22 ޖޫން 2017 - 17:28
ޖެންޑާ މިނިސްޓްރީ އަށް މިިދިޔަ މަހު 200 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެެވެ.
މިިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތަފުސީލު ހާމަކޮށް ޖެންޑާ އިން ނެރުނު ބަޔާނުގައި ބުނީ އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް އަނިޔާކުރުމުގެ މައްސަލަތައް ކަމަށެވެ. އޭގެ 118 މައްސަލައެއް ހުށަހަޅައި އެ މައްސަލަތައް މިނިސްޓްރީން ވަނީ ބަަލައިފަ އެވެ.
އެ މައްސަލަތަކުގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ހާނިއްކަ ކުރުމުގެ މައްސަލަތައް ހިމެނެ އެވެ. އޭގެ 36 މައްސަލައެއް ހުށަހަޅާފައިވާއިރު 25 މައްސަލައެއްގައި ޝިކާރައަކަށް ވެފައިވަނީ އަންހެން ކުދިންނެވެ. ނަފްސާނީ ގޮތުން އަނިޔާކޮށްގެންނާއި އިހުމާލުވުމާއި ބުލީ ކުރުމުގެ ވެސް ތަފާތު މައްސަލަތައް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދެ ވަނަ އަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވަކި ޖިންސަކަށް ވީތީ އަނިޔާކުރުމާއި ގެވެށި އަނިޔާގެ މައްސަލަތަކެވެ. އޭގެ 33 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.
އެކި ކުށްތައް ކޮށްގެން ކުޑަކުދިންނާ ގުޅޭ 10 މައްސަލައެއް މިނިސްޓްރީ އަށް ހުށަހެޅި އެެވެ. އޭގެ ތެރޭގައި މާރާމާރީ ހިންގުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަންކުރުން ފަދަ ކަންތައްތައް ހިމެނެ އެެވެ. އަދި ކުޑަކުދިންގެ އަހުލާގާ ގުޅޭ 19 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ސާފު ބޯފެނާއި ކަރަންޓް ފޯރުކޮށްނުދިނުން ފަދަ ހައްގުތަކުން ކުޑަކުދިން މަހުރޫމްކޮށްގެން ނުވަ މައްސަލައެއް މިދިޔަ މަހު ހުށަހެޅި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މުސްކުޅިންނާ ގުޅޭ ނުވަ މައްސަލައެއް ހުށަހެޅި އެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅޭ 15 މައްސަލައެއް ހުށަހެޅި ކަމަށް ޖެންޑާ މިިނިސްޓްރީން ބުންޏެވެ.