ރޮނާލްޑޯ ޕޯޗުގަލް އަށް މުހިއްމު މޮޅެއް ހޯދައިދީފި
ރޮނާލްޑޯ ޕޯޗުގަލް އަށް މުހިއްމު މޮޅެއް ހޯދައިދީފި

މޮސްކޯ، ރަޝިއާ (ޖޫން 22) - ކޮންފެޑެރޭޝަން ކަޕުގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑާ އެކު 1-0 އިން ރަޝިއާ އަތުން ޕޯޗުގަލް މުހިއްމު މޮޅެއް ހޯދައިދީފި އެވެ.

ކުޅުނު ފުރަތަމަ މެޗުން ޕޯޗުގަލް ވަނީ މެކްސިކޯއާ 2-2 އިން އެއްވަރުވެފަ އެވެ. އެހެން ކަމުން މުބާރާތުގައި ކުރިއަށްދާން ރޭގެ މެޗުގެ ތިން ޕޮއިންޓް ޕޯޗުގަލަށް އޮތީ ވަރަށް މުހިއްމުވެފަ އެވެ. ރޭ މި ގްރޫޕުގެ އަނެއް މެޗުން މެކްސިކޯ ވަނީ 2-1 އިން ނިއު ޒީލެންޑް ބަލިކޮށްފަ އެވެ.

ގްރޫޕުގެ އެއް ވަނައިގައި ދެ މެޗުން ހަތަރު ޕޮއިންޓާ އެކު މެކްސިކޯ އޮތްއިރު ޕޯޗުގަލް ވެސް ވަނީ ހަތަރު ޕޮއިންޓް ހަމަކޮށްފަ އެވެ. މެކްސިކޯ އަށް ކުރި ލިބެނީ ޖެހި ގޯލުންނެވެ. ތިން ވަނައިގައި އޮތީ ތިން ޕޮއިންޓާ އެކު ރަޝިއާ އެވެ. އެންމެ ޕޮއިންޓެއް ނުލިބި ފުލުގައި އޮތް ނިއު ޒީލެންޑް ވަނީ ރޭގެ ބައްޔާ އެކު މުބާރާތުން ކަޓައިފަ އެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ރޮނާލްޑޯ ކާމިޔާބުކުރީ މެޗުގެ އަށް ވަނަ މިނިޓްގަ އެވެ. އިތުރު ލަނޑެއް ކާމިޔާބު ކުރަން ރޮނާލްޑޯ އާއި އަންދްރޭ ސިލްވާ ފޮނުވާލި ހަމަލާތައް ރަޝިއާގެ ކީޕަރު އީގޯ އަކިންފިއެވް ވަނީ މަތަކޮށްފަ އެވެ. ރޭގެ މެޗަކީ އަކިންފިއެވް ރަޝިއާ އަށް ކުޅެދިން 100 ވަނަ މެޗެވެ.

މެޗަށް ފަހު ރޮނާލްޑޯ ބުނީ ރަޝިއާ އަތުން އެ ގައުމުގައި މި ހޯދުނީ ވަރަށް މުހިއްމު މޮޅެއް ކަމަށެވެ.

"އަހަރެމެން މިތިބީ ވަރަށް އުފަލުން. މިއީ ރަޝިއާ އަތުން އެ ގައުމުގައި ޕޯޗުގަލް އަށް ލިބުނު ފުރަތަމަ މޮޅު. ރަޝިއާގެ ފަހަތުގައި ގިނަ ސަޕޯޓަރުންތަކެއް އޮއްވައި ޕޯޗުގަލަށް މި ހޯދުނީ ވަރަށް މުހިއްމު ތިން ޕޮއިންޓް. ހުރިހާ ކުޅުންތެރިންނަށް އަހަރެން ބޭނުން މަރުހަބާ ކިޔަން،" ރޮނާލްޑޯ ބުންޏެވެ.

މި މެޗުގައި ޕޯޗުގަލް އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ ޑިފެންޑަރު ރަފަައެލް ގަރޭރޯގެ ފަޔަށް އަނިޔާވެ، މުބާރާތުގައި ދެން ނުކުޅޭވޭ ގޮތް ވުމެވެ.

ރޭ ކުޅުނު އަނެއް މެޗުގައި ލީޑްސް ޔުނައިޓެޑަށް ކުޅޭ ކްރިސް ވުޑްސް ވަނީ ނިއު ޒީލެންޑަށް ލީޑުނަގައިދީފަ އެވެ. މެކްސިކޯ ފަހަތުން އަރައި މޮޅުވީ ބެންފީކާގެ ރައުލް ހިމެނޭޒާއި އޮރީބޭ ޕެރާލްޓާ ޖަހައިދިން ލަނޑުތަކުންނެވެ.