ދެރަވެގެން ހިތް ހަލާކުވެދާނެ
ދެރަވެގެން ހިތް ހަލާކުވެދާނެ

ދެރަވާ ކަމެއް ދިމާވުމުން، އެއީ ހިތްހަލާކުވާ ފަދަ ކަމެކޭ ބުނަނީ މަޖާޒީ ގޮތުން ނޫން ކަމަށް މިހާރު ބުނެވިދާނެ އެވެ. ދެރަވުމުން ހިތަށް ގެއްލުންވާކަން ދިރާސާތަކުން ހާމަވެ އެވެ. ހިތް ހަލާކުވުމަކީ ހިތް ހުއްޓުމުން ދިމާވާ ކަހަލަ ދިގު މުއްދަތުގެ ގެއްލުންތަކެއް ހިތަށް ލިބޭ ކަމެއްކަން ވެސް މި ދިރާސާތަކުން ހާމަވެފައިވެ އެވެ.

"ހާޓް ބްރޭކް ސިންޑްރޯމް" ނުވަތަ ޓަކޯސޫބޯ ސިންޑްރޯމް ގިނައިން ޖެހެނީ އަންހެނުންނަށެވެ. ދިރާސާތަކުން ދައްކާ ގޮތުން ހިތުގެ މަސްތައް ކުއްލިއަކަށް ހަލާކުވާން މެދުވެރިވަނީ އާއިލާގެ މީހަކު މަރުވުން، ވަރިވުން، ލޯބިވެރިޔާ ނުވަތަ ފިރިމީހާ ބޭވަފާތެރިވުން ފަދަ ކަންތައްތައް ކުއްލިއަކަށް ދިމާވުމުން ހޯމޯންސްތަކުގެ މަސައްކަތް ކުއްލިއަކަށް މާ ގަދަޔަށް ހިނގައިގަތުމުންނެވެ. މިއީ ކުއްލިއަކަށް މީހާ މަރުވެސް ވެދާނެ ފަދަ ކަމެކެވެ.

ކުއްލިއަކަށް ބައިވަރު ފައިސާ ލިބުން ކަހަލަ ވަރަށް އުފާވެރިކަމެއް ދިމާވުމުން ވެސް ހަމަ މިގޮތަށް ދިމާވެ ކުއްލިއަކަށް މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކުރިން ގިނަ ބަޔަކު ގަބޫލުކުރަނީ ހަލާކުވާ ހިތަކީ ވަރަަށް އަވަހަށް ފަސޭހަވާ އެއްޗެއް ކަމަށެވެ. ނަމަވެސް ހަލާކުވެއްޖެ ހިތެއް އެހާ އަވަހަށް ފަސޭހައެއް ނުވެ އެވެ. ޖާނަލް އޮފް އެމެރިކަން ސޮސައިޓީ އޮފް އީކޯކާޑިއޯގްރަފީގައިވާ މި ދިރާސާ ރިޕޯޓުގައިވާ ގޮތުން ހިތްދަތިކަމެއް ދިމާވުމުން ހިތަށް އެ ކުރާ އަސަރުތަކުގެ ސަބަބުން ހިތުގެ މަސްތަކަށް ހަމަ ހަގީގަތުގައި ވެސް ގެއްލުންތަކެއްވެ އެވެ.

ހާޓް އެޓޭކެއް ޖެހިގެން ހިތަށް ގެއްލުން ލިބޭ މީހުންގެ އުމުރު ކުރުވާ ގޮތަށް ބޮޑު ހިތާމައެއް ލިބިގެން އެކަމާ ދެރަވެ ހިތާމަކުރުމުގައި އުޅޭ މީހުންގެ އުމުރު ކުރުވާ ކަމަށާއި މިކަމުން ވެސް މި ދިރާސާއަށް އިތުރުބާރެއް ލިބޭ ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ.

ބްރިޓިޝް ހާޑް ފައުންޑޭޝަނުން ފަންޑުކޮށްގެން އަބަޑީން ޔުނިވަސިޓިން ކުރި މި ދިރާސާގައި ޓަކަސޫބޯ ބަލިމީހުންތަކެއް އެތައް މަހެއް ވަންދެން މޮނިޓަ ކޮށްފައިވެ އެވެ. އަދި އަލްޓްރާސައުންޑާއި ކާޑިއެކް އެމްއާރްއައި ސްކޭންގެ އެހީގައި، މި މީހުންގެ ހިތަށް ވަމުންދިޔަ ގޮތް ބަލާފައިވެ އެވެ.

މިގޮތަށް ބެލި ބެލުމުން ހާމަވި ގޮތުގައި ހިތްހަލާކުވާ ފަދަ ކަމެއް ދިމާވުމުން ހިތުގެ ޕަމްޕިން މޯޝަން އަށް ނޭދެވޭ އަސަރުތަކެއް ދާއިމީކޮށް ކުރެ އެވެ. މިކަމުގެ ސަބަބުން، ހިތުން ވިންދު ޖަހާ ކޮންމެ ފަހަރަކު ހިތަށް އަންނަ ޓުވިސްޓް ހަރަކާތް ލަސްވެ އެވެ. އަދި ހިތުގެ ފިއްތާލުމުގެ ހަރަކާތް ވެސް ދަށްވެ ހިތުގެ މަސްތަކުގައި ލަކުނު ލާގޮތް ދިމާވެ އެވެ. ނަތީޖާއެއްގެ ގޮތުން، ހިތުގައި ހުންނަ ވާންކަންކުޑަވެ ހިތް ހިނގަންވާ ގޮތަކަށް ނުހިނގަ އެވެ.

މިފަދަ މީހުންގެ ހިތުގެ މަސްތަކުގައި ލާ ލަކުނުތައް ގިނަ ދުވަސްތަކަކަށް ހުރެ އެވެ. އަދި ބައެއް ފަހަރު މުޅި އުމުރަށް ވެސް އެ ލަކުނުތައް ނުފިލާ ހުރެ އެވެ. އަދި މި މައްސަލައަށް ވަރަށް އަވަހަށް އެކަށީގެންވާ ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް ވެސް ސައިންސްވެރިން ބުންޏެވެ.