25 ޖޫން 2017 - 06:55

ފިކުރުކުރުން ނޫންކަމެއް އަހަންނަކަށް ނެތެވެ. ބޮލުގައި ހީވަނީ އެއްޗަކުން ތަޅާހެންނެވެ. އެ ހާލުގައި އަހަރެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ތަނެއްގައި ކުއްޔަށް އުޅުމަކީ ޚަރަދު ބޮޑު ކަމެކެވެ. އަނބިދަރިންގެ ޚަރަދުތައް ބެލެހެއްޓުމާއި، އަހަންނަށް ކުރަންޖެހޭ ޚަރަދު ވެސް ކުޑައެއް ނޫނެވެ. އޭގެ އިތުރުން ބައްޕަގެ ބަލިހާލެވެ. އަހަރަކު އެއްފަހަރު ބައްޕަ ގޮވައިގެން އިންޑިޔާއަށް ދާންޖެހެއެވެ. ދުވަސް ކައިރިވަނީއެވެ. އަތްމަތި ވަރަށް ދައްޗެވެ. ހުރި ފައިސާކޮޅު ހޭދަކުރީ ޑޮލަރު ގަންނާށެވެ. އެއީ އެންމެ ބޮޑަށް ޑޮލަރު ދަތިވި ދުވަސްވަރެވެ. އަހަންނަށް ޑޮލަރު ވިއްކަނީ ހަމަދެވެ. ހަމަދަކީ އަހަރެންގެ ދަށުން މަސައްކަތްކުރާ ހީވާގި މުވައްޒަފެކެވެ. ކިތަންމެ ފަހަރަކު އޭނަ އަތުން ޑޮލަރު ގަންނަމެވެ. ބެންކު ރޭޓަށް ވުރެ ހެޔޮކޮށެވެ. ކުރިން ފައިސާ ދޭންޖެހެއެވެ. ޑޮލަރުކޮޅު ލިބޭނީ ހަފުތާއެއް ފަހުންނެވެ. އެކަމަކު ސީދާ ބުނާ ދުވަހަށް ޑޮލަރު ގެނެސްދެއެވެ.
އެއްފަހަރަކު އަހަރެން ސާޅީސް ހާސް ރުފިޔާ ހަމަދަށް ދިނީމެވެ. އެއީ އެންމެ ގިނައިން ފައިސާ ދިން ފަހަރެވެ. މައްސަލަ ކުރިމަތިވެގެން މި އުޅެނީ އެ ފަހަރުއެވެ. ޑޮލަރު ނުލިބުނު ތާނގައި ފައިސާކޮޅު ވެސް އޮބައިލީއެވެ. ފުލުސްއޮފީހާއި ކޯޓު ވެސް ހުރިކަން އަހަންނަށް އެނގެއެވެ. މައްސަލަ ހުށައެޅުމަށް އެއްވެސް ހުރަހެއް ވެސް ނެތެވެ. އެހެންނަމަވެސް، ނެތް އެއްޗެއް ހަމަދު ދޭނީ ކިހިނެއް ހެއްޔެވެ؟ ތަންކޮޅެއް ދުރުދުރުން ވީނުވީ ބެލިއިރު ހަމަދުގެ ބޮޑު ވިއުގައެއް އޮވެއެވެ. އޭނައަކީ ފައިސާ ބަލައިގަންނަ މީހާއެވެ. ފައިސާ ބަލައިގަތުމަށް ފަހު އެ ފައިސާއިން "ވިޔަފާރި" ކުރަނީ އަދި އެހެން ބައެކެވެ. އެ ވިޔަފާރިއަކީ ލަންކާއަށް ގޮސް ޖުއާކުޅުމެވެ. ކުރިން އެ ކަމެއް އަހަންނަކަށް ނޭނގެއެވެ. ބަލަންވީ ވަރަށް ނުބެލުނީއެވެ.
ހަމަދު ފައިސާ ނެގީ އަހަރެން އަތުން އެކަންޏެއް ނޫނެވެ. އެ ބުރުގައި ހަމަދު އެކި މީހުން އަތުން ނެގި ފައިސާގެ އަދަދު ހައެއްކަ ލައްކައަށް އަރައެވެ. ޑޮލަރު ނުދެވުމުން ފައިސާ އަނބުރާ އަތުލުމަށް އެންމެން އެއްފަހަރާ ދިމާކުރިއެވެ. ބައެއް މީހުން ޖެއްސުން ކުރިއެވެ. ގޭންގުތަކުގެ މީހުން ލައްވާ ހަމަދަށް ބިރު ވެސް ދެއްކިއެވެ. ވަކި މުއްދަތުގެ ތެރޭގައި ފައިސާ ނުދީފި ނަމަ މަރާލާނެކަމުގެ އިންޒާރު ވެސް ދިނެވެ. މުސާރަ ލިބޭ ދުވަހު ހަމަދު ގޮވައިގެން އޭޓީއެމް ކައިރިއަށް ގޮސް "ގަދަކަމުން" ފައިސާކޮޅު އަތުލައެވެ. ހަމަދަކީ އަންބަކާއި ދަރިއަކު ގެންގުޅޭ މީހެކެވެ. އެހެންނަމަވެސް، އޭނަ ގެއަށް ގެންދާނެ އެއްޗެއް ނޯވެއެވެ. އެހެން މީހުންނެކޭ އެއްގޮތަށް އަހަރެން ވެސް ރުޅިއައެވެ. އަތްމަތި ވެސް ދަތިވިއެވެ. ވީހާ ވެސް އަވަހަކަށް ފައިސާ ބޭނުން ވެސް މެއެވެ. އަހަރެން ވެސް ހަމަދަށް ބިރުދައްކަންވީ ހެއްޔެވެ؟ އެހެން މީހުން ފަދައިން ރަޙުމު ކުޑަވާންވީ ހެއްޔެވެ؟ ހަމަދު އެކި މީހުންނަށް އާދޭސްކޮށްގެން ދަރަންޏަށް ފައިސާ ހޯދާކަން ވެސް އަހަންނަށް އެނގެއެވެ. ކުރެވުނު ކުށުގެ ހިތި ރަހަ އޭނަ ދިޔައީ ތަޖުރިބާކުރަމުންނެވެ. އެ ކަމާ އަހަރެން ވިސްނަންޖެހޭ ހެއްޔެވެ؟
އަނިޔާވެރިކަން އިސްކުރި މީހުންގެ ފައިސާ ވަރަށް އަވަހަށް ލިބުނެވެ. ނުލިބުނީ އަހަރެން ކަހަލަ މީހުންގެ ފައިސާކޮޅެވެ. ދޭތެރެދޭތެރެއިން އަހަރެން ވެސް ހަމަދަށް ގުޅަމެވެ. ހަނދާންކޮށްދެމެވެ. އަތްމަތި ދަތި ވާހަކައާއި، ލިބޭ ގެއްލުންތައް ބުނެދެމެވެ. އެކަމަކު، އެންމެ ރުފިޔާއެއް ވެސް އަހަންނަކަށް ނުދިނެވެ. މަހަކު ފަސް ސަތޭކަ ރުފިޔާ ދޭން ބުނީމާ އެ ވަރު ވެސް ނުވިއެވެ. އެންމެ ފަހުން އަހަންނަށް އެހެން ފުރުސަތެއް ހުޅުވައިލަދިނެވެ. ހަމަދުގެ އެސްޓީއޯ ސްކީމް އޮތް ގޮތަށް އޮތެވެ. އެއީ ވިހި ހާސް ރުފިޔާގެ މުދަލެވެ. އަހަރެން ހިތަށްއެރިއެވެ. އަހަރެން ގަންނަން ބޭނުންވާ ބައެއް އެއްޗެހި އެބަހުއްޓެވެ. ބާކީ މުދާކޮޅު އެހެން މީހަކަށް ވިއްކައިލާނީއެވެ. އެކައްޗެއް ވެސް ނުލިބުމަށް ވުރެ ކޮންމެވެސް އެއްޗެއް ލިބުން މާ ރަނގަޅެވެ.
އަހަރެން މުދާ ނެގީމެވެ. ބައެއް އެއްޗެހި ނުއަގުގައި ވިއްކީއެވެ. އެ ވިޔަފާރި ގޯހެއް ނޫނެވެ. މައްސަލައަކަށްވީ ބާކީ އޮތް ވިހި ހާސް ރުފިޔާއެވެ. އެ ދުވަސްވަރު އޮފީހުގެ މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ލިބުނެވެ. ހަމަދަކީ ވަޒީފާއަށް ވަރަށް ފަރުވާތެރި މީހެކެވެ. އެކަމަކު، އޭނައަކަށް ވަޒީފާގެ ކުރިއެރުމެއް ނުލިބުނެވެ. އަތްމަތި ދަތިވެފައި ހުރި މީހެއްކަމުން ހަމަދަށް ވަރަށް އަސަރުކުރިއެވެ. ވެރިމީހާގެ ނާއިންސާފުކަމުގެ ވާހަކަ ވެސް ދެއްކިއެވެ. އަހަރެންގެ ނަޒަރުގައި އޭނަ ދެއްކި ވާހަކަތައް ރަނގަޅެވެ. ހަމަދު އޮފީހަށް ވަނީއްސުރެ އޭނައަކަށް ވަޒީފާގެ ކުރިއެރުމެއް ނުލިބެއެވެ. ހަތް އަހަރު ވެއްޖެއެވެ. ކޮންމެ ފަހަރަކު ވެސް އެންމެ ފަހު ވަގުތު އޮނިގަނޑަށް ބަދަލެއް އައިސްގެން ނުވަތަ ވެރިމީހާ ބަދަލުވެގެން އޭގެ ނުބައި އަސަރު ކުރަނީ ހަމަދަށެވެ. އެންމެ ފަހުން ހަމަދު ގޮސް ހުރިހާ ޝަކުވާއެއް އޮއްސައިލީ ވެރިމީހާގެ އުނގަށެވެ. ވެރިމީހާ ގާތަށް އައީ ރުޅިއެވެ. އެ މައްސަލަ ހައްލުކުރަން އަހަރެން ވަކިން ވެރިމީހާޔާ ބައްދަލުކުރީމެވެ. އޭނައަކީ އަހަރެންގެ ގާތް އެކުވެރިއެކެވެ. އަހަރެން ދެއްކި ވާހަކަތައް ވެރިމީހާ ގަބޫލުކުރިއެވެ. އެކަމަކު ވަގުތުންވަގުތަށް ކޮށްދެވޭނެކަމެއް ނެތެވެ. ބައެއް ފަހަރު އަހަރެން ހިތަށްއަރައެވެ. އަހަންނަކީ ހާދަހާ ހެއްވާ މީހެކެވެ. ހަމަދަކީ އަހަރެންގެ ފައިސާކޮޅު ހަޖަމުކޮށްލައިގެން ހުރި މީހެކެވެ. އޭނައަށް ޓަކައި އަހަރެންގެ ހިތުގައި ހަމްދަރުދީ އުފެދެންވީ ކީއްވެގެން ހެއްޔެވެ؟ މި ގޮތަކަށް މި ކަމެއް ނުވާނެއެވެ. ހެނދުނު ހޭލާއިރު ބޮލުގައި ހުންނަ ރިހުން، ރޭގަނޑު ނިދާއިރު ވެސް ނުކެނޑެއެވެ. ޙައްލެއް ހޯދަން އެބަޖެހެއެވެ.
ޢީދު ދުވަހުގެ ކުރީ ދުވަހެވެ. އަހަރެންގެ ސިކުނޑީގައި އެނބުރުނީ އަހަންނަށް ލިބެންޖެހޭ ފައިސާކޮޅެވެ. ހަރުކަށިވާންވީ ވަގުތު އަދިވެސް ނާދޭބާއެވެ؟ އަހަރެންނަށް އެނގެއެވެ. ހަމަދު ފައިސާ ނެގީ ރަނގަޅު ނިޔަތެއްގައެވެ. އޭނަގެ ކުށެއް ނެތެވެ. ހާލުގަޖެހުނީ ވެސް އޭނައެވެ. އަންބާއި ދަރިޔަށް ޚަރަދުކުރާނެ ފައިސާގެ ވާހަކަ ދައްކާނެކަމެއް ނެތެވެ. ބައެއް ފަހަރު ސައިކަލަށް ޕެޓުރޯލު އެޅޭނެ ގޮތެއް ވެސް އޭނަޔަކަށް ނޯވެއެވެ. ކިތަންމެ ފަހަރަކު އަހަރެންގެ ސައިކަލުގައި އޭނަ ގެޔަށް ގެންގޮސްދެމެވެ. ދެފައި މައްޗަށް އޭނަ ކޮޅަށް ހުއްޓަސް އޭނަގެ ހަތަރު އުދަރެސް ހުރީ ފެނުޖެހިފައެވެ. ސުވާލަކީ އެ ކަމާ އަހަރެން ވިސްނަންޖެހޭ ހެއްޔެވެ؟ ފައިސާ ބޭނުން ނުވާނީ ކާކު ހެއްޔެވެ؟
އިރުކޮޅަކު ވިސްނަން އިނދެލައިފައި ގަނޑެއް ނަގައިފައި ސިޓީއެއް ލިޔަން ފެށީމެވެ. ދަރަނި ކޮންމެވެސް ކޮޅެއްގައި ޖައްސަން އަހަރެން ބޭނުންވިއެވެ. ސިޓީ ނިންމައިލައިފައި ސޮއިކޮށްލީމެވެ. ހަމަދަށް ގުޅައިލީމެވެ. އޭނަ ފޯނެއް ނުނަގައެވެ. އެއީ އާންމު ކަމެކެވެ. މީހަކަށް ފައިސާ ބޭނުންވާނެ ކަހަލަ ދުވަހެއް އަންނަންޏާ ނުވަތަ މުސާރަ ދޭ ދުވަހާ ޖެހިގެން އަންނަ ދެތިން ދުވަހު ހަމަދު ފޯނެއް ނުނަގާނެއެވެ. ގުޅަނީ ކީއްވެގެންކަން އޭނައަށް އެނގޭތީއެވެ. އެކަމަކު، އަހަރެން ހުއްޓައިނުލައި އެތައް ފަހަރަކު ގުޅުމުން ހަމަދު ފޯނު ނެގިއެވެ. އަހަރެން ކޮފީއަކަށް ދަޢުވަތު ދިނީމެވެ. އޭނަ ހުރީ އެހާ އަންނަހިތްވާ ކަހަލަ ގޮތަކަށް ނޫނެވެ. އަހަރެން ދައްކާނެ ވާހަކަ އޭނައަށް އެނގެއެވެ. ބައްދަލު ނުކުރަން ދެއްކޭނެ ހުރިހައި ބަހަނާއެއް އޭނަ ދެއްކިއެވެ. އަހަރެން ދުލެއް ނުދެމެވެ. އެންމެ ފަހުން ހަމަދު އެއްބަސްވިއެވެ.
ޢީދު ދުވަހުގެ މެންދުރުގެ ވަގުތެވެ. އެގާރަޖަހަން ދެތިން މިނެއްޓެއް ހުއްޓެވެ. ދެ މީހުން ބައްދަލުވާން ފުރަތަމަ ދިޔަ ތަން ހުރީ ބަންދުކޮށްފައެވެ. އެހެން ތާކަށް ދިޔައީމެވެ. އެ ތަން ވެސް ހުރީ ބަންދުކޮށްފައެވެ. ދެން މިސްރާބުޖެހީ ހޮސްޕިޓަލުގެ ކެންޓީނަށެވެ. އެ ތަން ހުރީ ހުޅުވައިފައެވެ. ސައިބޯން ފެށީމެވެ. ހަމަދު ފުރަތަމަ ވެސް ފެށީ ވަޒީފާގެ ކުރިއެރުން ނުލިބުނު ވާހަކައެވެ. ވެފައިހުރި ފޫއްސާއި ދެރައިގެ ވާހަކައެވެ. އަތްމަތި ދަތިކަމާއި، ނަސީބުގެ ވާހަކައެވެ.
"ތި ހުރިހާ ކަމަކާ މަ ވެސް އެއްބަސް،" އަހަރެން ބުނީމެވެ. "އެކަމަކު ކަންކަން ދިގު ދެންމޭނީ ވެސް ވަކި ވަރަކަށްތާ."
އަހަރެން ސިޓީއުރަ ނަގައިފައި މޭޒުމަތީގައި ބޭއްވީމެވެ. ހަމަދުގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. އެއްފަހަރު ސިޓީއުރައަށް އަނެއްފަހަރު އަހަންނާ ދިމާއަށް ބަލައިލިއެވެ. އަހަރެން އެއްޗެއް ނުބުނެ ސިޓީއުރަ އޭނަޔާ ކައިރިއަށް ޖައްސައިލީމެވެ. ވަރަށް ނުތަނަވަސްކަމާ އެކުގައި ހަމަދު ސިޓީއުރަ ނެގިއެވެ.
"އަހަންނަށް އިވޭ ވަރަށް ކިޔާތި!" އަހަރެން އެދުނީމެވެ.
"އަހަރެން އަތުން ހަމަދު ނެގި،" ހަމަދު މަޑުމަޑުން ކިޔެވެ. "ސާޅީސް ހާސް ރުފިޔާގެ ތެރެއިން ނުދެއްކި ބާކީ އޮތް ވިހި ހާސް ރުފިޔާ، އަހަރެން ހަމަހޭގައި ހުރެގެން، ހަމަދަށް މި މާފުކޮށްދެނީ މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައެވެ."
އަހަރެން ހުރީ ހަމަދުގެ މޫނަށް އަންނަ ބަދަލުތައް ނިކަން ފަރުވާތެރިކަމާ އެކުގައި ބަލާށެވެ. ތިން މިނެޓު ވީއިރު ވެސް ހަމަދު އިނީ ސިޓީއަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް އޭނަގެ ލޮލުން ކަރުނަ ފާއްދައިލިއެވެ. ދެން ހުއްޓައެއް ނުލެވުނެވެ. ފިރިހެނަކު އެ ވަރަށް ރޮނިކޮށެއް އަހަރެން ދުވަހަކު ވެސް ނުދެކެމެވެ. އެއްވެސް ވާހަކައެއް އޭނައަކަށް ނުދެއްކުނެވެ. އެ ތަނުގައި އެ ވަގުތު ވަރަށް މީހުން ގިނައެވެ. އަހަރެން ކުރިމަތީގައި މީހަކު އިނދެގެން އެ ވަރަށް ރޮންޏާ އެހެން މީހުން ހިތަށްއަރާނީ ކީކޭބާއޭ ވެސް އަހަރެން ހިތަށްއެރިއެވެ. އިރުކޮޅަކަށް ފަހުން ދެ ލޯ ފުހެލިއެވެ. ދެން އަހަންނަށް ފެނުނީ ދުވަހަކު ވެސް އެ މޫނުމަތިން ނުފެންނަ ކަހަލަ އުފާވެރި ހިނިތުންވުމެކެވެ.
"ޢީދު ހަދިޔާ ރަނގަޅުތަ؟" އަހަރެން އެހީމެވެ.
ހަމަދު ބޯޖަހައިލިއެވެ. އޭނައަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނަގެ ލޮލުން ފޭބި އުފާވެރިކަމުގެ ކަރުނައިން އަހަރެންގެ ހިތް އުފަލުން ފުރުނެއެވެ. އެހެންނޫނީ އަބަދު ވެސް އެ ފައިސާ ލިބޭނެކަމުގެ އުންމީދުގައި ހުރެ އެ ނުލިބި ހިތުގައި އުފެދެމުންދިޔައީ ނުތަނަވަސްކަމެކެވެ. ދަރަނި މާފުކުރުމުން އެ ބޮލުގަރިހުން ކުއްލިއަކަށް ފިލިއެވެ. ހަމަދަށް އަހަރެން ދޭން އޮތް އެއްޗެއް ދީ ނިންމާލި ކަހަލައެވެ. އަހަންނަށް ހަމަ ހީވީ ދެ ޢީދު އެއްފަހަރާ އައިހެންނެވެ. އެއީ އަޖައިބެއް ކަހަލަ އިހުސާސެއް ކުރުވި ދުވަހެކެވެ. މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.
ނިމުނީ