24 ޖޫން 2017 - 13:40

މޮނާކޯ (ޖޫން 24) – މެންޗެސްޓާ ޔުނައިޓެޑާ ގުޅުމުގެ ފުރުސަތަކީ ވަރަށް ގަޔާވާނެ ފުރުސަތެއް ކަމަށް މޮނާކޯގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ ބުނެފި އެވެ.
މޮނާކޯ އިން މިދިޔަ ސީޒަނުގައި ފްރާންސް ލީގުގެ ޗެމްޕިއަންކަން ހޯދައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު ފަބީނިއޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.
ޔުނައިޓެޑުން އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރާއިރު ފަބީނިއޯ އަކީ އެ ޓީމުގެ އެންމެ މުހިއްމު ޓާގެޓް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އޭނާ ފަދަ މެދުތެރޭގައި ނުފޫޒު ގަދަ ކުޅުންތެރިއަކު ޔުނައިޓެޑަށް ބޭނުންވާ ކަމަށް ސަޕޯޓަރުން ވެސް ދެކެ އެވެ.
"ވަރަށް ގަޔާވާ ފުރުސަތެއް ތިއީ،" ފަބީނިއޯ ބުންޏެވެ. "އެކަމަކު އަހަރެން ފުރަތަމަ އޭޖެންޓާއި ކްލަބާ ވާހަކަދައްކާނީ ހުރިހާ ކަމެއް ރަނގަޅަށް ނިންމުމަށްޓަކައި. އެއީ (ޔުނައިޓެޑަކީ) ބޮޑު ކްލަބެއް. އަހަރެން އެކަމާ ޔަގީނުން ވެސް ވިސްނާނަން."
ރެއާލް މެޑްރިޑުގެ ޔޫތު ޓީމަށް ލޯން އުސޫލުން ކުޅެފައިވާ ފަބީނިއޯ އަކީ ޑިފެންސިވް މިޑްފީލްޑަރުގެ ރޯލުގެ އިތުރުން ކަނާތު ބެކަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ. ބްރެޒިލް ގައުމީ ޓީމަށް ހަތަރު މެޗު ކުޅެދީފައިވާ އުމުރުން 23 އަހަރުގެ ފަބީނިއޯ އަށް ޔުނައިޓެޑުން 44 މިލިއަން ޕައުންޑުގެ ބިޑެއް ކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފަބީނިއޯ ފަދަ ޑިފެންސިވް މިޑްފީލްޑަރަކު ގުޅިއްޖެ ނަމަ ޔުނައިޓެޑުގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ އަށް މިހާރަށް ވުރެ ފްރީ ރޯލެއް ލިބޭނެ މެދުތެރެއިން ލިބޭނެ އެވެ. ޕޮގްބާ އަކީ ބޮކްސް-ޓު-ބޮކްސް މިޑްފީލްޑަރަކަށްވާ އިރު ޑިފެންސަށް އިތުރު ލުޔެއް ހޯދައިދޭނެ ކުޅުންތެރިއަކު މެދުތެރެއާ ގުޅިއްޖެ ނަމަ ޕޮގްބާ އަށް ފަސޭހަކަމާ އެކު އެޓޭކުގައި ބައިވެރިވާން ކުރިއަށް ޖެހެވޭނެ އެވެ.
ޔުނައިޓެޑުން ވަނީ އާ ސީޒަނަށް ސްވިޑަން ޑިފެންޑަރު ވިކްޓަރު ލިންދެލޯފް ގެނެސްފަ އެވެ. މީގެ އިތުރުން އެ ޓީމުން އަންނަނީ ރެއާލް މެޑްރިޑުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ ގެނައުމަށް ވެސް މަސައްކަތްކުރަމުންނެވެ.