23 ޖޫން 2017 - 08:56

ޝާހްރުކް ޚާންގެ "ޖަބް ހެރީ މެޓް ސޭޖަލް"ގެ ޕްރޮމޯޝަނެއްގެ ގޮތުގައި، އެންމެ ގިނަ ސޭޖަލް އުޅޭ އިންޑިއާގެ އަވަށަކަށް ޝާހްރުކް ގޮސް ސޭޖަލް ކިޔާ މީހުންނާ ބައްދަލުކުރުން ހިމެނެ އެވެ. މި ގޮތަށް ނަން ފޮނުވަން ހުށަހެޅުމުން 7،000 އަށް ވުރެ ގިނަ ސޭޖަލް ވަނީ މިކަމަށް އިޖާބަ ދީފަ އެވެ.
މީގެ ތެރެއިން ވެސް އެންމެ ގިނަ ސޭޖަލް ތިބި ތަނަކަށް ހޮވިފައިވަނީ އަހުމަދުއާބާދެވެ. އެހެންވެ ޝާހްރުކް ވަނީ ބުދަ ދުވަހު އެ ތަނަށް ޒިޔާރަތްކޮށް ސޭޖަލް ކިޔާ ގިނަ ބަޔަކާ ބައްދަލުކޮށް އެމީހުންގެ ކުރިމަތީގައި ފިލްމުގެ "ރާދޭ" ލަވަ ލޯންޗުކޮށްފަ އެވެ.
ޝާހްރުކަކީ އޭނާގެ ފިލްމުތައް ތަފާތު ގޮތްގޮތަށް ޕްރޮމޯޓްކުރުމަށް މަޝްހޫރު މީހެކެވެ. އެގޮތުން މިފަހަރު ވެސް ފިލްމު ޕްރޮމޯޓްކުރަން އޭނާ ރާވާފައިވާ ކަންތައްތަކަކީ އާއްމުކޮށް އެހެން މީހުން ކުރާ ކަންތައްތަކާ ތަފާތު ކަންކަމެވެ.
ޝާހްރުކް ބުނި ގޮތުގައި ފިލްމުގައި އޭނާއަކީ ޕަންޖާބު މީހެކެވެ. އަދި އަނުޝްކާ ޝަރުމާ އަކީ ގުޖްރާތީ އެކެވެ. އާއްމުކޮށް ސޭޖަލް ކިޔަނީ ގުޖްރާތު މީހުންނަށް ކަމުން އޭނާ ކޮންމެވެސް ވަރަކަށް ގުޖްރާތު ބަހުން ވާހަކަ ދައްކަން ދަސްކޮށްފައިވާ ކަމަށް ވެސް އެއްވެ ތިބި އެތައް ހާސް މީހުންނެއް ކައިރީ ޝާހްރުކް ބުންޏެވެ.
އަންނަ އޮގަސްޓް 4 ވަނަ ދުވަހު ރިލީޒްކުރާ "ޖަބް ހެރީ މެޓް ސޭޖަލް" އަކީ ޝާހްރުކްގެ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި ފިލްމުގެ ޑައިރެކްޓަރު އިމްތިޔާޒު އަލީ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ.