21 ޖޫން 2017 - 08:23

ފޭސްބުކް ލައިކް ހޯދަން އުސް އިމާރާތެއްގެ ކުޑަދޮރުން ކުޑަކުއްޖަކު ބޭރަށް ދިއްކުރި އަލްޖީރިޔާގެ ފިރިހެނަކު ދެ އަހަރަށް ޖަލަށް ލާން އެ ގައުމުގެ ކޯޓަކުން އިއްޔެ ހުކުމްކޮށްފި އެވެ.
އެ ކުއްޖާގެ ޓީޝާޓްގައި ހިފައި، 15 ވަނަ ބުރީގެ ކުޑަދޮރުން ބޭރަށް ދިއްކޮށްގެން ހުރެ އޭނާ ނެގި ފޮޓޯގެ ކެޕްޝަންގައި ޖެހީ "1،000 ލައިކްސް ނުވަތަ އަހަރެން މި ކުއްޖާ ވައްޓާލާނަން،" މިހެންނެވެ.
އެ ޕޯސްޓް ފެނުމާ އެކު ސޯޝަލް މީޑިއާގައި އެތައް ބަޔަކު ގޮވާލީ އޭނާ ހައްޔަރުކުރުމަށެވެ. މިދިއަ އާދިއްތަދުވަހު އޭނާ ހައްޔަރުކުރުމަށް ފަހު އުފުލީ ކުޑަކުއްޖާގެ ސަލާމަތަށް ނުރައްކާކުރުމުގެ ދައުވާ އެވެ.
މީޑިއާތަކުން ބުނާ ގޮތުގައި އެއީ އެ ފިރިހެންމީހާއާ ތިމާގެ ކުއްޖެކެވެ.
އެކަމަކު އަދަބު ލިބުނު މީހާ ބުނީ އެ ކުއްޖާގެ ފުރާނައަށް ނުރައްކާ ވާ ކަހަލަ އެއްވެސް ކަމެއް އޭނާ ކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ނެގި ފޮޓޯއަށް ސޯޝަލް މީޑިއާގެ ބައެއް މީހުން ބަދަލުތައް ގެނެސްފައިވާ ކަމަށް ވެސް ބުންޏެވެ.
"އަހަރެން އެ ފޮޓޯ ނެގީ ސަލާމަތީ ގޮތުން ޗެންޗޭނު ޖަހާފައި ހުރި ބެލްކަންޏެއްގައި. އެ ބައި ވަނީ ކަނޑާލާފައި،" އޭނާ ބުނި ކަމަށް އަލްޖީރިޔާގެ މީޑިއާތަކުން ރިޕޯޓްކުރި އެވެ.
އޭނާ އަށް މައާފު ކޮށްދިނުމަށް ކޯޓުގައި ކުއްޖާގެ ބައްޕަ ފަނޑިޔާރުގެ ކިބައިން އެދުނެވެ. ބައްޕަ ބުނި ގޮތުގައި އެއީ ގޭމެއް ކުޅުމުގެ ތެރެއިން ނެގި ފޮޓޯއެކެވެ.
އެކަމަކު ފަނޑިޔާރު ވިދާޅުވީ ފޮޓޯއިން ވަރަށް ސާފުކޮށް މަންޒަރު ފެންނަ ކަމަށާއި އެވަގުތު ކުއްޖާ އެވަނީ ނުރައްކަލުގެ ތެރޭގައި ކަމަށެވެ.
މި މައްސަލައާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރި ލިއުންތަކަށް ގިނަ މީހުން ފާޅުކުރީ ނުރުހުންތެރިކަމުގެ ޝުއޫރުތަކެވެ.
އަލްޖީރިޔާގެ އެތައް ބަޔަކު އޭނާއަށް މަލާމަތްކުރި އެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން އޭނާ ހައްޔަރުކޮށް ހުކުމަކާ ހަމައަށް ދިޔައީތީ ތައުރީފް ވެސް ކުރި އެވެ.