ޖަރުމަނާއި ޗިލީ އެއްވަރުވިއިރު ސަންޗޭޒަށް ރެކޯޑެއް
ޖަރުމަނާއި ޗިލީ އެއްވަރުވިއިރު ސަންޗޭޒަށް ރެކޯޑެއް

ކަޒާން، ރަޝިއާ (ޖޫން 23) – ފީފާ ކޮންފެޑެރޭޝަންސް ކަޕުގައި ރޭ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނާ 1-1 އިން ޗިލީ އެއްވަރުވި މެޗުގައި ޖެހި ލަނޑާ އެކު ޗިލީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާގެ ޝަރަފް އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒަށް ލިބިއްޖެ އެވެ.

އާސެނަލް ދޫކޮށް މެންޗެސްޓާ ސިޓީއާ ގުޅޭނެ ކަމަށް ބެލެވިފައިވާ ސަންޗޭޒް ޗިލީ ގައުމީ ޓީމަށް 38 ލަނޑު ޖަހައިދީފައިވާއިރު ކުރިން މި ރެކޯޑް އޮތީ ލާޒިއޯ އާއި ޔުވެންޓަސް އަށް ކުޅުނު މާސެލޯ ސަލަސް އަތުގަ އެވެ. އޭނާ ވަނީ 1994-2007 އަށް 70 މެޗުން 37 ލަނޑު ޖަހައިދީފަ އެވެ. ސަންޗޭޒް 112 މެޗުން 38 ގޯލް ޖެހިއިރު އޭނާ އަކީ ޗިލީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް ވެސް އޮތް ކުޅުންތެރިއާ އެވެ.

ރޭގެ މެޗުގެ ހަ ވަނަ މިނެޓުގައި ސަންޗޭޒް ވަނީ ޗިލީ އަށް ލީޑު ނަގައިދީފަ އެވެ. ޖަރުމަނަށް އެއްވަރުކޮށްދިނީ 41 ވަނަ މިނެޓުގައި ލާސް ސްޓިންޑީލް އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ކެމަރޫނާއި އޮސްޓްރޭލިއާ ވެސް ވަނީ 1-1 އިން އެއްވަރުވެފަ އެވެ.

ހަތަރު ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އެއް ވަނައިގައި ޗިލީ އޮތްއިރު ޖަރުމަން އޮތީ ހަތަރު ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އޮސްޓްރޭލިއާ އާއި ކެމަރޫނަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕުން ސެމީގެ ޖާގަތައް ކަށަވަރުވާނީ އާދީއްތަ ދުވަހު ޖަރުމަނާއި ކެމަރޫން އަދި ޗިލީ އާއި އޮސްޓްރޭލިއާ ކުޅޭ މެޗުތަކަށް ފަހު އެވެ.

ގްރޫޕް އޭ އަށް ބަލާއިރު މެކްސިކޯ އާއި ޕޯޗުގަލް ވަނީ ކޮންމެ ޓީމެއް ހަތަރު ޕޮއިންޓް ހޯދައިފަ އެވެ. އެކަމަކު ލަނޑުގެ ތަފާތުން މި ވަގުތު އެއް ވަނައިގައި އޮތީ މެކްސިކޯ އެވެ. ރަޝިއާ ތިން ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ޕޮއިންޓެއް ނުލިބި އޮތް ނިއު ޒީލެންޑް ވަނީ ކަޓައިފަ އެވެ.

މި ގްރޫޕުގެ ފަހު މެޗުތައް މާދަމާ ރޭ އޮންނާނެ އެވެ. މެކްސިކޯ އާއި ރަޝިއާ ބައްދަލުކުރާއިރު ނިއު ޒީލެންޑް ނުކުންނާނީ ޕޯޗުގަލާ ދެކޮޅަށެވެ.