ކާނުތަކުގެ މަތިތައް ވަރަށް އަވަހަށް ލިބޭނެ: މިނިސްޓްރީ
ކާނުތަކުގެ މަތިތައް ވަރަށް އަވަހަށް ލިބޭނެ: މިނިސްޓްރީ

މަޖީދީ މަގުގެ ދެ ފަރާތުގައި ހުރި ކާނުތަކުގެ މަތިތައް ވަރަށް އަވަހަށް ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އެ މަގުގެ ބޮޑު ސަރަހައްދެއް ހަދާފައިވާއިރު ކާނުތައް އަދި ނުނިމެ އެވެ. މަސައްކަތް ނިމިފައިވާ ސަރަހައްދުތަކުގައި ހުންނަ ބައެއް ކާނުތައް ވަގުތީ ގޮތުން ބަންދުކޮށްފައި ހުންނަނީ ދަގަނޑު ފްރޭމެއް އެޅުމަށް ފަހު އޭގެ މަތީގައި ފިލާގަނޑެއް ބާއްވައިގެންނެވެ. އޭގެ ބައެއް ފިލާތައް ފީވެ، ހަލާކުވެފައި ހުންނާތީ ދެން ހުންނަނީ ދަގަނޑު ފްރޭމް އެކަންޏެވެ.

މަޖީދީ މަގު އަގޯރާ ސަރަހައްދުގައި މިގޮތަށް ހުރި ހުރި ކާނެއްގެ ތެރެއަށް ފައިގަނބައިގެން ގޮސް މާބަނޑު އަންހެނަކަށް ވަނީ އަނިޔާވެފަ އެވެ. މަތިގަނޑު ހަލާކުވެފައި ހުރި ކާނެއްގެ ތެރެއަށް ހަތް އަހަރުގެ ކުއްޖެއްގެ ފައި ވެސް ގަނބައިގަނެ އަނިޔާވެފައިވެ އެވެ.

ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހްމަދު ފަޒާލް ވިދާޅުވީ ކާނުތަކުގެ މަތިތައް ލިބުމާ އެކު މިހާރު ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށެވެ. މަތިތައް ހަލާކުވެފައިވާ ކާނުތައް ބަލައި މިނިސްޓްރީން މިހާރު ވެސް އަންނަނީ އެ ކާނުތައް ރަނގަޅު ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މަތިގަނޑު ހަލާކުވެފައި ހުރި ކާނުތައް ބަލައި މިހާރު ވެސް ވާނީ އެތަންތަން ހަދާފައި. ކާނުތަކުގެ މަތިތައް ވަރަށް އަވަހަށް ލިބޭތޯ މި އަންނަނީ މަސައްކަތް ކުރަމުން،" ފަޒާލް ވިދާޅުވި އެވެ.

މަޖީދީ މަގުގެ އިތުރުން ވެސް މާލޭގެ ބޮޑެތި މަގުތައް މަރާމާތުކުރަން ވަނީ ނިންމައިފަ އެވެ. އެކަމަކު އެ މަސައްކަތް ވަނީ ރޯދަ އަށް މެދުކަނޑާލައިފަ އެވެ. ރޯދަ މަސް ނިމުމާއެކު، އަނެއްކާ ވެސް މަޖީދީ މަގުގެ ސަރަހައްދެއް ބަންދުކޮށްގެން މަގު ހަދަން ފަށާނެ އެވެ.