21 ޖޫން 2017 - 12:01

ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ ގައުމީ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޮގަސްޓް 15 އާ ހަމައަށް އޮންނާނެ ކަމަށެވެ.
އެ އޮފީހުން ބުނި ގޮތުގައި ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތަކުގެ ތެރެއިން އަންހެނުންނާއި ޒުވާނުންގެ ދާއިރާއާ ގުޅޭ ކަންކަމަށް މި އަހަރު ވެސް ބޮޑު އިސްކަމެއް ދީފައިވާނެ އެވެ.
ޒުވާނުންނާއި އަންހެނުންގެ ދާއިރާއިން އިނާމު ދޭނީ 5-7 އަހަރާ ދެމެދުގެ މުއްދަތެއްގައި ފާހަގަކުރެވޭ ފަދަ ހިދުމަތެއް ކޮށްފައިވާ އަންހެނުންނަށާއި 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.
ސަރުކާރުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. އޭގެ އިތުރުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ވެސް އިނާމުތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކާއި ޖަމިއްޔާތަކަށް ވަނީ ދީފަ އެވެ.
އިނާމަށް ނަން ހުށަހަޅަން ޖެހެނީ އެކަމަށް ޚާއްސަކޮށްފައިވާ ފޯމުގައި، ގައުމީ އިނާމާ ބެހޭ ކޮމެޓީއަށް އެޑްރެސްކޮށް ރައީސުމްޖުމްހޫރިއްޔާގެ އޮފީހަށެވެ.
ގައުމީ އިނާމު ދެނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ހަފުލާގަ އެވެ.