އާދަޔާ ޚިލާފު މޮޅު ރޯލަކުން ޕޫޖާ ބަޓް އެނބުރި އަންނަނީ
އާދަޔާ ޚިލާފު މޮޅު ރޯލަކުން ޕޫޖާ ބަޓް އެނބުރި އަންނަނީ

ރީތި މޮޅު ފިލްމުތަކެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ޕޫޖާ ބަޓް އަނެއްކާވެސް ފިލްމު ކުޅެން ފަށަން ތައްޔާރުވެއްޖެ އެވެ. ޕޫޖާ އެނބުރި އަންނަނީ އިކޮނޮމިސްޓް އަބީކް ބަރުއާގެ ކްރައިމް ވާހަކަ "ސިޓި އޮފް ޑެތު"ގެ މައްޗަށް ކުޅޭ ފިލްމަކުންނެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ ވެސް ޕޫޖާ އެވެ. މި ވާހަކަ ފިލްމަކަށް ހެދުމުގެ ރައިޓްސް ޕޫޖާގެ ފިލްމު ކުންފުނި ފިޝް އައި ނެޓްވާކުން މިހާރު ވަނީ ގަނެފަ އެވެ.

"ސިޓީ އޮފް ޑެތު" ގައި ދައްކަނީ ސޯހިނީ ސެން ކިޔާ މެދުއުމުރުގެ އަންހެނެކެވެ. އޭނާ އަކީ ބޭހާއި ބަނގުރަލަށް ދެވިހިފާފައިވާ ޑިޓެކްޓިވް އެކެވެ. މުއްސަނދި އާއިލާގެ މީހެއްގެ ބޯ ބުރިކޮށްލައި މަރާލާފައި އޮއްވާ ފެނުމުން އެ މަރުގެ ތަހުގީގު ކުރުމާ ސޯހިނީ ހަވާލުވެ އެވެ. ނަމަވެސް މި މަރުގެ ކަންތައްގަނޑު ވެގެންދަނީ ސިޔާސީ ބޮޑު ކަންތައްގަނޑަކަށެވެ.

މި ފިލްމުގައި ސޯހިނީގެ ރޯލު އަދާކުރަނީ ޕޫޖާ އެވެ. ޕޫޖާ ބުނި ގޮތުގައި ފިލްމުގެ ވާހަކަ އަކީ އޭނާ ވަރަށް ޝައުގުވެރިވި ވާހަކަ އެކެވެ. ޚާއްސަކޮށް ސޯހިނީގެ ކެރެކްޓާގެ ބާރުގަދަކަމުން އޭނާ އެ ރޯލު ކުޅެލާހިތްވީ އެވެ. މި ފިލްމުގައި ޑިޕްރެޝަން، އެޑިކްޝަން، ކޮރަޕްޝަން މިހެން ގޮސް ހުރިހާ ގޯސް ކަންތައްތަކެއްގެ މެދުގައި ޕޫޖާގެ ކެރެކްޓާ ހުންނަނީ ބަނދެވިފަ އެވެ.

މި ފޮތް ލިޔުނު ބަރުއާ އަކީ އެޗްޑީއެފްސީ ބޭންކްގެ ޗީފް އިކޮނޮމިސްޓެވެ. އޭނާ ބުނި ގޮތުގައި ޕޫޖާ ފެންވަރުގެ މީހަކު އޭނާގެ ފޮތް ފިލްމަކަށް ބަދަލުކުރަން ގަސްތުކުރުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި އޭނާގެ ވާހަކައަށް ޕޫޖާ ވަރަށް ފުރިހަމައަށް އިންސާފުކުރާނެ ކަމާ މެދަކު ބަރުއާގެ އެއްވެސް ޝައްކެއް ނެތެވެ.

ޕޫޖާ އަކީ ވެސް ބަނގުރަލުގެ މަސްތުގައި ޖެހި މަގުއޮޅިފައި ގިނަ ދުވަސްތަކަކު ހުރި މީހެއް ކަމަށް މިދިޔަ އަހަރު އޭނާ ވަނީ އިއުތިރާފު ވެފަ އެވެ. އަދި އަމިއްލައަށް އެކަމުން ސަލާމަތްވެ މުޅިން ސާފުކޮށް ހުންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް ޕޫޖާ ބުންޏެވެ.

ޕޫޖާ ފިލްމީ ދުނިޔެއަށް ތައާރަފްކޮށްދިނީ އޭނާގެ ބައްޕަ މަހޭޝް ބަޓެވެ. މަހޭޝް ބަޓް ވަނީ ޕޫޖާ ލައިގެން ވަރަށް ރީތި އަދި ކާމިޔާބު ފިލްމުތަކެއް ޑައިރެކްޓް ކޮށްފަ އެވެ. އޭގެ ތެރޭގައި ޕޫޖާ ތައާރަފްކުރުމަށް މަހޭޝް އުފެއްދި "ޑެޑީ" ހިމެނެ އެވެ. މި ފިލްމު 1989 ގައި ރިލީޒްވިއިރު ޕޫޖާގެ އުމުރުން އެންމެ 17 އަހަރެވެ. އޭގެ ފަހުން "ސަޅަކް"، "ދިލް ހޭ ކޭ މާންތާ ނެހީ" ފަދަ ރީތި ފިލްމުތައް ޕޫޖާ ކުޅުނެވެ. ޕޫޖާ ފިލްމު ކުޅުން ހުއްޓާލީ 1998ގައި ކުޅުނު "ޒަޚަމް" އަށް ފަހުގަ އެވެ. ނަމަވެސް އޭގެ ފަހުން ޑައިރެކްޓަރެއްގެ ހައިސިއްޔަތުން "ޕާޕް"، "ހޮލިޑޭ"، "ދޯކާ"، "ކަޖްރާރޭ" އަދި "ޖިސްމް 2" ވަނީ އުފައްދާފަ އެވެ.