ޓެކްނޮލޮޖީގެ އެހީ ލިބުނު ނަމަ އާސެނަލަކީ ޔޫރަޕުގެ ޗެމްޕިއަނެއް: ވެންގާ
ޓެކްނޮލޮޖީގެ އެހީ ލިބުނު ނަމަ އާސެނަލަކީ ޔޫރަޕުގެ ޗެމްޕިއަނެއް: ވެންގާ

ލަންޑަން (ޖޫން 21) - ފުޓްބޯޅައިގައި މިހާރު ބޭނުންކުރަމުން އަންނަ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ބޭނުންކުރަން ފީފާ އިން ކުރިން ފެށި ނަމަ އާސެނަލަށް މިހާރު އޮންނާނީ ޗެމްޕިއަންސް ލީގުގައި އަތްލެވިފައި ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ފީފާއިން އަންނަނީ މިހާރު ކުރިއަށްދާ ކޮންފެޑެރޭޝަން ކަޕްގައި ވީއޭއާރްގެ ބޭނުން ކުރަމުންނެވެ. އެ ޓެކްނޮލޮޖީ ފުރަތަމަ ޓެސްޓުކުރީ ފީފާގެ ޔޫތު މުބާރާތްތަކުގަ އެވެ. އޭގެ ފަހުން ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް ވަނީ ކޮށްފަ އެވެ.

ވެންގާ ބުނީ ވީއޭއާރަކީ ފުޓްބޯޅަ އަށް މުހިއްމު ޓެކްނޮލޮޖީއެއް ކަމަށާއި އޭގެ އެހީގައި މި ކުޅިވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

"އަހަރެން ދެކޭގޮތުގައި ވީއޭއާރް އޮތް ނަމަ އާސެނަލުން ޗެމްޕިއަންސް ލީގު ނަގާނެ. އެ ކަހަލަ ބައިވަރު ހާލަތްތައް އެބަހުރި އަހަރެމެންނަށް މެޗުތައް ގެއްލުނު. މިސާލަކަށް 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެޗު ނިމެން 30 މިނިޓަށް ވެފައި އޮތްއިރު އަހަރެމެން އޮތީ 1-0 އިން ކުރީގައި. އެކަމަކު ބާސެލޯނާ އިން ނަތީޖާ ހަމަހަމަކުރީ އޮފްސައިޑް ގޯލަކުން،" ވެންގާ ބުންޏެވެ.

އޭނާ ބުނީ ޗެމްޕިއަންސް ލީގުގެ ގިނަ މުބާރާތްތަކުން ފާއިތުވި އަހަރުތަކުގައި އާސެނަލް ކަޓާފައިވަނީ ގޯސް ނިންމުންތަކެއްގެ ސަބަބުން ކަމަށެވެ.

"އަހަރެން ބޭނުން 2011 ވަަނަ އަހަރު ބާސެލޯނާއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި ވެން ޕާސީ އަށް ދެއްކި ގޯސް ރަތް ކާޑުގެ ވާހަކަ ދައްކަން ވެސް. އެ ވަގުތަށް ބަލާއިރު އެ މެޗު އަހަރެމެންނަށް ގެއްލުނީ އެ ރަތް ކާޑުގެ ސަބަބުން. އޭރު ވީއޭއާރްގެ އެހީގައި މި ކަހަލަ ގޯސް ނިންމުތައް ރަނގަޅު ކުރެވުނީސް،" ވެންގާ ބުންޏެވެ.

އޭނާ ބުނީ މިިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި 10-2 ގެ އެގްރިގޭޓް ނަތީޖާއަކުން ބަޔާން މިއުނިކް އަތުން އާސެނަލް ކެޓިއިރު އެ ޓީމުގެ ޑިފެންޑަރު ލޯރެންޓް ކޮޝިއެލްނީ އަށް ރަތް ކާޑު ދެއްކީ ބަޔާންގެ ރޮބަޓް ލެވަންޑޯސްކީ އޮފްސައިޑްގައި ހުއްޓައި އޭނާ އަށް ފައުލުކުރުމުން ކަމަށެވެ.

މި ސީޒަނަށް ފަހު އާސެނަލްގެ ކޯޗުކަން ވެންގާ އަށް ގެއްލޭނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް އެފްއޭ ކަޕްގެ ކާމިޔާބީއާ އެކު އާސެނަލުން ވަނީ ވެންގާ އެ ޓީމުގެ ކޯޗުގެ މަގާމުގައި އިތުރު ދެ އަހަރު ބަހައްޓަން ނިންމައިފަ އެވެ.