ސުހާނާ ބޮލީވުޑަށް ތައާރަފްވާން ތައްޔާރުވަނީ
ސުހާނާ ބޮލީވުޑަށް ތައާރަފްވާން ތައްޔާރުވަނީ

ކުރިޔަށް އޮތް އަހަރު ވާނީ ހިންދީ ފިލްމު އިންޑަސްޓްރީއަށް ވަރަށް ފާހަގަ ކޮށްލެވޭ އަހަރަކަށެވެ. ސަބަބަކީ ވަރަށް ގިނަ ފިލްމީ ތަރިންގެ ދަރިން އެ އަހަރުގެ ތެރޭގައި ފިލްމީ ދުނިޔެއަށް ނުކުންނަން ތައްޔާރުވަމުން އަންނާތީ އެވެ.

ޝްރީދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރު، ސައިފް އަލީ ޚާނާއި އަމްރިތާ ސިންގުގެ ދަރިފުޅު ސާރާ އަލީ ޚާން އަދި ޝާހިދު ކަޕޫރުގެ ކޮއްކޮ އިޝާން ޚައްތަރާއި މި ނޫންވެސް ވަރަށް ގިނަ ފިލްމީ އާއިލާތަކުގެ ކުދިންގެ ފިލްމުތައް އަންނަ އަހަރު ފެންނާނެކަމަށް ބެލެވެ އެވެ. އަދި ޝާހްރުކް ޚާންގެ ގާތް މީހަކު ބުނި ގޮތުގައި އޭނާގެ އަންހެންދަރިފުޅު ސުހާނާ ވެސް ފިލްމީ ދުނިޔެއަށް ވެއްދުމުގެ ތައްޔާރީތައް ޝާހްރުކް ވަނީ ފަށާފަ އެވެ. ސުހާނާ ތައާރަފްވާ ފިލްމު އުފައްދަނީ ކަރަން ޖޯހަރް ކަމަށްވެ އެވެ.

ސުހާނާ ދަންނަ އަދި އޭނާ ކުޅެފައިވާ ތަމްސީލުތައް ބެލި އެންމެންވެސް ގަބޫލުކުރާ ގޮތުގައި އޭނާ އަކީ ބައްޕަ ކަހަލަ ކުޅަދާނަ އެކްޓަރެކެވެ. އަދި ސުހާނާގެ އެކްޓްކުރުމުގައި ވަރަށް ނެޗުރަލް ގޮތްތަކެއް ހުރެ އެވެ. ދާދިފަހުން ސުހާނާގެ ތަމްސީލެއް ބެލުމަށް ފަހު ކުރީގެ މަޝްހޫރު ތަރި ޝަބާނާ އަޒްމީ ވެސް އޭނާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައިވެ އެވެ.

ކެރިއަރެއްގެ ގޮތުން އެކްޓިން ޚިޔާރުކުރަން ސުހާނާ ވަރަށް ސީރިއަސް އެވެ. ނަމަވެސް ބޮޑަށް އަޑު އިވެމުންދަނީ އޭނާގެ ބޭބެ އާރްޔަންގެ ވާހަކަ އެވެ. ޝާހްރުކްގެ ގާތް މީހަކު ކިޔައިދިން ގޮތުގައި އާރްޔަން އަކަށް އަދި އޭނާ އެކްޓްކުރާނީތޯ ނުވަތަ ނޫންތޯ ވެސް ނުނިންމެ އެވެ. ގިނަ މީހުން ހީކުރަނީ އޭނާ ވަރަށް އެކްޓިން އަށް ޝައުގު ހުންނަ ކަމަށް ނަމަވެސް ހަގީގަތުގައި އޭނާ އެކަމަކަށް މާ ބޮޑު ޝައުގުވެރިކަމެއް ދޭތަނެއް ނުފެނެ އެވެ. އެހެންވެ ޝާހްރުކް މިހާރު ވަނީ ސުހާނާ އަށް ރަނގަޅު ސްކްރިޕްޓަކާ ދޭތެރޭ ވިސްނުމަށް ކަރަން އަށް އިރުޝާދު ދީފަ އެވެ.

މީގެ ދެތިން ރެއެއް ކުރިން ބޭއްވި ޝާހްރުކްގެ އަންހެނުން ގޯރީ ޚާންގެ ރެސްޓޯރެންޓް "އަރްތު" ހުޅުވުމުގެ އިވެންޓުގައި ވެސް ގިނަ ބަޔެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނީ ސުހާނާ އަށެވެ. ވަރަށް ގިނަ ފިލްމީ ތަރިން ބައިވެރިވި މި އިވެންޓަށް ބައްޕަ ޝާހްރުކާ އެކު ސުހާނާ ދިއުމުން އެންމެންނަށް ވެސް ސުހާނާ އަށް އައިސްފައިވާ ބަދަލާއި ފިލްމީ ތަރިއަކަށް ވާން އޭނާ ފައްކާވެފައި ހުރި މިންވަރު ފާހަގަ ކުރެވުނެވެ. އަދި އިވެންޓުގައި ބައިވެރިވި އެކްޓަރުންނަށް ވުރެ ގިނަ ބަޔެއްގެ ސަމާލުކަން ހޯދީ ވެސް ސުހާނާ އެވެ.

ޝާހްރުކްގެ ގާތް އެކުވެރިއަކު ބުނި ގޮތުގައި އަންނަ އަހަރަކީ ސުހާނާގެ ވިދުން ބޮލީވުޑުން ފެނިގެން ދާނެ އަހަރަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.