ޖަލު އޮފިސަރުގެ ފުރާނަ ސަލާމަތްކޮށްދިން ގައިދީންގެ މުއްދަތު ކުރުކޮށްފި
ޖަލު އޮފިސަރުގެ ފުރާނަ ސަލާމަތްކޮށްދިން ގައިދީންގެ މުއްދަތު ކުރުކޮށްފި

އެމެރިކާގެ ޖަލެއްގެ އޮފިސަރަކަށް ހާޓް އެޓޭކް ޖެހުމުން އޭނާ ސަލާމަތްކޮށްދިނުމުގެ އިނާމެއްގެ ގޮތުން ހަ ގައިދީއެއްގެ ޖަލު މުއްދަތު ކުރުކޮށްދީފި އެވެ.

ޖޯޖިޔާ ސްޓޭޓްގައި ހުރި އެ ޖަލު ނިސްބަތްވާ ސަރަހައްދުގެ ފުލުހުންގެ އިސް ވެރިޔަކު ވިދާޅުވީ ހަ ގައިދީންގެ މުއްދަތުން ވެސް 25 ޕަސެންޓް ލުއިކޮށްދީފައިވާ ކަމަށެވެ. އެ ހަ ގައިދީން ވެސް ޖަލަށް ލާފައި ވަނީ ކުދިކުދި ކުށްތަކުގަ އެވެ.

އޮފިސަރަށް ހާޓް އެޓޭކް ޖެހުނީ ގަބުރުސްތާނެއްގެ ވިނަ ކޮށުމުގެ މަސައްކަތް ކުރަމުން ދިޔަ ގައިދީން ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވެ ހުއްޓަ އެވެ. އޭނާ ވެއްޓުމުން، އެތަނުން ފިލައިގެން ދިއުމުގެ ބަދަލުގައި ހަ ގައިދީން އަވަސްވެގަތީ ސީޕީއާރު ދޭށެވެ. އަދި އޭނާގެ ފިސްތޯލަ އަތުލުމުގެ ބަދަލުގައި މޮބައިލް ފޯނު ނަގައި އެމްބިއުލެންސަށް ގުޅި އެވެ.

"އެކަހަލަ ކަމެއް ހިނގާ ވަގުތެއްގައި އަހަންނަށް ހީވަނީ ޖަލު މީހެއްތޯ ނުވަތަ ނޫންތޯއެއް ނޫން ހެން ބަލަން ޖެހޭނީ،" ހައި ގައިދީންގެ ތެރޭގައި ހިމެނޭ ގްރެޖް ވިލިއަމްސް ބުންޏެވެ.

"އަހަރެމެންގެ ކުރިމަތީގައި މީހަކު ވެއްޓުނީ، އެހެންވެ އެއީ އޭނާ އަށް އެހީތެރިކަން ދޭން ޖެހޭ ވަގުތު."

ހާޓް އެޓޭކް ޖެހުނު އޮފިސަރުގެ ނަމެއް މީޑިއާއަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު މީޑިއާއާ ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާގެ ބެލުމުގެ ދަށުގައި އެވަގުތު ހުރި އެއްވެސް ގައިދީއަކު ގަވާއިދުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

"އެމީހުން ދުވެ ފިލާކަށް ވެސް ނޫޅޭ،" އޭނާ ބުންޏެވެ.

އޮފިސަރުގެ އާއިލާ އިން ވަނީ އަނެއް ދުވަހު އެ ހަ ގައިދީންނަށް ޕިއްޒާ އާއި ޕެންކޭކް ދީފަ އެވެ.

ޖަލުގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އާންމު ޒިންމާތަކަށް ވުރެ ބޮޑު ކަމެއް އެއްވެސް ގައިދީއަކު ކޮށްފި ނަމަ އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުން ޖަލު މުއްދަތުން ބައެއް އުނިކޮށްދެ އެވެ. އަދި މި ހާދިސާ އިން ގައިދީންގެ ރަނގަޅު ކަމުގެ އިތުރުން ގައިދީންނާ މެދު ޖަލުގެ އޮފިސަރުން ކަން ކުރަމުން އަންނަ ގޮތް ވެސް ރަނގަޅުކަން ސާބިތުވި ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

"އަހަރެންގެ އޮފިސަރުން އެ މީހުންނާ މެދު ކަންތައް ކުރަނީ އިންސާނުން ކަމަށް ބަލައިގެން، އާއިލާއެއްގެ ގޮތަށް،" ޖަލު ބެލެހެއްޓުމައި އިސްކޮށް ހުރި އެކަކު ބުންޏެވެ.

އެކަމަކު ޖޯޖިއާގެ އެހެން ޖަލެއްގެ ދެ ގައިދީއަކު ދާދި ފަހުން ވަނީ މާ ނުބައި އަމަލެއް ހިންގައިފަ އެވެ. އެއް ޖަލުން އަނެއް ޖަލަށް ގައިދީން ގޮވައިގެން ދަތުރުކުރި ބަހެއްގައި ތިބި ދެ ގާޑުން މަރާލައި، ދެ ގައިދީން ފިލީ އެވެ. އެކަމަކު ތިން ދުވަސް ފަހުން އެ މީހުން ހައްޔަރުކުރި އެވެ.