ދަރިއަކު ހުރިކަން އެނގުނީ 40 އަހަރު ފަހުން
ދަރިއަކު ހުރިކަން އެނގުނީ 40 އަހަރު ފަހުން

ދަރިއަކު ހުރިކަން މީހަކަށް 40 އަހަރު ފަހުން އެނގިއްޖެ އެވެ.

އަލް އަނުންޒިއާޓާ، 63، އާއި ޖައިލް ޖަސްޓަމޮންޑް، 40، އާ ދެބަފައިން ފުރަތަމަ ބައްދަލުވީ ޖޫން 11 ވަނަ ދުވަހު އެވެ. ދަރިފުޅާ ބައްދަލުވުމާ އެކު އޭނާގެ ގައިގައި ބައްދާލުމަށް ފަހު ދޫކޮށްލަން އަނުންޒިއާޓާ ބޭނުމެއް ވެސް ނުވި އެވެ.

"މީ މަގޭ ރީތި ރީތި ދަރިފުޅު. މި ދަރިފުޅު ދެން ދުވަހަކު ވެސް ދުރަށް ދިޔަކަ ނުދޭނަން،" މި ބައްދަލުވުމުގައި އަނުންޒިއާޓާ ބުނެފައިވެ އެވެ.

ކޮލަރާޑޯގެ ލިޓްލްޓަންގެ މީހެއް ކަމަށްވާ ޖަސްޓަމޮންޑް އޭބީސީ ނިއުސް އަށް ކިޔައިދީފައިވާ ގޮތުގައި އޭނާ ބައްޕަ ހޯދީ ފޭސްބުކުން ޓްރެކް ކޮށްގެން މިދިޔަ އެޕްރީލް ތިން ވަނަ ދުވަހު އެވެ. އިއްތިފާގުން އެ ދުވަހަކީ ޖަސްޓަމޮންޑްގެ 40 ވަނަ އުފަން ދުވަހެވެ.

ޖަސްޓަމޮންޑް އޭނާގެ އަސްލު ބައްޕަ ހޯދަން ފެށީ އޭނާ ގެންގުޅެ ބޮޑުކޮށް އަދި މައިންބަފައިން ކަމަށް ގަބޫލުކޮށްގެން އުޅުނީ އޭނާގެ މާމަ އާއި ކާފަ ކަން އެނގުނު ވަގުތުން ފެށިގެންނެވެ. ޖަސްޓަމޮންޑް ބުނި ގޮތުގައި އޭނާގެ އަސްލު މަންމަ އަށް އޭނާ ލިބުނީ މަންމަގެ އުމުރުން 18 އަހަރުގަ އެވެ. އެހެންވެ ދަރިއަކު ގެންގުޅެވޭވަރަށް އޭނާ ބޮޑު ނުވާކަމަށް މަންމައަށް ގަބޫލުކުރެވިގެން މަންމަ ފަރާތު މާމަ އާއި ކާފައާ އޭނާ ބަލަން ހަވާލުކުރީ އެވެ. އަދި އޭނާ ގެންގުޅޭ ބޮޑުކުރީ އަސްލު މަންމަ އާއި ބައްޕަ ނޫންކަން އެނގުނީ އުމުރުން 10 އަހަރު ފުރުނު ފަހުން ކަމަށް ޖަސްޓަމޮންޑް ބުންޏެވެ. އަދި އަސްލު މަންމައަކީ ދައްތަ ކަމަށް އޭނާއަށް އޮތީ ހީވެފައި ކަމަށް ވެސް ޖަސްޓަމޮންޑް ބުންޏެވެ.

ދައްތަ ކިޔައިގެން އުޅުނީ އަސްލު މަންމައަށް ކަން އެނގުމުން މަންމަ ހޯދައި ގުޅުން ބަދަހިކުރަން މަސައްކަތް ކުރި ނަމަވެސް އޭނާގެ މަންމަ އެއްވެސް ގުޅުމެއް ބާއްވާކަށް އަދި ދަރިއެއް ކަމަށް ގަބޫލުކުރާކަށް ވެސް ބޭނުމެއް ނުވި އެވެ.

މަންމަ ލިންޑާ އަކަށް ވެސް ޖަސްޓަމޮންޑްގެ ބައްޕަ އަކީ ކާކުކަމެއް ނޭނގެ އެވެ. އެހެންވެ އޭރު ހިތަށް އެރި ނަމެއް ބުނެލި އެވެ. އެމީހާގެ ޑީއެންއޭ ޓެސްޓްކުރިއިރު ބައްޕަ ކަމަކަށް ނުވި އެވެ. އެހެންވެ ތަކުރާރުކޮށް ޖަސްޓަމޮންޑް ދިޔައީ މަންމައާ އެ ސުވާލު ކުރަމުންނެވެ. ލޯބިގެ ގޮތުން ގުޅުނު އިޓަލީ މީހެއްގެ ވާހަކަ ބުނުމުން އަނެއްކާ އެ މިހާ ހޯދަން މަސައްކަތް ފެށި އެވެ. އޭނާގެ މައުލޫމާތެއް ނޭނގެ އެވެ. އެނގެނީ އޭނާ މަސައްކަތް ކުރި ތަނާއި އެއީ އިޓަލީ މީހެއްކަމެވެ.

މި ލިބުނު މައުލޫމާތުން ފޭސްބުކްގައި އެކި މީސް މީހުން ހޯދައި، އެ ބުނާ މީހަކު މަސައްކަތްކުރި ކަމަށް ބުނާ ތަނުގައި އުޅުނު މީހުން ހޯދައި އެ މީހުންގެ ފަރާތުން ލިބުނު މައުލޫމާތުން އެންމެ ފަހުން މަސައްކަތް ކާމިޔާބުކުރި އެވެ. އެއީ ޖަސްޓަމޮންޑްގެ ބައްޕަކަން ޑީއެންއޭ އިން ވަނީ އެނގިފަ އެވެ.

އަލް އަކީ ދަރިއަކުން ހުންނަ މީހެއް ކަމެއް އޭނާއަކަށް ނޭނގެ އެވެ. އެހެންވެ އޭނާއަށް މިކަމުން ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.