އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގައި މޯލްޑިވިއަން ވާދަކުރަނީ
އޭޝިއަން ކްލަބް ޗެމްޕިއަންޝިޕުގައި މޯލްޑިވިއަން ވާދަކުރަނީ

ވިއެޓްނާމުގައި މި މަހު ފަށާ އޭޝިއަން ކްލަބް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރަން ރާއްޖޭގެ ގައުމީ ޗެމްޕިއަން މޯލްޑިވްސް ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކްލަބް ތައްޔާރުވެއްޖެ އެވެ.

އޭޝިއާގެ ގައުމުތަކުގެ ޗެމްޕިއަން ކްލަބްތަކުގެ މެދުގައި ބާއްވާ މުބާރާތުގައި މީގެ ކުރިން ރާއްޖޭގެ ދިވެހި ސިފައިންގެ ކްލަބް ވަނީ ވާދަކޮށްފަ އެވެ. އެކަމަކު ކްލަބްތަކަށް ހަރަދުކުރެވެން ނެތުމުން އާއްމުކޮށް މުބާރާތަށް އެސޯސިއޭޝަނުން ފޮނުވަނީ ކްލަބުގެ ނަމުގައި ގައުމީ ވޮލީބޯޅަ ޓީމެވެ.

މި މަހުގެ 28 އިން ޖުލައި 6 އަށް ބާއްވާ މުބާރާތުގައި މޯލްޑިވިއަން ހިމެނެނީ ވަރުގަދަ ގްރޫޕެއްގަ އެވެ. އެގޮތުން އެ ޓީމު ވާދަކުރާނީ ޗައިނާގެ ޗެމްޕިއަން ބެއިޖިން މޮޓޯސް ކްލަބާއި ތައިލެންޑުގެ ޗެމްޕިއަން އެއާފޯސް ޓީމް އަދި ޖަޕާނުގެ ޗެމްޕިއަން ޓޮޔޯޓާ ބޯސޭއާ އެވެ.

މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އީރާނުގެ ސަރްމަޔާ ބޭންކާއި އޮސްޓްރޭލިއާ އަދި ގަތަރުގެ ޗެމްޕިއަނުން ވެސް ވާދަކުރާނެ އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން ކުންފުނި އައިލެންޑް އޭވިއޭޝަނަށް ނިސްބަތްވާ ޓީމުން އަމިއްލަ ހަރަދުގައި މުބާރާތުގައި ވާދަކުރާއިރު އެސޯސިއޭޝަނުން އެއާޓިކެޓް ނެގުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މޯލްޑިވިއަން ޓީމުގެ ކޯޗަކީ މިދިޔަ ދެ އަހަރު ވެސް އެ ޓީމަށް ކާމިޔާބީ ހޯދައިދިން އަބްދުﷲ ނަޝީދު (އަބުޅޯ) އެވެ.