24 ޖޫން 2017 - 10:39

ތުރުކީގެ އިރު އުތުރު ސަރަހައްދުގެ ވޯޓާ ޕާކެއްގެ ޕޫލަކަށް އެރި އުޅުނު ތިން ކުއްޖަކާއި އެ ކުދިން ސަލަމާތްކުރަން ފުންމާލި ދެ މީހަކު، ކަރަންޓްގައި ޖެހި އިއްޔެ މަރުވެއްޖެ އެވެ.
ވެރިރަށް އިސްތަންބޫލާ 100 ކިލޯމީޓަރު ދުރުގައި އޮންނަ އަކިއާޒީ އަވަށުގައި ހިނގި މި ހާދިސާގައި، ކަރަންޓްގައި ޖެހުނު ކުދިން ސަލާމަތްކުރަން އުޅެނިކޮށް މަރުވީ ޕާކްގެ މެނޭޖަރާއި އޭނާގެ ފިރިހެން ދަރިފުޅެވެ. މި އެންމެން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފުރާނަ ސަލާމަތްކުރެވޭ ވަރެއް ނުވި އެވެ.
އަނިޔާވި އިތުރު މީހަކަށް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ޕޫލަށް ކަރަންޓް އައީ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަމަކު ހާދިސާ ހިނގުމާ އެކު ޕާކްގެ އެހެން މުވައްޒަފުން އެ ތަނުން ފެން ހުސްކޮށް އަނެއް ބަޔަކު ކަރަންޓް ކަނޑާލި އެވެ.
ތުރުކީގެ ނޫހެއް ކަމަށްވާ ހުއްރިޔަތުން ބުނާ ގޮތުގައި ކުދިން ސަލާމަތްކުރަން އުޅެނިކޮށް މަރުވީ ޕާކްގެ މެނޭޖަރު މެހެމަތު ކާޔާ، 58، އާއި އޭނާގެ ދަރިފުޅު ކާދިރު ކާޔާ، 30، އެވެ.
މަރުވި ކުދިންގެ އުމުރު އުޅެނީ 12، 15، 17 އަހަރުގަ އެވެ.