22 ޖޫން 2016 - 19:33

މަޖިީދީ މަގުގައި ހިންގި މާރާމާރީއެއްގައި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދު މަރާލިކަން ސާބިތުވެގެން މަރަން ހުކުމްކޮށްފައިވާ ގ. ރީފް މުހައްމަދު ނަބީލްގެ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފި އެވެ.

މާޗް، 2009 ގައި މަޖީދީ މަގުގައި ހިންގި މާރާމާރީއެއްގައި ފަރުހަދުގެ ބުރަކަށްޓަށް ކަޓަރެއް ހަރާލުމުން އޭނާ މަރުވި މައްސަލާގައި ދަށު ކޯޓާއި ހައި ކޯޓުން ވެސް ހުކުމް ކޮށްފައިވަނީ ނަބީލް މެރުމަށެވެ. އެ ހުކުމުގެ ސައްހަ ކަން ކަށަވަރުކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ދެ ފަރާތުން ވެސް މިއަދު ވަނީ މައްސަލައިގެ ދައްކަންޖެހޭ ހުރިހާ ވާހަކައެއް ދައްކައި، ފަހު ބަސް ބުނެފަ އެވެ.
އެހެންވެ އެ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށް ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބަލާ އެ މައްސަލާގައި ވަނީ އިއުލާންކޮށްފަ އެވެ. އެކަމަކު ހުކުމް ކުރާނެ ދުވަހެއް ފަނޑިޔާރުން ވިދާޅެއް ނުވެ އެވެ.
ކުރިއެކޭ ވެސް އެއްގޮތަށް މިއަދުގެ އަޑުއެހުމުގައި ވެސް ދައުލަތުން ބުނަމުން އައީ ނަބީލް މަރަން ކުރި ހުކުމް ރަނގަޅު ކަމަށާއި އެ ހުކުމް ރަނގަޅު ކަމަށް ނިންމައިދޭން އެދޭ ކަމަށެވެ.
ތަހުގީގާއި ޝަރީއަތް ވެސް ކުރި އަށް ގެންދިޔައީ ނަބީލަށް ހުރިހާ ހައްގުތަކެއް ދީގެން ކަމަށާއި ތަހުގީގުގައި ވަކީލަކު ބޭނުން ކުރުމުގެ ހައްގު ނަބީލް އަމިއްލަ އަށް ދޫކޮށްލީ ކަމަށް ދައުލަތުން ބުންޏެވެ. އަދި ފަރުހަދަށް ނަބީލް ހަމަލާދިން ތަން ހެކިންނަށް ނުފެންނަ ކަމަށް ނަބީލްގެ ފަރާތުން ބުނާ ބުނުމަކީ ދޮގެއް ކަމަށާއި ހެކިންގެ ބަހުން އެ މަންޒަރު އެ މީހުންނަށް އެނގޭ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އަދި ފަރުހަދު މަރުވުމުގެ އަސްލު ސަބަބު ކަމަށްވާ ކަޓަރެއް އޭނާގެ ބުރަކަށްޓަށް ހަރާލީ ނަބީލް ކަން ނަބީލް ތަހުގީގަށް ދިން ބަޔާނުންނާއި ނަބީލްގެ ކޮއްކޮ ތަހުގީގަށް ދިން ބަޔާނުން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ނަބީލް ތަހުގީގުގައި ކުށަށް އެއްބަސްވީ މަޖުބޫރު ކުރުމުން ކަމަށް ނަބީލްގެ ފަރާތުން ބުންޏަސް ތަހުގީގުގައި މަޖުބޫރު ކަމެއް ކުރިމަތިިވެފައިނުވާ ކަމަށް ނަބީލް އަމިއްލަ އަށް ދަށު ކޯޓުގައި ބުނެފައިވާ ކަން ދައުލަތުން ފާހަގަ ކުރި އެވެ. ކުށަށް އެއްބަސްވެ، ތަހުގީގުގަށް ދިން ބަޔާނުަގައި ސޮއިކުރީ އެ ބަޔާން ނުކިޔާ ކަމަށް ނަބީލް ބުންޏަސް ނަބީލް އެ ބަޔާނުގައި ސޮއިކުރީ ބަޔާން ކިޔުމަށް ފަހު ކަން ވީޑިއޯ ފުޓޭޖުން ފެންނަ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ފަރުހަދުގެ މަރުގެ ސަބަބާ މެދު ނަބީލްގެ ފަރާތުން އުފައްދާފައިވާ ޝައްކުތަކާ ގުޅޭ ގޮތުން ދައުލަތުން ބުނީ ފަރުހަދު ބެލި ޑޮކްޓަރުގެ ހެކިބަސް ދަށު ކޯޓުގައި ނެގި ކަމަށާއި އެ ފަރާތާ ސުވާލު ކުރުމުގެ ފުރުސަތު ވެސް ނަބީލަށް ލިބުނު ކަމަށެވެ. އަދި އެ ޑޮކްޓަރުންގެ ފަރާތުން އިތުރު ކަންކަން ސާފުކުރަން ފެނިއްޖެ ނަމަ އެ ޑޮކްޓަރު ސުޕްރީމް ކޯޓަށް ހާޒިރު ކުރަން ދެކޮޅު ނަހަދާ ކަމަށް ވެސް ދައުލަތުން ބުންޏެެވެ.
އެ މައްސަލާގައި ނަބީލާ އެކު މާރާމާރީ ހިންގި މީހެއްގެ ޓީޝާޓުން ފަރުހަދުގެ ޑީއެންއޭ ފެނުމުން އެކަމަށް ނަބީލްގެ ފަރާތުން ސުވާލު އުފައްދާފައިވާތީ ދައުލަތުން ބުނީ ފަރުހަދުގެ ޑީއެންއޭ އެހެން ޓީޝާޓުގައި ހުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެއީ އޭނާ އަށް ހަމަލާދިނީ އެތައް ބަޔަކު ބައިވެރިވެގެން ކަމަށް ވާ އިރު ހަމަލާ ދޭ ވަގުތު އެއިން މީހެއްގެ ގައިގައި ޑީއެންއޭ ހޭކުމުގެ ފުރުސަތު އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވައި، ނަބީލްގެ ވަކީލް އަލީ ޝާހު ވިދާޅުވީ ތަހުގީގުގައި ވަކީލުންގެ ހައްގު ނަބީލް ދޫކޮށްލީ ފުލުހުންގެ ފިއްތުންތަކުގެ ސަބަބުން އިތުރު ގޮތެއް ނެތިގެން ކަމަށެވެ. އަދި ތަހުގީގު ހިންގީ ވެސް އުސޫލުތަކުގެ ބޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރުހަދުގެ މަރުގެ އަސްލު ސަބަބު ކަމަށް ވާ އޭނާގެ ބުރަކަށްޓަށް ކަޓަރެއް ހެރީ ނަބީލް ކަން ހެކިންގެ ބަހުން ނޭނގޭ ކަމަށާއި އަދި ހަރާފައިވަނީ ވެސް ކަޓަރެއް ކަމެއް ނުވަތަ ވަޅިއެެއް ކަމެއް އެނގެން ނެތް ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ފަރުހަދަށް ފަރުވާ ދިނުމުގައި އަމަލުކުރި އިޖްރާއާތާ މެދު ސުވާލު އުފެދޭ ކަމަށާއި އެހެންވެ ޑޮކްޓަރުން އަލުން ކޯޓަށް ގެންނަން ޖެހޭ ކަމަށް ޝާހު ވިދާޅުވި އެވެ.
އެ މައްސަލާގައި ބަލަންޖެހޭ މުހިންމު ކަންތައްތަކެއް ބަލާފައި ނެތް ކަމަށާއި އެހެންވެ އެ މައްސަލަ އަލުން ޝަރީއަތް ހިންގަން ދަށު ކޯޓަށް މައްސަލަ ފޮނުވަން ޝާހު އެދިވަޑައިގަތެވެ.
އެ މައްސަލައިގައި ނަބީލްގެ އިތުރުން އިތުރު ބަޔަކަށް ވެސް ދައުވާކުރި އެވެ. އެ މީހުންގެ މައްޗަށް މާރާމާރީގެ ކުށް ސާބިތުވުމުން އެ މީހުންނަށް އިއްވީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.