22 ޖޫން 2017 - 08:17

ކަރީނާ ކަޕޫރާއި ސައިފް އަލީ ޚާންގެ ދަރިފުޅު ތައިމޫރް މިހާރު އެ ދެ އެކްޓަރުންނަށް ވުރެ މާ މަގުބޫލު މޫނަކަށް ވެއްޖެ އެވެ. އިންޓަނެޓަށް ތައިމޫރުގެ އާ ފޮޓޯއެއް އަޕްލޯޑް ވާއިރަށް އެ ފޮޓޯއެއް ވައިރަލްވެ އެވެ.

ސްޓާރުންގެ ދަރިންގެ ތެރެއިން މިހާރު އެންމެ ބޮޑު މަޝްހޫރުކަމެއް ހޯދާފައިވަނީ ތައިމޫރެވެ.
ކަރީނާ އާއި ސައިފް ބައިވެރިވި ޗެޓް ޝޯއެއްގައި އެމީހުން ވަނީ ތައިމޫރާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. ކަރީނާ ބުނީ ކޮންމެ މަހަކު ވެސް ތައިމޫރުގެ ސިފަ ބަދަލުވަމުން އަންނަ ކަމަށެވެ. އަދި ތައިމޫރަކީ އޭނާ އާއި ސައިފްގެ ވަރަށް ފުރިހަމަ މިކްސް އެއް ކަމަށް ކަރީނާ ގަބޫލުކުރެ އެވެ. އަދި ތައިމޫރު ބޮޑަށް ވައްތަރީ އޭނާއާ ކަމަށާއި ކަޕޫރު އާއިލާގެ މީހުންގެ ސިފަ އޭނާއަށް ލިބިފައިވާ ކަމަށް ވެސް ކަރީނާ ގަބޫލުކުރެ އެވެ. އަދި ތައިމޫރު އެންމެ ބޮޑަށް ވައްތަރީ އޭނާގެ ބައްޕަ ރަންދީރު ކަޕޫރާ ކަމަށް ވެސް ކަރީނާ ބުންޏެވެ.
ކަރީނާ ބުނީ ތައިމޫރު ވައްތަރީ ކާކާތޯ ކުރެވޭތޯ ބަހުސްގައި އޭނާ އާއި ސައިފް އަބަދުވެސް އަރާރުމަކަށް ދާން ޖެހޭ ކަމަށެވެ. ސައިފް ބުނަނީ ތައިމޫރު ބޮޑަށް ވައްތަރީ އޭނާގެ އާއިލާއާ ކަމަށެވެ. ކަރީނާ ބުނަނީ ތައިމޫރު ވައްތަރީ ކަޕޫރު އާއިލާއާ ކަމަށެވެ. ނަމަވެސް ތައިމޫރުގެ ރީތި ނޫކުލައިގެ ދެ ލޮލަކީ އޭނާގެ މުނިކާފަ ރާޖް ކަޕޫރާއި ބޮޑުދައިތަ ކަރިޝްމާ ކަޕޫރު ފިޔަވައި ދެ އާއިލާގެ އެއްވެސް މީހެއްގެ ހުރި ލޮލެއް ނޫނެވެ.
ކަރީނާ ވެސް ޔަގީންކުރާ ގޮތުގައި ކުރިމަގުގައި އެންމެ ވިދާލާނެ ޚާން އަކީ އޭނާގެ ދަރިފުޅު ތައިމޫރެވެ. އެއީ 200 ޕަސެންޓް ޔަގީން ކަމެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.
ކަރީނާގެ ވާހަކައިގެ ތެދުކަން އެނގެނީ ތައިމޫރު ގޮވައިގެން އޭނާ ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު އެންމެންގެ ސަމާލުކަން އެ ތުއްތު ކުއްޖާއަށް ހުއްޓޭތީ އެވެ. ދާދިފަހުން އޮތް ތުޝާރު ކަޕޫރުގެ ދަރިފުޅު ލަކްޝްޔާގެ އުފަން ދުވަހުގެ ޕާޓީއަށް ވެސް ތައިމޫރު ގޮވައިގެން ކަރީނާ ދިއުމުން އެތާ ތިބި އެންމެންގެ ހިތް ވަނީ ތައިމޫރަށް ދީފަ އެވެ. އަދި ކަރީނާ ވަނީ ތައިމޫރު ލައްވާ އެންމެންނަށް އަތުން ޓާޓާ ކިޔުއްވާފަ އެވެ.
ކަރީނާ ބުނި ގޮތުގައި ކުރިން ތައިމޫރު ބޭރުތެރެއަށް ނެރެން އޭނާ އާއި ސައިފް ޖެހިލުންވި އެވެ. އެއީ ކޮންމެހެން އެސްފީނާ ޖެހިދާނެތީ އެމީހުންގެ ހިތުގައި ވަހުމް އޮވެގެނެއް ނޫނެވެ. ރައްކާތެރިކަމަށް ޓަކަ އެވެ. ނަމަވެސް ޕަޕަރާޒީންނަށާއި އާއްމުންނަށް ދަރިފުޅު ފޮރުވައިގެން ނުގެންގުޅެން ސައިފް ވަނީ ނިންމާފަ އެވެ. ސަބަބަކީ އެހެން ސްޓާރުންގެ ދަރިންނަށް ނުލިބޭ ވަރުގެ ސަމާލުކަމެއް އެހާ ކުޑައިރުއްސުރެ ތައިމޫރަށް ލިބޭތީ އެވެ. އަބަދު އަބަދު ފެންނަންޏާމުން މީހުން ދޭ ސަމާލުކަން ކުޑަވެގެން ދާނެ ކަމަށް ސައިފް ގަބޫލު ކުރެ އެވެ.
"މިހާރު ފޮޓޯގްރާފަރުން ކަންތައް ވަނީ ހައްދުފަހަނައަޅާފަ. ސައުވީސް ގަޑިއިރު އަހަރެމެންގެ ގޭދޮށުގަ އެމީހުން އެބަތިބޭ ތައިމޫރުގެ ފޮޓޮއެއް ހޯދަން. މިދެން ބޮޑުވަރު،" ސައިފް ބުންޏެވެ.