ގްރީކު ގޮނޑުވެ، ކުނިވެއްޖެ!
ގްރީކު ގޮނޑުވެ، ކުނިވެއްޖެ!

ކުނި އުކާ މީހުންނާއި ސަރުކާރާ ދެމެދު ޖެހުނު މައްސަލަތަކާ ހެދި، ކުނި އުކުން ހުއްޓި، ވެރިރަށް އެތެންސް އާއި އެހެން ބައެއް ސިޓީތަކުގެ މަގުތައް ކުނިވެއްޖެ އެވެ.

ކުނީގެ މައްސަލަ މިހާރު އެންމެ ބޮޑަށް ދިމާވެފައި ވަނީ އެތެންސްގައި ޓޫރިސްޓުން އެންމެ ގިނަ ސަރަހައްދުތަކަށެވެ.

މައްސަލަ ފެށުނީ މިހާރުގެ ކޮންޓްރެކްޓް ހަމަވުމުން ގާތްގަނޑަކަށް 10،000 މީހުންގެ ވަޒީފާ ގެއްލިދާނެކަމުގެ ބިރު އުފެދި މުވައްޒަފުން ހަޅުތާލު ފެށުމާ އެކުގަ އެވެ.

މިދިއަ ބުރާސްފަތިދުވަހު ދާހިލީ ވުޒާރާގެ ކުރިމަތީގައި ކުރި މުޒާހަރާގައި ކުނި އެންދުމުގެ އިތުރުން އެތަނުގެ ފާރުތަކަށް ކުލަ ވެސް ޖެހި އެވެ. އިމާރާތަށް ވަދެގެންފާނެ ކަމަށް ބަލައި، ފުލުހުން އެކަން ހުއްޓުވީ ކަރުނަ ގޭސް ޖަހައިގެންނެވެ.

ކުނި ޖަމާކުރާ ހިސާބުތަކަށް ލޮރީތައް ނުވަދެވޭ ގޮތަށް ބަންދުކޮށްގެން ތިބޭތާ މިހާރު އެތައް ދުވަހެއް ވެއްޖެ އެވެ. އޭގެ ސަބަބުން، ހިނގާބިގާވެ އުޅޭ މީހުންނަށް، ވަރަށް ބޮޑެތި އުނދަގޫތައް ވަނީ ދިމާވެފަ އެވެ.

ހަޅުތާލުގެ މައްސަލަ ކުރިމަތިވީ ކުނި އުކާލުމުގެ ވަގުތީ ވަޒީފާގައި ތިބި މީހުންގެ ކޮންޓްރެކްޓް އާކުރުމަކީ ގާނޫނުއަސީސާއާ ހިލާފު ކަމެއް ކަމަށް ކޯޓުން ނިންމުމުންނެވެ. އެހެންކަމުން އެތައް ބައެއްގެ ވަޒީފާ ގެއްލިދާނެތީ މަސައްކަތްތެރިންގެ ޔޫނިއަންތަކުން ވަނީ ދިފާއުގައި ނުކުމެފަ އެވެ.

ސަރުކާރުން ބުނީ ޔޫނިއަންތަކާ އެއްކޮށް ހައްލަކާ ހަމައަށް ދެވިދާނެ ކަމަށެވެ. އެގޮތުން 2،500 މީހުންގެ ވަޒީފާ ދާއިމީކުރެވިދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އެތެންސްގެ ވަކި ހިސާބުތަކުން ހިނގަން އުނދަގޫވާ މިންވަރަށް ނުބައި ވަސް ފެތުރިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ކުނިތައް ގިނަވެފައި ހުރި ސަރަހައްދުތައް ހުރަސްކުރަނީ ނޭފަތުގައި އަތް އަޅައިގެންނެވެ. ގިނައިން ކުނި އުފެދޭ ރެސްޓޯރަންޓްތައް ހުންނަ ހިސާބުގަނޑުގައި އެ މައްސަލަ ވަކިން ބޮޑެވެ.

ގްރީސްއަށް ކުރިމަތިވި މާލީ ދަތިކަމުގެ އަސަރު ގިނަ ވަޒީފާތަކަކަށް ވަނީ ކޮށްފަ އެވެ. އަދި މުނިސިޕަލް މަސައްކަތްތަކުގައި އުޅޭ މީހުންނަށް އޮތް ވަޒީފާގެ ޔަގީންކަން ކުޑަ އެވެ.