20 ޖޫން 2017 - 20:49

ދިރާގުން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ގާއިމްކޮށްފައިވާ ކޮމްޕިއުޓަރު ލެބްގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން، އެ ކޮމްޕިއުޓަރު ލެބަށް ހައި ސްޕީޑް އިންޓަނެޓް ހިލޭ ދޭން އެ ކުންފުނިން ނިންމައިފި އެވެ.
ހައި ސްޕީޑް އިންޓަނެޓް ހިލޭ ދިނުމުގެ އިތުރުން އާ ކޮމްޕިއުޓަރު ސިސްޓަމްތަކަކާއި ލައިބްރަރީ އަށް ބޭނުންވާ ތަކެތި ވެސް ދިރާގުން މިއަދު ވަނީ ހަދިޔާކޮށްފަ އެވެ. ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަކެތި ހަވާލުކޮށް ދެއްވީ ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދެވެ.
މީގެ ކުރިން ވެސް ދިރާގުން ވަނީ ކުޑަކުދިންގެ ހިޔާ އަށް އެކި ގޮތްގޮތުން އެހީތެރިކަން ދީފަ އެވެ. އެގޮތުން ބައެއް މުދައްރިސުންގެ ޚަރަދު ވެސް އެ ކުންފުނިން ކުރިން ވަނީ ދީފަ އެވެ.
މީގެ ކުރިން އެހެން ބައެއް ކުންފުނިތަކުން ވެސް ވަނީ ކުޑަކުދިންގެ ހިޔާ އަށް އަށް އެކި ގޮތްގޮތުން އެހީތެރިކަން ދީފަ އެވެ. އެތަނުގެ ބައެއް މުވައްޒަފުންގެ އެއް އަހަރުގެ މުސާރަ ބައެއް ކުންފުނިތަކުން ވަނީ ސްޕޮންސާކޮށްފަ އެވެ. އަދި ފައިސާގެ އެކި އެހީތައް ވެސް ބައެއް ކުންފުނިތަކުން ދިނެވެ.