23 ޖޫން 2017 - 08:57

ޝްރައްދާ ކަޕޫރުގެ އާ ފިލްމު "ހަސީނާ ޕާކާ" ގެ ފުރަތަމަ އިޝްތިހާރު ދާދިފަހުން ވަނީ ރިލީޒްކޮށްފަ އެވެ. މި އިޝްތިހާރުގައި ޝްރައްދާ ފެންނަނީ ވަރަށް ކުޅަދާނަ އެކްޓަރެއްގެ ގޮތުގައި ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.
މި ފިލްމަކީ މުމްބައިގެ އެންމެ ނުރައްކާތެރި އެއް ޑޮން ކަމަށްވާ ދާއޫދު އިބްރާހިމްގެ އަންހެން ކޮއްކޮ ހަސީނާގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރު އަޕޫރުވްވާ ލަކިއާ ބުނި ގޮތުގައި ފިލްމުގައި ޝްރައްދާ ކުޅެނީ ހަތަރު ދަރިންގެ މަންމައެއްގެ ރޯލެވެ. އަދި ޒުވާން ބަތަލާ ހަތަރު ދަރިންގެ މަންމަގެ ރޯލަށް ތައްޔާރުވި ގޮތް ޑައިރެކްޓަރު ވަނީ ނޫސްވެރިންނަށް ކިޔައިދީފަ އެވެ.
ހަސީނާ މަޝްހޫރުވެފައި ވަނީ "އާޕާ"ގެ ނަމުންނެވެ. އެ ޒަމާނެއްގައި މި ނަން އިވުނަސް މުމްބާއީގެ މީހުން ބިރުން ފިތްކަނޑައިގެންދެ އެވެ.
ޝްރައްދާ ކަހަލަ ޒުވާން ބަތަލާއަކަށް އެހާ ގިނަ ކުދިންތަކެއްގެ މަންމައެއްގެ ރޯލު ކުޅެން ވަރަށް އުނދަގޫވާނެކަން ޑައިރެކްޓަރަށް ވެސް ވިސްނެ އެވެ. އެހެންވެ ޝޫޓިން ފެށުމުގެ ދެތިން ގަޑިއިރުކުރިން އެ ކުދިން ގެންގޮސް ގެނެސް ޝްރައްދާއާ ގާތް ކުރުވަން މަސައްކަތްކުރި ކަމަށް ޑައިރެކްޓަރު ބުންޏެވެ. އަދި ބަނޑުބޮޑުވީމާ މީހުން އުޅޭ ގޮތާއި ކުޑަކުދިން ބަލަހައްޓާ ގޮތް ލިޔެފައިވާ ފޮތްތައް ކިޔައިގެން ޝްރައްދާ އެ ރޯލަށް ވަރަށް ބޮޑަށް ތައްޔާރުވިކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.
މި ފިލްމުގައި ޝްރައްދާ ވަނީ ފުރާވަރުގެ އުމުރުގެ އަންހެންކުއްޖެއްގެ ރޯލުން ފެށިގެން 40 އަހަރުވީ މެދު އުމުރުގެ ރޯލު ވެސް އަދާކޮށްފަ އެވެ. ޝްރައްދާގެ ގައިގައި އުމުރުން ދުވަސްވީ މީހެއްގެ ސިފަ ޖައްސާފައިވަނީ ޕްރޮސްތެޓިކް ބޭނުންކޮށްގެންނެވެ.
އޮގަސްޓް 18 ވަަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ހަސީނާ ޕާކާ" އަކީ ސްވިސް އެންޓަޓައިންމަންޓްގެ ފަރާތުން ނާހިދު ޚާން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މި ފިލްމުގައި ހަސީނާގެ ބޭބެ ދާއޫދުގެ ރޯލު އަދާކުރަނީ ޝްރައްދާގެ އަސްލު ބޭބޭ ސިދާންތު ކަޕޫރެވެ.
ކުރިން ހަމަޖެހިފައި އޮތީ މި ފިލްމު ޖުލައި 14 ވަނަ ދުވަހު ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް އެ ދުވަހު ކެޓުރީނާ ކައިފް އާއި ރަންބީރު ކަޕޫރުގެ "ޖައްގާ ޖާސޫސް" ރިލީޒްކުރަން ހަމަޖެހިފައިވާތީ މި ފިލްމު ރިލީޒްކުރާ ދުވަސް ބަދަލުކުރީ އެވެ.