27 ޖޫން 2017 - 07:54

އިންޑިއާގެ ކުރީގެ މަޝްހޫރު އެކްޓަރު ދިލިޕް ކުރާމު މަރުވެއްޖެ ކަމަށް ފެތުރުނު ދޮގު ހަބަރުތަކަށް ޖަވާބު ދިނުމުގެ ގޮތުން، މިދިއަ ހުކުރުދުވަހު ފުލުފުލުގައި ޓްވީޓްތަކެއް އޭނާ ކޮށްފި އެވެ.
މުސްލިމް އެކްޓަރު ބުނީ މިދިއަ ރޯމަދަހު އޭނާގެ ހާލު ކުރިޔަށް ވުރެ މާ ބޮޑުތަން ވެސް ރަނގަޅު ކަމަށެވެ.
ދިލިޕް، 94، ކުރި ޓުވީޓެއްގައި ބުނީ އޭނާއަށް އަދިވެސް އެވޯޑުތަކާއި ޝަރަފުތައް ދޭން ދައުވަތު ލިބޭ ކަމަށެވެ. ނަމަވެސް މިހާރު ތަންތަނަށް ދަތުރުކޮށް އުޅެވޭ ވަރަށް ސިއްހަތު ތަން ނުދޭ ކަމަށް ބުންޏެވެ.
ދިލިޕްގެ ދެ ވަނަ ޓުވީޓްގައި ބުނި ގޮތުގައި ސޯޝަލް މީޑިއާއާ މި ދުވަސްކޮޅު ތަންކޮޅެއް ދުރުގައި އުޅުނަސް އޭނާގެ ހިތް ވަނީ ހެޔޮއެދޭ އެންމެންނާ އެކު އެވެ. އެ އެންމެންގެ ހެޔޮ ދުއާ އާއި ސަލާމުން އޭނާގެ ހިތަށް ހަަމަޖެހުން ލިބޭ ކަމަށް ވެސް އެކްޓަރު ބުންޏެވެ.
"ﷲ ގެ ރަހުމަތްފުޅުން މި ރަމަޟާން މަހު އަހަރެންގެ ސިއްހަތު ވަަރަށް ރަނގަޅު. ނަމަވެސް ބޭސްތައް ކާން ޖެހޭތީ އާއި ގަވާއިދުން ނުނިދޭތީ ރޯދައެއް ނުހިފޭ،" ދިލިޕްގެ ތިން ވަނަ ޓުވީޓްގައި ބުންޏެވެ.
ދިލިޕް ކުމާރުގެ އަސްލު ނަމަކީ މުހައްމަދު ޔޫސުފް ޚާން އެވެ. އޭނާ އުފަންވީ މިހާރު ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮންނަ ޕިޝާވަރްގަ އެވެ. އޭނާގެ 100 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އާއިލީ ގެ މިހާރު ވެސް ޕާކިސްތާނުގައި އެބަ ހުއްޓެވެ. ޕާކިސްތާނުގެ އާކިއޮލޮޖީ ޑިޕާޓްމަންޓުން އެ ގެ ބަލަހައްޓަނީ ގައުމީ ތަރިކައެއްގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި އެ ގެ ވެއްޓިފައިވާ ކަމަށް ބުނެ މީޑިއާ ރިޕޯޓުތަކެއް ވަނީ ފެތުރިފަ އެވެ.
ދިލިޕް ހުކުރު ދުވަހު މިހާ ގިނަ ޓުވީޓްތަކެއް ކޮށްފައި މިވަނީ އޭނާ މަރުވެއްޖެކަމަށް ބުނެ އަނެއްކާވެސް ބަޔަކު ދޮގު ޚަބަރުތަކެއް ފަތުރާފައި ވަނިކޮށެވެ.