22 ޖޫން 2017 - 08:14

ޖަލުގައި 17 އަހަރު ހޭދަކުރި ފަހުން ކުށެއްނެތްކަން އެނގި މީހަކު މިނިވަން ކޮށްފި އެވެ. އޭނާ ކުށެއް ނެތްކަން ސާބިތުވީ އެމީހާއާ ވަރަށް ވައްތަރު މީހަކު ފެނި ކުރިން އެމީހާއާ ދެކޮޅަށް ހެކިބަސް ދިން މީހުންނަށް އެ ދެ މީހުން ވަކި ކުރަން ނޭނގުމުންނެވެ.

އެމެރިކާގެ ކެންސަސް ސިޓީގެ މިސޯރީގައި ދިރިއުޅޭ ރިޗަޑް އެންތަނީ ޖޯންސް ވައްކަންކުރިކަން ސާބިތުވެގެން 1999 ވަނަ އަހަރު ޖަލަށްލީ އޭނާއާ ދެކޮޅަށް ހެކިބަސް ދިން މީހުންގެ ބަޔާންތަކަށް ބުރަވެ އެވެ. ނަމަވެސް އެމީހާއާ ދެކޮޅަށް ހެކިބަސް ދިން ދެ މީހުންގެ ތެރޭގައި ހިމެނޭ މީހަކަށް، ކުށް ސާބިތުވި މީހާއާ ވައްތަރު މީހަކު ފެނި އެ ދެ މީހުން ވަކިކުރަން ވެސް ނޭނގުނެވެ.
އެހެންވެ މިދިޔަ ހަފުތާގައި ޖޯންސް ދޫކޮށްލުމަށް ކޯޓުން އަމުރުކުރީ ކަމަށް ކެންސަސް ސިޓީ ސްޓާ ނޫހުން ބުނެފައިވެ އެވެ.
މި މައްސަލަ އަލުން ބަލައިދިނުމަށް ޖޯންސް ވަނީ މީގެ ކުރިން ވެސް ކޯޓުތަކުގައި އެކި ފަހަރުމަތިން އެދިފަ އެވެ. އެއީ އޭނާއާ ވަރަށް ވައްތަރު މީހެއް އުޅޭކަން ޖަލުގައި ތިބި ބައެއް މީހުންގެ ފަރާތުން އެނގިގެންނެވެ. ފަހުން ވަރަށް މަސައްކަތް ކޮށްގެން މި މައްސަލަ ކޯޓުގައި އިސްތިއުނާފު ކުރެވޭ ގޮތް ވުމުން އޭނާގެ ވަކީލުންނަށް، ޖޯންސްއާ ވައްތަރު މީހާ ހޯދުނެވެ. އަދި އެ މީހާ އުޅެނީ އެ ވައްކަމެއް ކުރި ހިސާބާ ވަރަށް ކައިރީގައި ހުންނަ ތަނެއްގައި ކަން ވެސް އެނގުނެވެ.
އެހެންވެ މި މައްސަލަ އަލުން ބަލައި ޖޯންސް އާ ދެކޮޅަށް ހެކިދިން މީހުން އަލުން ކޯޓަށް ހާޒިރުކޮށް ރިކީ އާއި ޖޯންސްގެ ކުރި އާއި މިހާރުގެ ފޮޓޯ ދައްކާފައި ދެ މީހުން ވަކިކުރަން އެންގުމުން އެކަކަށް ވެސް އެ ދެ މީހުންގެ ތެރެއިން ޖޯންސް އަކީ ކޮބައިކަން ވަކިކުރާކަށް ނޭނގުނެވެ.
މި ވައްކަމުގެ ތުހުމަތު ޖޯންސްގެ ބޮލުގައި އެޅުނީ ޕޮލިސް ޑޭޓާބޭސްގައިވާ ފޮޓޯތަކެއް ބެލުމަށްފަހު މީހަކު ދިން ބަޔާނަކަށެވެ. ޑީއެންއޭ އާއި ފިޒިކަލް ހެއްކެއް ކޯޓަށް ހުށަހަޅާފައެއް ނުވެ އެވެ.
ޖަލުގައި ހޭދަކުރި ވިއްސަކަށް އަހަރުގެ ދިގު މުއްދަތުގައި ޖޯންސް އަބަދުވެސް ބުނަމުން ދިޔައީ އޭނާ ކުށެއް ނުކުރާ ކަމަށާއި އެ ވައްކަމަކީ އޭނާ ކުރިކަމެއް ނޫން ކަމަށެވެ.
މިހާރު ޖޯންސް ވަނީ ޖަލުން މިިނިވަންވެ އޭނާގެ އަންހެނުންނާއި ދަރިފުޅުގެ ކައިރިއަށް ގޮސްފަ އެވެ.