24 ޖޫން 2017 - 15:46

ޗައިނާގެ އިރު ދެކުނު ޕްރޮވިންސެއް ކަމަށްވާ ސިޗުއަންގައި ބިންގަނޑު ކަނޑައިގެން ގޮސް އެތައް ގެއެއް ވަޅުލެވި، 140 އަށް ވުރެ ގިނަ މީހުން މިއަދު ގެއްލިއްޖެ އެވެ.

ޗައިނާގެ ރަސްމީ ނިއުސް އެޖެންސީ ޒިންހުއާ އިން ބުނީ ފަރުބަދައެއްގެ އެއް ބައި ކެނޑިގެން ވެއްޓުމުގެ ހާދިސާގައި ޝިންމޯ ވިލެޖްގެ 40 ގެއެއް ވަޅުލެވިފައިވާ ކަމަށެވެ.

ހިލަތަކާއި ގާތަކުގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް، ވަރަށް ބާރަށް ކުރިއަށް ދާ ކަމަށް ވެސް ޒިންހުއާ އިން ބުނެ އެވެ.
ބިންކަނޑު ކެނޑިގެން ފޭބި ފަހާއި ހިލަތަކުން ކޯރެއްގެ ދެ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައްދާލައިފަ އެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ކޮންމެވެސް ވަރެއްގެ އުފާވެރި ހަބަރުތައް ލިބެމުން ދެ އެވެ. އެގޮތުން ވާ ބޭނުންކޮށްގެން ބޮޑެހި ހިލަތަކެއް އެއްކައިރިއަށް ޖައްސައި، ކުޑަކުއްޖަކާއި ދެމަފިރިޔަކު ވަނީ ސަލާމަތްކޮށްފަ އެވެ.
ހާދިސާ ކުރިމަތިވި ސަރަހައްދުގެ އޮފިޝަލުން ބުނާ ގޮތުގައި ބިންގަނޑު ކަނޑައިގެން ދިޔައީ މި ފަހުން ކުރި ގަދަ ވިއްސާރައިގެ ސަބަބުންނެވެ. އަދި އެ ހިސާބުގައި ގަސްގަހާގެހި މަދުވުމަކީ ވެސް ހާދިސާ ދިމާވުމުގެ އެއް ސަބަބު ކަމަށް އެ މީހުން ބުނެ އެވެ.
"އެތައް ޓަނެއްގެ ހިލައެއް ވަނީ ފައިބައިފައި،" ފުލުހުންގެ އިސް ވެރިޔަކު ބުންޏެވެ.
މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ބޭނުންވާ ފަރާތްތަކާއި އެއްޗިއްސަށް ނޫނީ އެ ހިސާބުގަނޑުގެ ހުރިހާ މަގެއް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާތައް ހިނގުމަކީ ޗައިނާގެ ފަރުބަދަ މަތީ ހިސާބުގަނޑުގައި އާންމު ބިރެކެވެ. ހާއްސަކޮށް ވިއްސާރަ ދުވަސްވަރު އެވެ.
ސިޗުއަން ޕްރޮވިންސަށް 2008 ގައި ކުރިމަތިވި ބިންހެލުމުގައި 87،000 މީހުން މަރުވި އެވެ. އަދި އެ ބިންހެލުމުގެ ސަބަބުން ބިންގަނޑު ކަނޑައިގެން ގޮސް، ދަތުރުކުރި ބަސް ވަޅުލެވިގެން 37 ޓޫރިސްޓަކު ވެސް މަރުވި އެވެ.