ގަލްފުގައި ކުރިމަތިވެގެން އުޅެނީ "އާއިލީ މައްސަލައެއް": އެމެރިކާ
ގަލްފުގައި ކުރިމަތިވެގެން އުޅެނީ "އާއިލީ މައްސަލައެއް": އެމެރިކާ

ގަތަރާއި ގަލްފުގެ އެހެން ބައެއް ގައުމުތަކާ ދެމެދު މިހާރު އުފެދިގެން އުޅެނީ "އާއިލީ މައްސަލައެއް" ކަމަށް އެމެރިކާ އިއްޔެ ސިފަކޮށްފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވައިޓް ހައުސްގެ ތަރުޖަމާން ޝޯން ސްޕައިސާ ވިދާޅުވީ އެ މައްސަލަ ހައްލުކުރަން އެ ގައުމުތަކުން މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

"އަހަރެމެންގެ އެހީއަކަށް އެދިއްޖެ ނަމަ އެކަމުގައި އުޅެދޭނަން،" ސްޕައިސާ ވިދާޅުވި އެވެ.

ގަލްފުގެ ބާރުގަދަ ގައުމުތައް ކަމަށްވާ ސައުދީ އަރަބިއާ އާއި ޔޫއޭއީ އަދި ބަހުރެއިންގެ އިތުރުން މިސްރުން ވަނީ ގަތަރާ ގުޅުން ކަނޑާލައި، ދަތިކުރުމުގެ އެތައް ފިޔަވަޅެއް އަޅައިފަ އެވެ. ޓެރަރިޒަމަށް ހޭދަކުރުމާއި ސަރަހައްދުގައި ހަމަނުޖެހުން ހިންގާ ކަމަށް ގަތަރުގެ މައްޗަށް ތުހުމަތުކޮށް މި މަހު ކުރީކޮޅު، ސިޔާސީ ގުޅުން ކަނޑާލުމަށް ފަހު މިހާރު އެ ގައުމުތަކުން ގަތަރަށް ވަނީ 13 ކަމަކަށް މަޖުބޫރުކޮށްފަ އެވެ. އޭގެ ތެރޭގައި ދުނިޔެ އަށް މަޝްހޫރު ޓީވީ ޗެނެލް އަލް ޖަޒީރާ ހުއްޓާލުން ވެސް ހިމެނެ އެވެ.

މި ހުރިހާ ކަމެއް ފުރިހަމަ ކުރަން ގަތަރަށް ދިނީ އެންމެ 10 ދުވަހެވެ.

މި މައްސަލަ ހައްލުކުރަން އެމެރިކާ އިން މާ ބޮޑު ދައުރެއް އަދާނުކުރާތީ ދުނިޔޭގެ ގައުމުތަކުން ކަންބޮޑުވެ އެވެ. އަދި ވައިޓް ހައުސްގެ ތަރުޖަމާން އެގޮތަށް ވިދާޅުވުމުން، ގަލްފުގެ މައްސަލާގައި އެމެރިކާ އިން ސީރިއަސްވާ މިންވަރު އެނގޭ ކަމަށް ވެސް، ބައެއް ފަރާތްތަކުން ބުނެ އެވެ.

- މުސްލިމް ބްރަދަހުޑާ އެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލުން

- ހަތަރު ގައުމުގެ ރައްޔިތުންނަށް ހިމާޔަތް ނުދިނުން

- ޓެރަރިޒަމްގެ ކުށުގައި ހޯދަމުން އަންނަ އެ ހަތަރު ގައުމުގެ އެންމެން ހަވާލުކުރުން

- އެމެރިކާ އިން ޓެރަރިސްޓުން ކަމަށް ކަނޑައަޅާފައިވާ ގްރޫޕްތަކަށް އެހީތެރިވުން ހުއްޓާލުން

- ގަތަރުން އެހީ ދޭ ސައުދީ އާއި އެހެން ގައުމުތަކުގެ އިދިކޮޅު ފަރާތްތަކުގެ ތަފްސީލު ދިނުން

- އިގުތިސާދީ އަދި ސިޔާސީ ގޮތުން ވެސް އަރަބި އެހެން ގައުމުތަކާ އެއް ސިޔާސަތެއް ގެންގުޅުން

- އަލް ޖަޒީރާގެ އިތުރުން އަރަބި21، މިޑްލް އީސްޓް އައި އަށް، މާލީ އެހީ ދިނުން ހުއްޓާލުން

- މާލީ ގޮތުން ބަދަލު ދިނުން (ވަކި އަދަދެއް ބުނެފައެއް ނުވޭ)

ހަތަރު ގައުމުން ގަތަރަށް ކުރިމަތިވި ކުރުވި މި ޝަރުތުތަކާ ބެހޭ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި ސެކްރެޓަރީ އޮފް ސްޓޭޓް ރެޒް ޓިލާސަން އަދި ރަސްމީކޮށް އެއްޗެކޭ ވިދާޅެއް ނުވެ އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ ހަތަރު ގައުމުގެ ހުށަހެޅުން ލިބިފައިވާ ކަމަށާއި އެއަށް ދޭނެ ޖަވާބަކަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ތުހުމަތުކޮށްފައިވާ ގޮތުގައި އެންމެ މަތީ ފެންވަރުގައި ގަތަރުން ޓެރަރިޒަމަށް އެހީތެރިވެ އެވެ.

މެދުއިރުމަތީގައި އެމެރިކާގެ އެންމެ ބޮޑު މިލިޓަރީ ބޭސް އޮންނަނީ ގަތަރުގަ އެވެ. އަދި މިހާރު އުފެދިގެން އުޅޭ މައްސަލާގައި ހިމެނޭ ހުރިހާ ގައުމަކާ ވެސް އެމެރިކާ އިން ވަރަށް ގާތް ގުޅުމެއް ބާއްވަ އެވެ.