"ޖައްގާ ޖާސޫސް"ގެ ސަޕްރައިޒަކީ ގޯވިންދާ
"ޖައްގާ ޖާސޫސް"ގެ ސަޕްރައިޒަކީ ގޯވިންދާ

ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފްގެ "ޖައްގާ ޖާސޫސް" ރިލީޒްކުރާ ދުވަސް ކައިރިވަމުން އަންނައިރު ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ. އެގޮތުން މިހާތަނަށް ރިލީޒްކުރި އިޝްތިހާރުތަކާއި ލަވަތަކަށް ބެލުންތެރިން ވަނީ ރަނގަޅު ތަރުހީބެއް ދީފަ އެވެ. ނަމަވެސް މި ހުރިހާ ކަމަކަށް ވުރެ ވެސް ބެލުންތެރިންނަށް ބޮޑު ހައިރާން ލިބުނީ ގޯވިންދާ މިފިލްމުގައި ހުންނަ ސިފަ ފެނުމުންނެވެ.

މިހާރު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން އުޅޭ ގޯވިންދާގެ ފޮޓޯއެއްގައިވާ ގޮތުން އެއީ "ޖައްގާ ޖާސޫސް"ގައި ގޯވިންދާ ހުންނަ ސިފަ އެވެ. އަދި މި ފޮޓޯގެ ފަހަތުން ރަންބީރާއި ކެޓުރީނާ ވެސް ފެންނަން ތިބެ އެވެ. ކެޓުރީނާގެ ފޭން ކްލަބަކުން އިންސްޓަގްރާމް ކޮށްފައިވާ މި ފޮޓޯގައިވާ ގޮތުން ގޯވިންދާ އަކީ މި ފިލްމުގެ އެންމެ ބޮޑު "ސަޕްރައިޒް" އެވެ.

އަނުރާގް ބާސޫ ޑައިރެކްޓްކޮށްފައިވާ "ޖައްގާ ޖާސޫސް" އަކީ ކޮމެޑީ ޑްރާމާ އެކެވެ. މި ފިލްމުގައި ޝާހްރުކް ޚާން ވެސް މެހެމާނެއްގެ ރޯލެއް ކުޅޭ ކަމަށް ޚަބަރު ފެތުރިފައިވެ އެވެ. ނަމަވެސް ރަންބީރު އާއި އަނުރާގް ވެސް ވަނީ މިއީ ދޮގެއް ކަމަށާއި ޝާހްރުކް އެ ފިލްމުގައި އެއްވެސް ރޯލެއް ނުކުޅޭ ކަމަށް ބުނެފަ އެވެ. ނަމަވެސް އެހެން އެކްޓަރަކު އެފަދަ ރޯލެއް ކުޅޭ ކަމުގެ އިޝާރާތެއް މި ދެ މީހުން ވެސް ވަނީ ދީފަ އެވެ.

ޖުލައި 14 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމުގައި ކެޓުރީނާގެ އިތުރުން އަދާ ޝަރުމާ ވެސް ބަތަލާގެ ރޯލު އަދާކުރެ އެވެ.