް ގޮވާލި އެވެ.

މި އަގީދާ ފުނޑުފުނޑުކޮށްލުމަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުން ތަފާތު ވަސީލަތްތަކުގެ އެހީގައި ފިކުރީ ގޮތުން ނޭދެވޭ އެތައް ކަމެއް ކުރަމުން އަންނަ ކަމަށް ވެސް ހުތުބާގައިވެ އެވެ.

"މިފަދަ އުފާވެރި ދުވަހެއްގައި ހަނދާނަށް ގެންނަން ޖެހޭ މުހިންމު އެއް ކަމަކީ، ބަރަކާތްތެރި ޖަމާއަތަކަށް އެންމެން ހާޒިރު ކުރުވީ އިސްލާމީ އަގީދާ ކަމެވެ. އިސްލާމް ދީން ކަމެވެ. އެއީ ދެ ދުނިޔޭގެ ބާއްޖަވެރިކަމުގެ އަސާސެވެ. އެއީ އިއްޒަތުގެ މަސްދަރެވެ. ޝަރަފުވެރިކަމުގެ ތަޅުދަނޑި އެވެ،" ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރި އީދު ނަމާދުގެ ޚުތުބާގައިވެ އެވެ.

އަދި ޒުވާނުން، ރޯދަ މަހު ދެއްކި އީމާންކަމުގެ މަތިވެރި ނަމޫނާގެ މަތީގައި ދެމިތިބުމަށް ގަދަ އަޅައި މަސައްކަތް ކުރަން ގޮވާލައިފައިވެ އެވެ. ރޯދަމަހު ނަމާދުތަކަށް ފަރުވާތެރިވީ ފަދައިން އެ މަހަށް ފަހު ވެސް ނަމާދުތަކަށް ފަރުވާތެރިވުމަށާއި ފާހިޝް ކަންކަމާއި އަޚުލާގީ ހަޑިހުތުރު ސިފަތަކުން އެއްކިބާވެ، ހާއްސަކޮށް މަސްތުވާތަކެތީގެ ޝިކާރައަކަށް މުސްތަގުބަލު ނަގާލައި، މައިންބަފައިންގެ އުންމީދުތައް ފުނޑުފުނޑުކޮށް ނުލުމަށް ވެސް އީދު ހުތުބާގައި ގޮވާލާފައިވެ އެވެ.

މީގެ އިތުރުން އެންމެހައި ނުބައި ކަންކަމުން ދުރުވެ، ހެޔޮ ބަސް ބުނުމާއި މައިންބަފައިންނަށް ކަމޭ ހިތުމާއި ވެރީންނަށް ކިޔަމަން ގަތުމާއި ހެޔޮ ކަންކަމުގައި އެއް ބަޔަކު އަނެއް ބަޔަކަށް ވާގިވެރިވުމާއި އަމާނާތްތެރިވުމާއި ވައުދަށް ވަފާތެރިވުމާއި ތިމާގެ އެކުވެރިޔާ ފަޟީހަތްނުކޮށް ނަސޭހަތްތެރިވުން ފަދަ ކަންކަމަކީ މާތް ﷲ ލޯބިވޮޑިގެންވާ ކަންކަން ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.
އީދުގެ އުފާވެރިކަން އިހްސާސް ކުރަމުން އަންނައިރު، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ ނުވަތަ ހިތާމަވެރި ހާލަތުގައި ތިބި އެންމެހާ މުސްލިމުންގެ މަތިން ހަނދާން ކުރަން ޖެހޭ ކަމަށާއި ފަލަސްތީނާއި އެހެނިހެން ގައުމުތަކުގައި ނިކަމެތި ހާލު ޖެހިފައިވާ މީހުންނަށް ދުއާ ކުރުމަށް ހުތުބާގައި ގޮވާލި އެވެ.
މާލޭގައި މިއަދު ބޮޑު ޖަމާއަތުގައި އީދު ނަމާދު އޮތީ މާފަންނު ސްޓޭޑިއަމްގަ އެވެ.