21 ޖޫން 2017 - 15:00

މާލީ އިދާރާތަކާ މެދު އާންމުން ހޭލުންތެރި ކުރަން އަންނަ މަހު ފައިނޭޝަލް އެކްސްޕޯއެއް ބާއްވަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ގުޅިގެން އެމްއެމްއޭ އިން ބާއްވާ އެ އެކްސްޕޯގެ ތީމަކަށް ހަމަޖައްސާފައިވަނީ "ހައުސިން އެންޑް ފައިނޭންސް" އެވެ. އެ އެކްސްޕޯގައި މާލީ އިދާރާތަކާ ބެހޭ ގޮތުން އާންމުންނަށް މައުލޫމާތު ދިނުމާއި މާލީ އިދާރާތަކަށް ހުށަހަޅާ ބައެއް ފޯމުތައް ހުށަހެޅުމުގެ ފުރުސަތާއި އެފަދަ އިދާރާތަކުން ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ލިބޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޑީސީގެ ޑިރެކްޓަރު އަހުމަދު ފާތިހު ވިދާޅުވީ ގެދޮރުވެރިކަމާ ބެހޭ ގިނަ މަޝްރޫއުތަކެއްގެ މައުލޫމާތު އެ އެކްސްޕޯ އިން ލިބިގެންދާނެ ކަމަށެވެ. އަދި ގެދޮރު އިމާރާތް ކުރުމަށް މާލީ އިދާރާތަކުގެ އެހީތެރިކަން ލިބޭނެ ގޮތްތައް ވެސް އެ އެކްސްޕޯ އިން ސާފުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއް ޕްލެޓްފޯމަކުން ލިބެން ދެއްތޯ މިހިރީ. ޑިވެލޮޕަރުން ކުރިއަށް ގެންދާ މަޝްރޫއުތަކާއި އެ ނިމޭނެ ތާރީޚާއި ފައިނޭޝަލް ޕެކޭޖްތައް، މިފަދަ މައުލޫމާތު ލިބިގެންދާނެ،" ފާތިހު ވިދާޅުވި އެވެ.
ފާތިހު ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ކުރި އަށް ރޭވިފައި ހުރި މަޝްރޫއުތަކުގެ މައުލޫމާތާއި އިންޖިނިއަރިންނާއި ޑިޒައިނިންގެ ދާއިރާ އިން ތައުލީމް ހާސިލްކުރާ ފަރާތްތަކަށް ވެސް ބޭނުންވާ މައުލޫމާތު އެ އެކްސްޕޯ އިން ލިބޭނެ އެވެ. އެ ކަންކަމުގެ ކަމާބެހޭ ތަޖްރިބާކާރުން އެ އެކްސްޕޯގައި ބައިވެރިވާނެ ކަމަށް ފާތިހު ވިދާޅުވި އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ބާއްވާ އެ އެކްސްޕޯގައި ރާއްޖޭގައި ހިންގާ ހުރިހާ ބޭންކުތަކާއި ހުުރިހާ އިންޝުއަރެންސް ކުންފުނިތައް ބައިވެރިވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) އާއި ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހާއި އިކޮނޮމިކް މިނިސްޓްރީ އާއި މީރާ އަދި ދިރާގާއި އުރީދޫން ބައިވެރިވާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
މީގެ އިތުރުން ގެދޮރު އެޅުމުގެ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކާއި އެފަދަ މަސައްކަތް ކުރާ ކޮންޓްރެކްޓަރުންނާއި އާކިޓެކްޓަރުންނާއި އިންޖިނިއަރުންނާއި ޑިޒައިނަރުން ވެސް އެ އެކްސްޕޯގައި ބައިވެރިވެ އެވެ.