ޑައިނަސޯގެ ޒަމާން ފެށުނީ އަލިފާން ފަރުބަދަތަކުގެ ބޮޑު ގޮވުންތަކާ އެކު
ޑައިނަސޯގެ ޒަމާން ފެށުނީ އަލިފާން ފަރުބަދަތަކުގެ ބޮޑު ގޮވުންތަކާ އެކު

މިލިއަނެއްހާ އަހަރަށް ދެމިގެން ދިޔަ އާދަޔާ ހިލާފަށް އަލިފާން ފަރުބަދަތައް ގޮވުމުގެ ސިލްސިލާއަކީ ދުނިޔޭގައި ޑައިނަސޯގެ ބާރުގަދަވެ، އެ ޖަނަވާރުތަކުގެ ޒަމާން ފެށުނު ހިސާބު ކަމަށް، ސައިންސްވެރިންގެ އާ ހޯދުމަކުން ދައްކައިފި އެވެ.

ޑައިނަސޯގެ ޒަމާން ފެށުނީ އަލިފާން ފަރުބަދަތަކުގެ ބޮޑު ގޮވުންތަކާ އެކު
ޑައިނަސޯގެ ޒަމާން ފެށުނީ އަލިފާން ފަރުބަދަތަކުގެ ބޮޑު ގޮވުންތަކާ އެކު

މީގެ 200 މިލިއަން އަހަރު ކުރިން، އެހެން ގިނަ ޖަނަވާރުތަކުގެ އާބާދީ ނެތި، ޑައިނަސޯގެ ޒަމާން ފެށުނު ގޮތުގެ ހެކިތައް ސައިންސްވެރިން ހޯދީ އެ ޒަމާނަށް ނިސްބަތްވާ ހިލަތައް ދިރާސާކޮށްގެންނެވެ. އެފަހަރު އަލިފާން ފަރުބަދައިގެ އެ ބޮޑު، އަދި އެތައް ޒަމާނަކަށް ދެމިގެން ދިޔަ ގޮވުމުގެ އަސަރުތައް އެ ހިލަތަކުން ފެނުނު ކަމަށް ސައިންސްވެރިން ބުނެ އެވެ.

ޑައިނަސޯގެ ޒަމާން ފެށުނީ އަލިފާން ފަރުބަދަތަކުގެ ބޮޑު ގޮވުންތަކާ އެކު
ޑައިނަސޯގެ ޒަމާން ފެށުނީ އަލިފާން ފަރުބަދަތަކުގެ ބޮޑު ގޮވުންތަކާ އެކު

އެ ގޮވުންތަކާ އެކު، އެ ޒަމާނުގެ އެހެން ޖަނަވާރުތައް ނެތި ދިއުމަކީ ދިރުންތަކެއްގެ އެންމެ ބޮޑު ފަނާވުން ކަމަށް ވެސް ސައިންސްވެރިން ސިފަކުރެ އެވެ.

ދިރާސާ ތައްޔާރުކުރެއްވި އިސް އެއް ސައިންސްވެރިޔާ، އޮކްސްފޯޑް ޔުނިވަސިޓީގެ، ލޯރެންސް ޕާސިވަލް ވިދާޅުވީ އެ ހިސާބުން ޑައިނަސޯގެ ޒަމާން ފެށުނީ ކަމަށެވެ.

"އެތައް ދިރުންތަކެއް ނެތިދިއުމާ އެކު އުފެދުނު ހުސްކަމުގެ ފައިދާ ޑައިނަސޯ އަށް ނެގުނު،" ޕާސިވަލް ވިދާޅުވި އެވެ.

މި ދިރާސާތައް ހެދަން ސައިންސްވެރިން ބޭނުންކުރީ ހަތަރު ބައްރަކުން ފެނުނު އެ ޒަމާނަށް ނިސްބަތްވާ ހިލަތަކެވެ. އަލިފާން ފަރުބަދަތައް ގޮވުމުން ގިނަވެގަންނަ ކާބަން ޑިއޮކްސައިޑްގެ ސަބަބުން އެ ހިލަތަކުގައި ކާބަންގެ ބައި ތަފާތުވާ ކަމަށް، ކުރީގެ ދިރާސާއަކުން ދައްކަ އެވެ. އެކަމަކު މިފަހަރު އަލިފާން ފަރުބަދަތަކުގެ ގޮވުންތައް ދެނެގަންނަން ބޭނުންކުރީ އެހެން ބާވަތެކެވެ؛ މާކިއުރީ އެވެ.

ގޮވަމުން ދާ އަލިފާން ފަރުބަދަތަކުން ޖައްވަށް ދޫވާ ގޭސްތަކުގެ ތެރޭގައި މާކިއުރީގެ އަސަރުތައް ހިމެނެ އެވެ. އެ ބައިތައް ތިރިވެ ބިމުގެ ތަކެއްޗާ ބީހުމުގެ ކުރިން އެޓްމޮސްފިއާގެ ތެރެއަށް ފެތުރެ އެވެ. ބިމުގެ ބައިތަކުގެ ތެރޭގައި އުނިކަމެއް ނައިސް މާކިއުރީގެ އަސަރުތައް އެތައް މިލިއަން އަހަރަކަށް ދެމިގެންދެ އެވެ.

"ބިމުގައި ހިމެނޭ ބަޔަކުން މާކިއުރީގެ އަސަރުތައް މާ މައްޗަށް ހުރި ކަމަށް ވަންޏާ އޭގެ މާނައަކީ އެ ދުވަސްވަރު އަލިފާން ފަރުބަދަތައް ގޮވާފައިވެއޭ،" ޕާސިވަލް ވިދާޅުވި އެވެ.

"އަހަރެމެންނަށް ފެނުނީ އެ މަންޒަރު ޖަނަވާރުތައް ނެތިދިއަ ދުވަސްވަރުގެ ހިލަތަކުން."

ގާތްގަނޑަކަށް މިލިއަން އަހަރަށް ދެމިގެން ދިޔަ އަލިފާން ފަރުބަދަތައް ގޮވުމުގެ އެ ބިޔަ ހަރަކާތަށް ބާރު ލިބޭ ގިނަ ހެކިތަކެއް ސައިންސްވެރިން ހޯދި އެވެ.

އޮކްސްފޯޑް ޔުނިވަސިޓީގެ އެހެން ސައިންސްވެރިއެއް ކަމަށްވާ ތަސްމީން މާތާ ވިދާޅުވި ގޮތުގައި އެ މިލިއަން އަހަރުގައި އަލިފާން ފަރުބަދަތައް ގޮވަމުން ދިޔައީ ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި ދުވަސްވަރު ކަމަށް ވެދާނެ އެވެ. އަދި އެކި ފަރުބަދަތަކުގެ ގޮވުންތައް އެކި އަހަރުތަކަށް ދެމިގެން ދިޔަ އިރު، ދިޔާ އަލިފާނާއި އެތައް ގޭހެއް، ބިމާ ހަމައަށް ވާސިލްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން އެ ގޮވުންތައް ގޮވަމުން ދިޔަ ފަރުބަދަތަކާ ކައިރީގައި އުޅުނު ދިރޭ ކޮންމެ އެއްޗަކަށް ވެސް ނުރައްކާ އޮންނާނީ ބޮޑުވެފަ އެވެ. އަދި އެ ސަރަހައްދާ ދުރުގައި އުޅުނު އެއްޗިއްސަށް ވެސް މައްސަލަތައް ކުރިމަތިވާނެ އެވެ. އެގޮތުން މައްޗަށް އަރައިގެން ދާ އަޅި އާއި ދުމުން އަވި ނުލިބުމާއި ކާބަން ޑިއޮކްސައިޑްގެ މިންވަރު މައްޗަށް ގޮސްގެން އުފެދޭނެ ނުރައްކާ ބޮޑެވެ.

ގުދުރަތީ މި ބަދަލުތަކުގެ ސަބަބުން އެތައް ޖަނަވާރެއް ދުނިޔެ އިން ނެތި ދިޔައީ ކަމަށް ސައިންސްވެރިން ލަފާކުރެ އެވެ. އެކަމަކު އެ އުނދަގޫ ހާލަތުގައި އެންމެ ކުރީގެ ޑައިނަސޯތައް ސަލާމަތްވެ، ބިމުގައި ފެތުރިގެން އުޅުނު ކަމަށް އެ ހޯދުމުން ދައްކަ އެވެ. މައްސަލަ އަކީ، އެ ނުރައްކާތެރި ހާލަތުގައި ޑައިނަސޯތައް ސަލާމަތްވީ ކިހިނެއްކަން ސައިންސްވެރިންނަށް އަދި ކަށަވަރުނުވުމެވެ.

އެ މީހުން ގަބޫލުކުރަނީ ދުނިޔޭގައި ޑައިނަސޯގެ ރަން ޒަމާން ފެށުނީ އެހާ ހިސާބުން ކަމެވެ.

ދުނިޔެ އިން އެންމެ ފަހުގެ ޑައިނަސޯތައް ނެތި ދިޔައީ މީގެ 65 މިލިއަން އަހަރު ކުރިން ބޮޑު ގޮވުމެއްގެ ސަބަބުން ކަމަށް، ސައިންސްވެރިން ލަފާކުރެ އެވެ. ބައެއް ސައިންސްވެރިން ބުނަނީ ގިނިހިލައެއް ވެއްޓުނީ ކަމަށެވެ. އެ ބޮޑު ގޮވުމުގައި މައްޗަށް އަރައިގެން ދިޔަ ކުނިބުންޏާއި ހިރަފުހުގެ ވިލާތައް އެތައް އަހަރެއް ވަންދެން އަވި ނުލިބޭ ގޮތަށް ދުނިޔެ ބައްދާލި އެވެ. ދިރާސާކުރާ އެއް ބަޔަކު ބުނާ ގޮތުން ޑައިނަސޯތައް މަރުވެދިޔައީ އެ ހާލަތުގަ އެވެ.

މީގެ 65 މިލިއަން އަހަރު ކުރިން މެކްސިކޯގައި އުފެދިފައިވާ 180 ކިލޯމީޓަރުގެ ބޮޑު ވަޅުގަނޑަކީ އެ ގިނި ހިލަ ވެއްޓުނު ތަން ކަމަށް ބައެއް ސައިންސްވެރިން ގަބޫލުކުރެ އެވެ.