25 ޖޫން 2017 - 00:22

މި އަހަރުގެ ފިތުރު އީދާ ގުޅިގެން އަންނަ ޗުއްޓީއަކީ ވަގުންނަށް ވައްކަން ކުރުމުގެ ފުރުސަތު ހަނި ޗުއްޓީއަކަށް ހެދުމަށް ފުލުހުން މިރޭ އިލްތިމާސްކޮށްފި އެވެ.
އީދާ ގުޅިގެން އަންނަ ހަފްތާއެއްކޮށް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސައިފަ އެވެ. އެގޮތަށް ހަމަޖެހުމުން އީދު ބަންދަށް ހަތް ދުވަސް ލިބޭނެ އެވެ. އެއީ ހަފުތާ ބަންދު ދެ ދުވަސް ކަމަށްވާ ހުކުރާއި ހޮނިހިރު ދުވަސް ވެސް ހިމަނައިގެންނެވެ. ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ އަންނަ މަހުގެ ދޭއްގަ އެވެ.
އެހެންވެ، މާލޭގައި ދިރިއުޅެމުން އަންނަ ގިނަ ބަޔަކު އީދު ފާހަގަ ކުރުމަށް ރަށްރަށަށް ފުރަން ވަނީ ފަށައިފަ އެވެ. އަދި ރަށްރަށުގައި އުޅޭ ބައެއް މީހުން ޗުއްޓީއަށް ވަނީ މާލެ އަންނަން ފަށައިފަ އެވެ.
ފުލުހުންގެ ތަރުޖަމާނު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މި ޗުއްޓީއަކީ ސަލާމަތްތެރި، ވަގުންނަށް ވައްކަން ކުރުމުގެ ފުރުސަތު ހަނި ޗުއްޓީއަކަށް ހެދުމަށް ހުރިހާ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ރައްޔިތުން ޒިންމާ ނަގައިގެން ސަލާމަތްތެރި ފިޔަވަޅުތަކެއް އެޅުމަށް ޝިފާން އެދިވަޑައިގެންނެވި އެވެ.
ޝިފާން ވިދާޅުވި ގޮތުގައި ޗުއްޓީއަށް މީހުން ރަށްރަށަށް ދާއިރު، އިތުބާރު ކުރެވޭ ރައްޓެއްސަކާ ގޭގެ ހާލަތު ބެލުމަށް ހަވާލު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މާލީ ތަނަވަސްކަން ހުރިނަމަ، ކެމެރާ ކަހަލަ އިލެކްޓްރޯނިކް ސިސްޓަމެއް ހަރު ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަބަދު ބޮތްކެއް ނުވަތަ ހޮޅިބުރިއެއް ދިއްލާފައި ހުރުމުގެ ބަދަލުގައި ދުވާލު ގަޑީގައި ދިއްލުން ނިއްވުމަށް، ގޭގެ ހާލަތު ބަލަން ހަވާލު ކުރި ފަރާތަށް އިރުޝާދު ދޭން ޖެހޭ،" ޝިފާން ވިދާޅުވި އެވެ.
މީގެ އިތުރުން ޗުއްޓީ އަށް ދާއިރު އަގު ބޮޑެތި މުދަލާއި ފައިސާ ގޭގައި ބަހައްޓާފައި ނުދިއުމަށް ޝިފާން ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. އަދި ތަޅުދަނޑި ބޭރު ދޮރު ކައިރީގައި ފޮރުވުމަކީ ވައްކަން ކުރުމަށް ދެވޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި އެއީ ހަދާ ގޯހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަމައެއާކު، ޗުއްޓީ އަށް ދާކަން ސޯޝަލް މީޑިއާގައި އާންމު ނުކުރުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
ނިމިގެންދިޔަ ރޯދަ މަހު މާލޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.