22 ޖޫން 2017 - 10:43

މަތިންދާބޯޓުގައި މައްސަލަ ޖެހި ބްރެޒިލްގެ އެމެޒޯން ޖަންގަންޔަށް ކްރޭޝް ލޭންޑިން ހެދި ޕައިލެޓް، އެ ހާދިސާއިން ސަލާމަތްވެފައި ވަނިކޮށް ބަލާ ދިޔަ ހެލިކޮޕްޓަރަށް އަރަން އުޅެނިކޮށް ވެއްޓި މަރުވެއްޖެ އެވެ.
މިދިއަ ހަފުތާގެ ބުދަދުވަހު ހިނގި ހާދިސާގައި، އެއް އިންޖީނު ލީ މަތިންދާބޯޓުގައި އިލެކްޓްރިކަލް މައްސަލައެއް ޖެހިގެން ކޯރަކަށް ތިރިކުރި އެވެ. އޭގައި އިން ހަމައެކަނި ފަސިންޖަރާ އެކު ޕައިލެޓް އެލްސިޑޭސް ރޮޑްރިގޭޒް ޕެރޭރާ ވެސް ބޯޓުން ނުކުމެ ހިކިފަސް ތަނަށް އެރި އެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބޯޓު އަޑިއަށް ދިޔައީ އެވެ.
އާންމުކޮށް މީހުން ގޮސް ނޫޅޭ ޖަންގަލީ ސަރަހައްދެއްގައި ހިނގި އެކްސިޑެންޓްގައި އެ މީހުން ސަލާމަތްކުރަން ދިޔަ ހެލިކޮޕްޓަރަށް ތިރިނުކުރެވިގެން ވަލެއްގެ އެހީގައި ދެ މީހުން މައްޗަށް ނެގި އެވެ. ފަސިންޖަރު އެޑިލްސަން ކާޑޮސޯ، 28، ސަލާމަތުން އެއަށް އެރިޔަސް އުމުރުން 64 އަހަރުގެ ރޮޑްރިގޭޒް ކޯރު ތެރެއަށް ވެއްޓި އޮޔާ ދިޔައީ އެވެ.
އޭނާގެ ހަށިގަނޑު ފެނުނީ މިދިއަ ހޮނިހިރުދުވަހު އެވެ.
ބޯޓަށް ދިމާވި މައްސަލައާ އެކު ކޯރަށް ޖައްސާ ތަނުގެ ވީޑިއޯ، އޭގައި އިން ނާސިން ޓެކްނީޝަނެއް ކަމަށްވާ ކާޑޮސޯ ފަސެންޖަރު ވަނީ ނަގައިފަ އެވެ. އެ ވީޑިއޯ އާންމުވުމާ އެކު ރޮޑްރިގޭޒް އަކީ ބަތަލެއްގެ ގޮތުގައި ބްރެޒިލްގެ އާންމުން އަންނަނީ ސިފަކުރަމުންނެވެ.
މި ހާދިސާ ހިނގީ ސިއްހީ ކަމާ ގުޅޭ ދަތުރެއްގައި ކާޑޮސޯ ގޮވައިގެން ޖަންގަލީގެ އެކަހެރި ގަބީލާއެއް އުޅޭ ސަރަހައްދަކަށް ދަތުރުކުރަނިކޮށެވެ.
ކާޑޮސޯ ބުނީ ހެލިކޮޕްޓަރަށް އަރަން ވެގެން ޕައިލެޓް ނަގަން އޭނާގެ ގައިގައި ކަމަރު އައްސައިގެން މަސައްކަތްކުރި ކަމަށެވެ. އެކަމަކު އޭރު ރޮޑްރިގޭޒް ހުރީ ވަރަށް ބޮޑަށް ވަަރުބަލިވެފައި ކަމަށް އޭނާ ބުންޏެވެ.
ދެ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ހިންގީ ރަަސްމީ ފަރާތްތަކުންނެއް ނޫނެވެ. އެ ސަރަހައްދަށް ހެލިކޮޕްޓަރު ފޮނުވީ ވެއްޓުނު ބޯޓުގެ ވެރިފަރާތުންނެވެ.