21 ޖޫން 2017 - 08:13

ހިންދީ ފިލްމަކުން ފެންނާނެ އިރެއް ނޭނގުނަސް، އޭނާ ހޮލީވުޑްގައި ވަރަށް ބުރަ އެވެ. ހޮލީވުޑްގެ ފުރަތަމަ ފީޗާ ފިލްމް "ބޭވޮޗް" އަށް ފަހު، ޕްރިޔަންކާ މިހާރު ވަނީ އޭނާ ކުޅޭ ދެވަނަ ފިލްމުގެ ޝޫޓިން ވެސް ފަށައިފަ އެވެ.

އެއީ ސިލަސް ހަވަޑް ޑައިރެކްޓް ކުރާ "އަ ކިޑް ލައިކް ޖޭކް" އެވެ. މި ފިލްމުގައި ޕްރިޔަންކާއާ އެކު އޮކްޓާވިއާ ސްޕެންސާ، ޖިމް ޕާސަންސް، ކްލެއާ ޑޭންސް އަދި މިޝޭލާވޮޓްކިންސް ފަދަ ތަރިން ފެނިގެން ދާނެ އެވެ.
ފިލްމުގެ ޝޫޓިންގައި ޕްރިޔަންކާ އުޅެނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުގައި އޭނާ ފެންނަނީ އޮރެންޖް ކުލައިގެ ހެދުމެއްގައި ވަރަށް ކެޝުއަލްކޮށް ހުއްޓަ އެވެ.
"އަ ކިޑް ލައިކް ޖޭކް" އަކީ ޑެނިއަލް ޕާލްސް ހަމަ އެ ނަމުގައި ލިޔެފައިވާ ޕްލޭއެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ވެސް ލިޔެފައި ވަނީ ވެސް އޭނަ އެވެ.
"އަ ކިޑް ލައިކް ޖޭކް" ގެ ވާހަކަ އެނބުރެނީ އާދަޔާހިލާފު ތޫނުފިލި ކަމެއް ލިބިފައިވާ އެހެން ނަމަވެސް ޖިންސް ކަށަވަރު ނުވާ ކުއްޖެއްގެ ވަށައިގެންނެވެ.
މި ފިލްމްގެ އިތުރުން ޕްރިޔަންކާ ވަނީ "އިޒިންޓް އިޓް ރޮމޭންޓިކް" ކިޔާ ރޮމޭންޓިކް ކޮމެޑީއަކަށް ވެސް ސޮއިކޮށްފަ އެވެ.
އަންނަ މަހުގެ 13 ގައި ޝޫޓިން ފަށާ ފިލްމުގައި ޕްރިޔަންކާ އެކު ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއަމް ހެމްސްވޯތު ވެސް ފެނިގެން ދާނެ އެވެ.
މީގެ އިތުރުން އޭނާ ހޮލީވުޑަށް ފުންމާލި "ކްއަންޓިކޯ" ގެ ތިން ވަނަ ސީޒަންގެ ޝޫޓިން ވެސް އަދި ކުރިއަށް އޮތީ އެވެ.
އެ ސިލްސިލާ އިން ޕްރިޔަންކާ އެތައް ބައެއްގެ ހިތްތައް ފަތަހަ ކުރި ނަމަވެސް "ބޭވޮޗް" އަކީ ގިނަ ބަޔަކަށް އެހާ ފިލްމެއް ނޫނެވެ.