ކުރު ވާހަކަ: މައާފް
ކުރު ވާހަކަ: މައާފް

އެނދުން ހިއްލައިލިއިރު ނުވަގަޑި ފަނަރައެވެ. ބާކީ އޮތީ ދެން އެންމެ ވިހި މިނިޓެވެ. ތުއްތު ނިހާ ނަގައި ތެދުކޮށްގެން ފާޚާނާއަށް ވެއްދީމެވެ. އާދައިގެ މަތިން ފުރަތަމަ ފަސް މިނިޓް ހޭދަވީ ދަރިފުޅު މަސަލަސް ކުރުމުގައެވެ. ހެނދުނު ތެދުވަން ދަރިފުޅު އަބަދުވެސް ބޮޑާ ހާކައެވެ. އެކަމަކު ސުކޫލަށް ދާން މަގުމައްޗަށް ނިކުންނައިރު ހުންނާނީ ހަމަޖެހިފައެވެ. ފެންވަރުވަން ހުރެފައި ވެސް ދެފަހަރަކު ނިކުމެ ގަޑި ބަލައިލީމެވެ. އާދައިގެ އެހެން ދުވަސްތަކެކޭވެސް އެއްފަދައިން ކިރިޔާ ގަޑިއަށް ލައްވައިލި ކަމެވެ. އަހަންނަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ.

އަންނަން ވެގެން އެނބުރިލިއިރު ދުރުގައި ހުރި ޒުވާނަކު ލޮލުގައި އަޅައިގަތެވެ. އަހަރެން ބަލައިލުމުން ނޫންކަމަށް ހެދިފައި އެނބުރުނީ އަނެއްފަރާތަށެވެ. ދެން ހިނގައިގެންފައި ގޮސް ފުރަތަމަ ޖެހުނު ގޯޅިން އަޅާލައިފިއެވެ. ހިތް ބުނެލީ އެއީ ކޮންމެވެސް ތާކުން ފެނިފައިވާ ޒުވާނެއް ކަމުގައެވެ. އެކަމަކު ކޮންތާކުން ހެއްޔެވެ؟

އެނބުރި ގެއަށް ގޮސް މަސައްކަތުގެ ތެރެއަށް ވަނީމެވެ. ފަހަން ހަވާލުވެފައި ހުރި ބައެއް ހެދުންތައް ނިންމަން ޖެހޭ ތާރީޚު އޮތީ ދާދި ކައިރީގައެވެ. އެތަނުން އެކަކު ގުޅީ އަހަރެން އެމަސައްކަތުގައި އިންދައެވެ. އެކޮޅުން ގުޅި ކުއްޖާ އެހީ ބުނި ދުވަހަށްވުރެ ދެ ދުވަސް އަވަސް ކޮށްދެވިދާނެތޯއެވެ. ތާރީޚާއި ދުވަސް ބަލަން ބޭނުންވެގެން ކަލަންޑަރާއި ގާތްވެލީމެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ޖޫން މަހުގެ އަށެއް ގައެވެ. ކަޅާއި ހުދުގެ ފިލްމެއްހެން ޝިފާންގެ ހިނިތުންވެފައިވާ މޫނު ހަނދާނަށް އައެވެ. އަހަރެންނަށް ހޭވެރިކަން އައީ ޚަބަރެއް ނުވެގެން ގޮވީމައެވެ. ޖަވާބު ދޭން ވެގެން އަހަރެން ފުރަގަސްދިނީމެވެ.

އެފޯނު ނިމުމުން އެނބުރެވުނީ އަނެއްކާވެސް ކަލަންޑަރާއި ދިމާއަށެވެ. އަތް ޖައްސާލެވުނީ ނަންބަރު އަށެއްގައެވެ. އެއީ އަހަރެންގެ ހުރިހާ އެއްޗެއް އަހަރެންގެ އަތުން ނިގުޅައިގަނެވުނު ދުވަހެވެ. ޝިފާންގެ ހިނިތުންވުން އަބަދަށްޓަކާއި ނެތިގެން ދިޔަ ދުވަހެވެ. އަހަރެންގެ ބޯމަތީ ބާއްވާލެވިފައިވާ އޭނަގެ ހިމާޔަތުގެ އަތް ނެގުނު ދުވަހެވެ. ދަރިފުޅު ބައްޕަގެ ލޯބިން މަހުރޫމު ކޮށްލެވުނު ދުވަހެވެ. ޝިފާންގެ ހަމައެކަނި ކުށަކީ ނުބައި ވަގުތެއްގައި ނުބައި ތަނެއްގައި ހުރެވުނު ކަމެވެ. ޓްރެފިކް ގަވާއިދާ ޚިލާފަށް ދުއްވާފައި އައި ސައިކަލެއްގެ ޝިކާރައަކަށް އޭނަ ވިއެވެ. ވިއްސައިގެން ގޮސް އެހަށިގަނޑު ޖެހުނު ތަނުގައި ލޭކޯރު ދެމިގެން ދިޔައެވެ. ފުރާނަ ދާން ނެގީ މަދު ވަގުތުކޮޅެކެވެ. ކުޑަމިނުން ލޯބިވާ ފަރާތްތައް ދެކިލުމުގެ ފުރުސަތުވެސް ނުލިބުނެވެ.

ކަރުނަ ފުހެލާފައި ގޮސް، ފަހާފޮށި ދޮށުގައި އިށީނދެލީމެވެ. އަހަރެން ހަނދާންވީ ދެނެވެ. ކަންފަތް ދޮށުގައި ވައިރޯޅި އައިސް ކިޔައިލި ސިއްރެއްފަދައިން ބުނެދިނީ އެއީ ކާކުކަމެވެ. އާއެކެވެ. އެއީ ޝިފާންގެ އެކްސިޑެންޓްގެ ފަހަތުގައި ހުރި ޒުވާނާއެވެ. އެއީ ޝިފާންގެ ޤާތިލެވެ. އެޒުވާނާ އެ އައީ އަހަރެންނާއި އަހަރެންގެ ދަރިފުޅުގެ ކިބައިން ބަދަލު ހިފާށެވެ. ދެން އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟

ކައްޓެއްހެން ފުންމައިގެން ތެދުވެވުނެވެ. އިސާހިތަކު ނިތްކުރިން ފިނި ދަލެއް ނިކުންނަން ފަށައިފިއެވެ. ޓެކްސީއަކަށް ގުޅަންވެގެން ފޯނު ނެގިއިރު އަތް ތުރުތުރު ލައެވެ. ފިނިކަމުން ގަނޑުފެންކޮޅެއް ފަދައެވެ. ކޮނޑު އޮތް ފުރޯ ވަލުން ހޯދާހެން ބޮލުގައި އޮތް ބުރުގާ ނުފެނިގެން އެނބުރެވުނެވެ. އެކަން އެނގުނީ ލޯގަނޑުން އަމިއްލަ ސޫރަ ފެނުނީމައެވެ. ޓެކްސީ އައުމުގެ މާކުރިން އަހަރެން ނިކުމެ ހުރީ ދޮރުމަތީގައެވެ. ހުއްޓިނުލާ ހުރެގެން ދެކޮޅަށް ހިނގުނެވެ. ޓެކްސީ އައުމުން އޭގައި އިންއިރު ވެސް ގަޑި ބެލުނީ މާވަރަކަށެވެ.

އަހަންނަށް ދެވުނުއިރު އަދި އެއްވެސް ބެލެނިވެރިއަކު ނުދެއެވެ. ގަޑިޖެހެން ބައިގަޑިއިރު ހުއްޓާ ގޮސް ވަނުމުން ސުވާލުތައް ކުރިމަތިވިއެވެ. އަހަރެން ބުނީ އާއިލާ ކަމެއް ދިމާވެގެން ނިހާ ގެއަށް ގެންދަން އައި ކަމުގައެވެ. ހުއްދަ ލިބުމުން ދަރިފުޅު އުރާލައިގެން ނިކުމެ މަގުގެ ދެކޮޅު ހޯދާލީމެވެ. ޓެކްސީ އޮތީ މިނެޓަކުން ހިނގާލައިފައި ދެވޭ ހިސާބުގައެވެ. ދަރިފުޅު ކުރަން ފެށި ސުވާލުތަކަށް ޖަވާބު ދޭކަށް އަހަރެން ނުހަދަމެވެ. އެއަށްވުރެ މުހިންމުވީ އަހަރެމެން ދެމައިންގެ ސަލާމަތެވެ.

އެކުވެރި ފުލުހަކަށް ގުޅައިގެން ވެގެން އުޅޭ ގޮތް ކިޔައިދިނުމުން އެހީވެދޭން އެއްބަސްވިއެވެ. އޭނަ ކަންތައް ކުރަންވީ ގޮތް ބުނެދިނުމުން އަހަރެން މައްސަލަ ރިޕޯޓް ކުރީމެވެ. އަހަރެންގެ އެކުވެރިޔާ އަނެއް ދުވަހު ގުޅިއެވެ. ބުނީ ޒުވާނާ ހައްޔަރުކޮށްގެން ސުވާލު ކުރަން ގެންދެވުނު ވާހަކައެވެ. އަހަރެންނަށް ހަމަ ނޭވާލެވުނީ ދެނެވެ. އެކަމަކު ދެން ލިބުނު ޚަބަރު މާ ނުރައްކާތެރިއެވެ. އެއީ ޒުވާނާ އާއި ދެކޮޅަށް އެއްވެސް ހެއްކެއް ނެތުމުން ދޫކޮށްލި ވާހަކައެވެ. އަހަންނަށް ޔަޤީންވިއެވެ. އެހިސާބުން ދެން އަހަރެންނާއި އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމަށް ނުރައްކާވީއެވެ.

ހަފުތާއެއް ވީއިރު ދަރިފުޅު ސުކޫލަށް ނުގެންގޮސް ހިފެހެއްޓީމެވެ. ނިހާ ކިތަންމެ ބޮޑައި ދެއްކިއަސް އަހަރެން ނުފެންނަ ހިސާބަށް ދާކަށް އެއްބަހެއް ނުވަމެވެ. އޭނަގެ ތިމާގެ ކުދިން ގޭގެއަށް ކުޅެން ދާން އެދެމެވެ. އަހަރެންގެ ޖަވާބު ބަދަލު ނުވުމުން ރޮއެއެވެ. އަހަރެން ހުންނަނީ އަބަދު ސިހި ސިހިއެވެ. މީހަކު ދޮރެއް ހުޅުވާލިއަސް ބަލައިލެވެއެވެ. ބެލް ޖަހާ އިރަށް ކޮންމެ ތާކު އޮވެފައިވެސް އައީ ކާކުތޯ ބަލަން ދެވެއެވެ. ދޮންބެއާއި ފިރިހެން ކޮއްކޮމެން އަހަރެންނާއި ދަރިފުޅުގެ ރައްކާތެރިކަން ޔަޤީންކޮށްދިނަސް ބިރެއް ނުފިލިއެވެ. ޝިފާން މަތިން ހަނދާން ވަނީ އަދި މާބޮޑަށެވެ. ލޮލުން ކަރުނަ ހިކިފައި ހުންނަ އިރެއް މަދެވެ. އަހަރެން ރޯތީވެ ނިހާވެސް އެވަރަށް ރޮއެއެވެ.

މަންމަމެން އާދޭސް ކޮށްގެން އަހަރެން އަނެއްކާވެސް ނިހާ ސުކޫލަށްގެންދަން ފެށީ ދެވަނަ ހަފްތާ ތެރޭގައެވެ. މަގުމަތީ ހުންނައިރު ވަށައިގެން ހިނގާ މީހުންގެ ތެރެއިން އޭރުވެސް އެޒުވާނާ ހޯދެއެވެ. އެކަމަކު ދެވަނަ ފަހަރަށް އަހަރެން ފެންނަ ހިސާބަކަށް ނާދެއެވެ. އެގޮތުގައި ދުވަސްތަކެއް ފާއިތުވެގެން ދިއުމުން އަހަރެން ހަމައަކަށް އެޅުނެވެ. އެޒުވާނާ މަތިން ހަނދާން ނެތުނެވެ.

އާދައިގެ މަތިން ސުކޫލް ނިމޭ ގަޑިއަށް ބަލާ ގޮސް ހުރީމެވެ. ފަހަރަކު ކުއްޖަކު ނިކުމެގެން ގޮސް ތަން ހުސްވިއެވެ. އަހަރެން ހުރެ ހުރެ ނިހާއެއް ނުނިކުތެވެ. ހައިރާންވެފައި ހުރެގެން ކުރިއަށް ޖެހިލީމެވެ. ޓީޗަރުމީހާ އޭރު އެތެރެއަށް ވަންނަނީއެވެ. އަހަރެން ސުވާލު ކުރުމުން އޭނަ ދިން ޖަވާބުން ސިހުން ގެނައެވެ. ނިހާ ކޮންމެވެސް ބޭބެއަކާއިއެކު ނިކުމެއްޖެއެވެ. ފައިދަށުން ބިންގަނޑު ދެމިގަތް ނަމަވެސް ނުގަންނާނެހާ ބިރު ގަތެވެ. ނިހާއަށް ގޮވަމުން މޮޔައެއްހެން ދުއްވައިގަނެވުނެވެ. މަގުމައްޗަކަށް މަގުމަތީގެ ގަވާއިދަކަށް ބަލާކަށް ހަނދާނެއް ނުވިއެވެ. މަގުގެ އަނެއް ފަޅީގައި ހުރި އެއުމުރުގެ ސުކޫލް ކުއްޖަކު ފެނިގެން މަގު ހުރަސްކުރަން ދިމާކުރެވުނީ އެންމެ ނުބައި ގަޑީގައެވެ. ފަހަތުން ކޮންމެވެސް މީހަކު އަހަރެން ކޮށްޕާލައިފައި ޕޭމެންޓް މައްޗަށް ވައްޓާލިކަން އެނގުނެވެ. ދެން ވީގޮތެއް ނޭނގުނެވެ.

ހޮސްޕިޓަލުގައި އޮވެ ހޭއެރިއިރު އާއިލާ އެންމެން ތިއްބެވެ. ނިހާ ސުކޫލުން ނެރުނީ ދޮންބެކަން އޮޅުންފިލީ ދެނެވެ. ދޮންބެ އެވާހަކަ ބުނަން ގުޅިއިއިރު އަހަރެންގެ ފޯނު އޮތީ ގޭގައެވެ. ނިހާ ފެނުމުން އެކުއްޖާ ގެނެސް މޭގައި ޖައްސާލެވުނެވެ. އަހަރެންނާއި ދިމާއަށް ދުއްވާފައި އައި އެތައް ބައިވަރު އުޅަނދެއްގެ ކުރިމަތިން އެއްފަރާތް ކޮށްދިން މީހާ މަތިން ހަނދާންވީ ދެނެވެ. އަހަރެން ސުވާލު ކުރުމުން ދޮންބެ އަހަރެން އަތުގައި ހިފައިގެން އޭނަގެ އެނދާއި ހަމައަށް ގެންގޮސްދިނެވެ. ބޯ ބެންޑޭޖްކޮށްފައި އޮތީ ކާކުކަން ދެކެފައި މެއަށް ފިނިގަނޑު ވަނެވެ. މާހިންގެ ހަޤީޤަތް ކިޔައިދިނީ އެހީތެރިއަކަށް ހުރި އެކުވެރިޔާއެވެ.

މާހިންގެ ކުށުން ހިނގި އެކްސިޑެންޓަކީ އޭނަގެ އެންމެ ބޮޑު ހިތާމައެވެ. ހަތް އަހަރު ޖަލުގައި ހޭދަކޮށްފައި ނިކުމެ ފުރަތަމަވެސް ބަލަން ބޭނުންވީ ޝިފާންގެ އާއިލާގެ ހާލު ހުރިގޮތެވެ. ދިރިއުޅުން ހުރި ގޮތެވެ. އޭނަ ކުރި އާދޭހުގެ ސަބަބުން އަހަރެންގެ މައުލޫމާތު ހޯދީ މި އެކުވެރިޔާއެވެ. ޝިފާންގެ މޫނަކީ ކޮންމެ ދުވަހަކު ނިދީގައި މާހިންއަށް އުދަނގޫ ކުރާ މޫނެކެވެ. ކުރެވުނު ފާފަ ފުހެވޭތޯ އޭނަ ނުކުރާ ހެޔޮ އަމަލެއް ނެތެވެ. އެކަމަކު އަދިވެސް ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. މިހާރު އެންމެ ބޭނުންވަނީ އަހަރެންގެ އާއިލާގެ މަޢާފެވެ. އަހަރެންނަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކުށެއް ކުރެވުމުން އެކަމާއި ހިތާމަ ކުރަނީ ކިތައް މީހުން ހެއްޔެވެ؟ ވެދިޔަތަން އަނބުރާ ނުގެންދެވުނަސް އޭގެ ބަދަލު ދޭން މަސައްކަތް ކުރަނީ ކިތައް މީހުން ހެއްޔެވެ؟ ގެއްލިގެން ދިޔަ ޝިފާންގެ ފުރާނައިގެ ބަދަލުގައި އޭނަ އަހަރެންގެ ފުރާނަ ސަލާމަތް ކޮށްދިނެވެ. އަހަރެން މާހިންއަށް މަޢާފު ކުރީ ހިތުން ޝަކުވާތައް ފިލައި މުޅިން ހިތް ސާފު ވެގެނެއް ނޫނެވެ. އެކަމަކު މަޢާފަށް އެދޭ މީހާއަށްވުރެ މަޢާފް ދޭ މީހާ އެތައް ގުނައެއް މަތިވެރިކަން އެނގޭތީއެވެ. -- ނިމުނީ --