ޕޯޗުގަލްގެ ޖަންގަލީގައި ބަޔަކު ރޯކޮށްލީ ކަމަށް ތުހުމަތުކޮށްފި
ޕޯޗުގަލްގެ ޖަންގަލީގައި ބަޔަކު ރޯކޮށްލީ ކަމަށް ތުހުމަތުކޮށްފި

މިދިއަ ހޮނިހިރު ދުވަހު ޕޯޗުގަލްގެ ޖަންގަލި އަނދަން ފެށީ ބަޔަކު ގަސްދުގައި ރޯކޮށްލުމުން ކަމަށް ބެލެވޭ ކަމަށް، އަލިފާން ނިންވުމުގެ މަސައްކަތުގެ އެންމެ އިސް ވެރިޔާ އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕޯޗުގަލްގެ ޖަންގަލީގައި ބަޔަކު ރޯކޮށްލީ ކަމަށް ތުހުމަތުކޮށްފި
ޕޯޗުގަލްގެ ޖަންގަލީގައި ބަޔަކު ރޯކޮށްލީ ކަމަށް ތުހުމަތުކޮށްފި

ރަސްމީ ފަރާތްތަކުން ކުރިން ލަފާކުރީ ހޫނު ގަދަ މި ދުވަސްވަރު އެޅި ހޮނެއްގެ ސަބަބުން ރޯވީ ކަމަށެވެ. އެކަމަކު ޕޯޗުގަލްގައި މި ފަހުގެ ތާރީޚުގައި ފެނުނު އެންމެ ގެއްލުން ބޮޑު އަލިފާނުގެ ހާދިސާ ފެށުނީ ހޮނެއްގެ ސަބަބުން ކަމަށް ބެލެވުނު ވަގުތަށް ވުރެ ކުރިން، މާ ބޮޑު ސަރަހައްދެއްގައި ރޯވެފައި ހުރިކަން އެނގޭ ކަމަށް، ޖެއިމީ މާޓާ ސޯރެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މައްސަލާގައި ސައިންޓިފިކް ތަހުގީގެއް ވަރަށް މުހިންމެވެ.

ޕޯޗުގަލްގެ ޖަންގަލި އެންމެ ބޮޑު ސަރަހައްދުގައި އަލިފާން ރޯވެ، އާދަޔާ ޚިލާފު ހުޅުގަނޑުތައް ފަޅައިގެން ގޮސް، ކޮންޓްރޯލް ކުރަން އުނދަގޫވި އެވެ. މި ހާދިސާގައި 64 މީހުން މަރުވި އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވީ ސަލާމަތްވާން ވެގެން ކާރުގައި ދަނިކޮށް، މަގުމަތީގަ އެވެ.

"އަހަންނަށް މިހާރު ވިސްނެނީ ހޮޅު އެޅީ އަލިފާން ރޯވުމުގެ މާ ފަހުން ހެން. އަދި އެ އަލިފާންގަނޑު ފުރަތަމަ ވެސް މާ ބޮޑު،" ސޯރެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ހަގީގަތް ދެނެގަތުމަށް ރަނގަޅު ތަހުގީގެއް ހިންގަން ޖެހެ އެވެ. އެހެންކަމުން އޭނާ ވަނީ އެކަމަށް ގޮވާލައްވައިފަ އެވެ.

ވެރިރަށް ލިޒްބަންއާ 200 ކިލޯމީޓަރު ދުރުގައި އޮންނަ ޕެޑްރޮގޯ ގްރޭންޑް ސަރަަހައްދުގެ އެކި ހިސާބުތަކުގައި ރޯވެ އަނދަމުން ދިޔަ އަލިފާނުގެ 90 ޕަސެންޓް މިހާރު ނިންވާލެވިފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އެކަމަކު ބައެއް ހިސާބުތަކުގައި އަނެއްކާވެސް ހުޅު ފަޅައިގެން ދާތީ، މީހުން ދުރަށް ޖައްސާފައިވެ އެވެ.

ޔޫރަޕްގައި ޖަންގަލީގެ ސަރަހައްދު އެންމެ ބޮޑީ ޕޯޗުގަލްގަ އެވެ. އެކަމަކު އެހާ ބޮޑު ޖަންގަންޔެއް އޮތަސް އަލިފާނުގެ ހާދިސާތަކަށް އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ރަނގަޅަށް ތައްޔާރުވެފައި ނުވުމުގެ މައްސަލަ ބޮޑެވެ.

ވެހިކަލްތަކުގައި އެތައް ބަޔަކު މަރުވީ ރަސްމީ ފަރާތްތަކުން އަސްލު ބަންދުކުރަން ޖެހޭ މަގަކުން ދަނިކޮށް ކަމަށް، ބައެއް މީހުން ބުނެ އެވެ. އެ ސަރަހައްދުގެ މަގުތަކާ ޖެހިގެން ބިޔަ ގަސްތައް ހުރެ އެވެ. އެކަމަކު އެއީ އެކަހަލަ ހިސާބުގަނޑެއްގައި މަގުތައް ބަލަހައްޓަން ޖެހޭ ގޮތް ނޫން ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.

އަލިފާނުގެ ބޮޑެތި ހުޅުގަނޑުތައް ފެތުރިގެން ދިޔަލެއް ބާރުކަމާއި، އަވަސްކަމުން، އެތައް ބަޔަކު ތިބީ ބިރުންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި އަލިފާންގަނޑު ދިޔައީ، ގަސްތަކުގެ މަތިންނެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބައެއް ވިލެޖްތައް އަޅިއަށް ހަދާލި އެވެ.