ލެވަންޑޯސްކީ މައްސަލައިގައި ބަޔާނުން އިންޒާރުދީފި
ލެވަންޑޯސްކީ މައްސަލައިގައި ބަޔާނުން އިންޒާރުދީފި

މިއުނިކް (ޖޫން 22) - ބަޔާން މިއުނިކުގެ ޕޮލެންޑް ފޯވާޑް ރޮބަޓް ލެވަންޑޯސްކީ ގެންދަން އެ ކްލަބަށް ނޭނގި އޭނާއާ މަޝްވަރާކުރާ ކްލަބްތަކަށް ބަޔާނުން އިންޒާރުދީފި އެވެ.

ފާއިތުވި ސީޒަނުގެ ފަހުކޮޅުގައި ބަޔާންގެ ކޯޗު ކާލޯ އަންޗެލޮޓީ އާއި ލެވެންޑޯސްކީއާ ދެމެދު ވަނީ މައްސަލަ ޖެހިފަ އެވެ. އަދި ލެވަންޑޯސްކީ އެހެން ކްލަބަކަށް މި ފަހަރުގެ ޓްރާންސްފާގައި ބަދަލުވާނެ ކަމަށް ބެލެވުނެވެ.

ރިޕޯޓްތައް ބުނާގޮތުން ލެވަންޑޯސްކީގެ އޭޖެންޓް މައިކް ބާތެލް ވަނީ ދާދި ފަހުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ޑިރެކްޓަރުންނާއި މަޝްވަރާކޮށްފަ އެވެ. ޗެލްސީ އާއި ޔުނައިޓެޑުން އަންނަނީ އަންނަ ސީޒަނަށް އިތުރު ފޯވާޑެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

މި މައްސަލައިގައި ބަޔާނުން ބުނީ ލެވަންޑޯސްކީ އަކީ އެ ކްލަބްގެ ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ހުރި ކުޅުންތެރިއެއް ކަމަށާއި އޭނާ ގެންދަން ބޭނުންނަމަ ވާހަކަ ދައްކަން ޖެހޭނީ ފުރަތަމަ ކްލަބާ ކަަމަށެވެ.

"ބަޔާނާ އެކު ލެވަންޑޯސްކީގެ ކޮންޓްރެކްޓެއް އެބައޮތް. އެ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރު. އަހަރެމެން އެދެން ކްލަބަކުން އޭނާ ގެންދަން ޝައުގުވެރިކަން ހުންނަ ނަމަ ފުރަތަމަ ކްލަބާ ވާހަކަ ދައްކަން. އެހެން ނޫން ނަމަ އެ ކްލަބެއް ގޮވައިގެން ފީފާ އަށް ދާން އަހަރެމެން ޖެހިލުމެއް ނުވޭ،" ބަޔާނުގެ އޮފިޝަލަކު ޖަރުމަނުގެ ބިލްޑް ނޫހަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

ފީފާ ގަވާއިދު ބުނާގޮތުން ކްލަބެއްގެ ކޮންޓްރެކްޓެއްގައި ހުރި ކުޅުންތެރިއަކަށް އެ ކްލަބަށް ނޭނގި އެހެން ޓީމަކުން އޮފާއެއްކޮށްފި ނަމަ ފީފާ އިން އެ ކްލަބެއް ބޮޑު އަދަދަކުން ޖޫރިމަނާކުރެވިދާނެ އެވެ.

ލެވަންޑޯސްކީ ވަނީ މިދިޔަ ސީޒަނުގައި ޖަރުމަނު ލީގުގައި 30 ލަނޑު ޖަހައިފަ އެވެ. ޖަރުމަނު ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ޑޯޓްމަންޑުގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގް ހޯދީ 31 ލަނޑު ޖަހައިގެންނެވެ.

ލެވަންޑޯސްކީ އަށް މި ފަހަރު ޖަރުމަނު ލީގުގެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމު ނުލިބުނީ އަންޗެލޮޓީގެ އެހީތެރިކަން ނުލިބުމުން ކަމަށް ބުނެ އޭނާ އަށް ލެވަންޑޯސްކީގެ އޭޖެންޓް ބާތެލް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ސްޕެއިނުގެ ރެއާލް މެޑްރިޑުން ވެސް ލެވަންޑޯސްކީ ހޯދަން ކުރިން ޝައުގުވެރިކަން ފާޅުކުރި އެވެ. އެހެން ނަމަވެސް ރެއާލުން މިހާރު ޓާގެޓް ކޮށްފައިވަނީ މޮނާކޯގެ އުއްމީދީ ފޯވާޑް ކިލިއަން އެމްބާޕޭ އަށެވެ.