އެލްޖީއޭގެ ބޯޑަށް ތިން ބޭފުޅުން އައްޔަން ކުރައްވައިފި
އެލްޖީއޭގެ ބޯޑަށް ތިން ބޭފުޅުން އައްޔަން ކުރައްވައިފި

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުންގެ ރުހުން ދިން ތިން ބޭފުޅުން އެ ބޯޑަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

އެލްޖީއޭގެ ބޯޑަށް ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރެއްވީ ގަވަނަންސާއި ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ގއ. ކަނޑުހުޅުދޫ ހެޕީކޯނަރު އާމިރު އަލީ އާއި މަދަނީ ޖަމްއިއްޔާތަކުގެ މެމްބަރެއްގެ ގޮތުން ސ. ހިތަދޫ ފަރުދާބަގީޗާގޭ އަހުމަދު ހަސަނާއި ޖެންޑާ އިކުއަލިޓީ ދާއިރާ އިން ފ. ނިލަންދޫ ހަތިކޮޅު މިންނާ ރަޝީދެވެ.

އެ ބޭފުޅުން އެ ބޯޑަށް އައްޔަން ކުރެއްވީ އެ ބޯޑު އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެސް، ލާ މަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމާ ގުޅިގެންނެވެ. ކުރިން އެ ބޯޑުގައި ހަ ކައުންސިލަރުންނާއި އިތުރު ހަތަރު މެމްބަރަކާ އެކު ނުވަ ބޭފުޅުން ތިއްބެވިޔަސް އެ އިސްލާހާ އެކު އެ ބޯޑުގައި ދެން ތިއްބަވާނީ ކައުންސިލަރުން ނުހިމެނޭ ގޮތަށް ފަސް ބޭފުޅުންނެވެ.

މިއަދު ބޯޑަށް ބޭފުޅުން އައްޔަންކުރި ދާއިރާތަކުގެ އިތުރުން ދެން އެ ބޯޑުގައި ތިއްބަވާނީ ރައީސް އައްޔަން ކުރައްވާ މެމްބަރަކާއި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.