23 ޖޫން 2017 - 13:33

ދުނިޔޭގެ ތާރީޚުގެ ތެރެއިން ފެނިފައިވާ ވަރުގަދަ ޝަހުސިއްޔަތުތައް ނުވަތަ ކަންކަމުގައި ބޮޑެތި ކާމިޔާބު ހޯދާފައިވާ މީހުންގެ ދިރިއުޅުމާ މެދު ތިބާ އެއްވެސް ވަރަކަށް ވިސްނާލިންތޯ އެވެ؟ އެފަދަ މީހުންގެ ދިރިއުޅުމަށާއި ހޯދާފައިވާ ކާމިޔާބީތަކާ މެދު ފިކުރު ހިންގައިފި ނަމަ ފާހަގަ ވެގެންދާނެ އެއް ކަމަކީ، އެއިން ކޮންމެ މީހެއްގެ ވެސް ދިރިއުޅުން ފެށިގެން އައިސްފައި ވަނީ ވަރަށް ވެސް އާދައިގެ ގޮތުގައި ކަމެވެ. މިކަމަށް ހެކިދޭ ބައިވަރު ދުނިޔަވީ މިސާލުތައް އެބަ ހުއްޓެވެ.
މުޅި ދުނިޔެ އިން ގުނާލެވުނު މޮޅު ހިސާބު އިލްމުވެރިޔާ ސިރިނިވާސާ ރަމާނުޖަންގެ ވާހަކަ އަޑުއެއްސެވީ ތިޔައިން ކިތައް ބޭފުޅުންތޯ އެވެ؟ ސިރިނިވާސާ ރަމާނުޖަން އަކީ އަވަށްޓެރި އިންޑިޔާގެ ޓަމިލް ނާޑޫގެ ވަރަށް އާދައިގެ އާއިލާއަކަށް ނިސްބަތްވި މީހެކެވެ. އޭނާ އަކީ ހިސާބު އިލްމުގެ އަރާހުރި މާހިރެއް ކަމަކު ހައިރާން ކުރުވަނިވި ހަގީގަތަކީ، އޭނާ އަކީ ދުވަހަކު ވެސް ހިސާބު އިލްމު އުނގެނުމަށް އެފަދަ ކުލާހަކަށް ނުވަތަ މަދުރަސާއަކަށް ދިޔަ މީހެއް ނޫން ކަމެވެ.
ރަމާނުޖަންގެ ހަޔާތުގެ އެންމެ މުހިއްމު ދުވަސްތަކަކީ ހިސާބު އިލްމުގެ އާ ހޯދުންތައް އަމިއްލައަށް ހޯދައި ދިރާސާކުރުމުގެ މަސައްކަތް ކުރުމަށް އޭނާ ހޭދަކުރި ދުވަސްތަކެވެ. ރަމާނުޖަން އަށް ދުނިޔޭގެ ސަމާލުކަން އަމާޒުވީ އޭނާ ކުޑައިރު ކޮށްފައިވާ ދިރާސާތައް، އިނގިރޭސި ވިލާތުގެ ކެމްބްރިޖް ޔުނިވާސިޓީގެ އޭރުގެ ހިސާބު ޕްރޮފެސަރެއް ކަމަށްވާ ޕްރޮފެސަރު ހާޑީ އަށް ފާހަގަކުރެވުނު ހިސާބުންނެވެ. ރަމާނުޖަންގެ މަސައްކަތުގެ މޮޅުކަން ފާހަގަކުރެވި ޕްރޮފެސަރު ހާޑީ ކެމްބްރިޖުގެ ޓްރިނިޓީ ކޮލެޖްގައި އޭނާއާ އެކު ފަސް އަހަރު ދުވަސް ވަންދެން މަސައްކަތް ކުރުމުގެ ފުރުސަތު ރަމާނުޖަން އަށް ފަހިކޮށްދިނެވެ.
ޕްރޮފެސަރު ހާޑީއާ އެކު ކެމްބްރިޖްގައި ރަމާނުޖަން ހޭދަކުރި ކުރު މުއްދަތުގައި، އޭނާ ކޮށްފައިވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އޭނާއަށް ވަނީ ދުނިޔޭގެ އެންމެ މަތީ ސައިންސުވެރިންގެ މަގާމު ކަމަށްވާ ފެލޯ އޮފް ރޯޔަލް ސޮސައިޓީގެ މަގާމު ވެސް އެރުވިފަ އެވެ.
މި މަގާމު އޭނާއަށް ލިބުނީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އުމުރުން އެންމެ 32 އަހަރުގައި ރަމާނުޖަން ދުނިޔެ ދޫކުރި ނަމަވެސް އޭނާ ހޭދަކުރި މަދު ދުވަސްކޮޅުގައި އޭނާ ވަނީ 39،000 އަށް ވުރެ ގިނަ ހިސާބުގެ އީކުއޭޝަންތަކާއި ފޯމިއުލާތައް އުފައްދާފަ އެވެ. އަދި މިއިން ކޮންމެ ފޯމިއުލާއެއް ވެގެން ދިޔައީ ޒަމާނީ ހިސާބު އިލްމުގެ އެކިއެކި ބައިތަކަށް ވަރަށް ބޭނުންތެރި އަދި ވަރަށް މުހިއްމު އެއްޗެއް ގޮތުގަ އެވެ. އަދި މި ހޯދުންތައް މިއަދާ ހަމަޔަށް އައިސްފައިވާއިރު، މި ޖީލުގެ އެތައް ހިސާބު އިލްމުވެރިންނާއި ތަފާތު އެތައް އެހެނިހެން އިލްމުވެރިން ވެސް ވަނީ ރަމާނުޖަންގެ މަސައްކަތްތައް ސީދާ ގޮތުގައި އަދި ނުސީދާ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން އެއިން ހިތްވަރު ވެސް ހޯދާފަ އެވެ.
އާއެކެވެ. ރަމާނުޖަން އަކީ ވަރަށް ވެސް އާދައިގެ އާއިލާއަކަށް ނިސްބަތްވި މީހެކެވެ. އޭނާ ހިސާބު ތައުލީމު ހާސިލުކުރި މަދަރުސާއެއް ވެސް ނެތެވެ. ހިސާބު އިލްމުން ދުނިޔޭގެ ފެންވަރުގެ އާ ހޯދުންތައް އޭރު އޭނާ ހޯދީ އެއްވެސް އެހެން މީހެއްގެ އެހީއާ ނުލައި ގިނިކަންޏާ އެވެ. އަދި ކުރިން ވެސް ފާހަގަކުރި ފަދައިން އިލްމީ ގޮތުން މުޅި ދުނިޔެއަށް އިންގިލާބު ގެނެސްދީފައިވާ މި ހޯދުންތައް އައިސްފައިވަނީ ދުނިޔޭގެ ނަން ހިނގާ މީހުން ދިރިއުޅޭކަމަށް ނަން މަޝަހޫރު ވެފައިވާ ހިސާބަކުން ވެސް ނޫނެވެ. އެއާ ޚިލާފަށް ދުނިޔޭގެ ވަރަށް އާދައިގެ ހިސާބަކުންނެވެ.
ޔަގީނެވެ. ރަމާނުޖަން ފަދަ މީހުންގެ ވާހަކަތަކުން އިލްމީ ގޮތުން އަގުހުރި އަދި އިބްރަތްތެރި ފިލާވަޅުތަކެއް އަޅުގަނޑުމެންނަށް ހާސިލު ކުރެވެ އެވެ. އެއީ، މޮޅު މީހަކަށް ވާން ވަރުގަދަ ހާންދާނެއްގެ ވެރިއަކަށް ވާން ނުޖެހޭ ކަމެވެ. އަދި މޮޅު މީހަކަށް ވާކަށް މާ ބައިވަރު ވަސީލަތްތަކެއް ވެސް ބޭނުން ނުވާ ކަމެވެ. މޮޅު މީހަކަށް ވާން ތިމާއަށް ބޭނުންވަނީ ހިތްވަރާއި ހީވާގި ކަން އަދި ހިތްތިރިކަމެވެ. އަދި އެކަމަށް ބޭނުންވަނީ ކެތްތެރިކަމާ އެކު ކޮށޭ މަގަކުން ކުޅަދާނަކަމާ އެކު ކުރިއަށް ދާން ކެރުމުގެ ހުނަރެވެ.