"ފައިންޑިން ޑޯރީ" ބޮކްސް އޮފީހުގެ ކުރި ހޯދައިފި
"ފައިންޑިން ޑޯރީ" ބޮކްސް އޮފީހުގެ ކުރި ހޯދައިފި

މި އަހަރުގެ މިހާތަނަށް ބޮކްސް އޮފީހުގައި ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް މި މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރި "ފައިންޑިން ޑޯރީ" ހޯދައި ބޮކްސް އޮފީހުގެ ރޭހުގެ ކުރި ހޯދައިފި އެވެ.

މިހާތަނަށް ހަފުތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓެޑް ފިލްމުގެ ރެކޯޑް އޮތީ 2007 ވަނަ އަހަރު ރިލީޒް ކުރި "ޝްރެކް ދަ ތާޑް" ގެ އަތުގަ އެވެ. އެ ފިލްމް ރިލީޒް ކުރި ހަފުތާ ބަންދުގައި ވަނީ ޖުމްލަ 121.6 މިލިއަން ޑޮލަރު ހޯދައިފަ އެވެ.

ޑިސްނީ އާއި ޕިކްޒާ ގުޅިގެން ގެނެސް ދިން "ފައިންޑިން ޑޯރީ" ވަނީ ހަފުތާ ބަންދުގައި 135.1 މިލިއަން ޑޮލަރުގެ ވިޔަފާރި މިހާތަނަށްކޮށްފަ އެވެ. އެ ފިލްމް މި ހޯދި ކާމިޔާބީ އަށް ބަލާ އިރު މިއީ މި އަހަރުގެ މިހާތަނަށް ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން އުތުރު އެމެރިކާގެ ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި 11 ވަނަ ފިލްމެވެ.

"ފައިންޑިން ޑޯރީ" މިހާތަނަށް ވަނީ ޖުމްލަ 205.3 މިލިއަން ޑޮލަރު ހޯދައިފަ އެވެ.

އެންމެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި ތިން ފިލްމުގެ އެންމެ ކުރީގައި އޮތީ ޑިސްނީގެ އެނިމޭޝަން ފިލްމް "ޒޫޓޯޕިއާ" އާއި "ކެޕްޓަން އެމެރިކާ: ސިވިލް ވޯ" ގެ އިތުރުން "ދަ ޖަންގަލް ބުކް" އެވެ.

ހޮލީވުޑްގެ ވިޔަފާރި ހަބަރުތައް ބުނާ ގޮތުން "ފައިންޑިން ޑޯރީ" މިހާރު ހޯދަމުން އަންނަ ކާމިޔާބީ އަށް ބަލާ އިރު، މި ފިލްލް ބިލިއަން ޑޮލަރު ފަހަނައަޅައި ދާނެ އެވެ. މި ފިލްމަކީ 2003 ވަނަ އަހަރު ރިލީޒް ކުރި "ފައިންޑިން ނީމޯ" ގެ ސީކްއެލްއެކެވެ.

"ފައިންޑިން ޑޯރީ" ގެ ވިޔަފާރި މެކުހަށް ޖަހާފައިވާ އިރު މީގެ ސަބަބުން ޑްވޭން ޖޯންސަން (ރޮކް) ގެ "ސެންޓަރް އިންޓެލިޖަންސް" އަށް ވަނީ ވަރުގަދަ ކުރިމަތިލުމަކަށް ދާން ޖެހިފަ އެވެ. "ފައިންޑިން ޑޯރީ" އާ އެއް ދުވަހެއްގައި ރިލީޒް ކުރި އެ ފިލްމަށް މިހާތަނަށް ލިބިފައި ވަނީ އެންމެ 34.5 މިލިއަން ޑޮލަރެވެ.

ބިރުވެރި ފިލްމް "ކޮންޖޫރިން 2" މިހާރު އޮތީ 15.5 މިލިއަން ޑޮލަރާ އެކު ބޮކްސް އޮފީހުގެ ތިން ވަނައިގަ އެވެ.

ހަތަރު ވަނާގައި އޮތީ "ނައު ޔޫ ސީ މީ 2" އެވެ. މި ފިލްމަށް މިހާތަނަށް ލިބިފައި ވަނީ 9.4 މިލިއަން ޑޮލަރެވެ.

ބޮކްސް އޮފީހުގެ ފަސް ވަނާގައި އޮތީ 7.2 މިލިއަން ޑޮލަރުގެ އާމްދަނީއަކާ އެކު "ވޯކްރާފްޓް" އެވެ.