ލަންކާގައި މަރުވި ދިވެހި ކުއްޖާގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް ލިބިއްޖެ
ލަންކާގައި މަރުވި ދިވެހި ކުއްޖާގެ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓް ލިބިއްޖެ

ސްރީ ލަންކާގައި މަރުވި ހަތަރު އަހަރުގެ ދިވެހި އަންހެން ކުއްޖާގެ ޕޯސްޓްމޯޓަމް ހަދައި، ވަގުތީ ނަތީޖާ ލިބިއްޖެ އެވެ.

މިމަހުގެ ކުރީކޮޅު މަރުވި ކުއްޖާގެ މަރާ މެދު ޝައްކުތަކެއް ހުރެގެން އެ މައްސަލަ ލަންކާ ފުލުހުން ބަލަން ފަށައި، އެ ކުއްޖާގެ ކުއްޖާގެ ޕޯސްޓްމޯޓަމެއް ހަދައި އޭގެ ވަގުތީ ރިޕޯޓް ލިބިފައި ވިޔަސް އެ ރިޕޯޓުގެ ތަފްސީލެއް އަދި ނުލިބެ އެވެ. އެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް ދިވެހި ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ.

ލަންކާ ފުލުހުންނާ ހަވާލާދީ ދިވެހި ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ކުއްޖާގެ މަންމައާ ވަނީ ސުވާލުކޮށްފަ އެވެ. އެކަމަކު އިތުރު އެއްވެސް ތަފްސީލެއް ނުލިބެ އެވެ.

"އެއްވެސް މީހަކު ހައްޔަރުކޮށް، އެކަހަލަ ކަމެއް އަދި ނުކުރޭ،" ދިވެހި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ދިވެހި ދެމަފިރިއަކަށް ލިބިފައިވާ އެ ކުއްޖާ ލަންކާގައި އުޅެމުން ދިޔައީ އެ ކުއްޖާގެ މަންމައާ އެކު އެވެ. އެ ކުއްޖާގެ ބައްޕަ ހުރީ ހުކުމެއް ތަންފީޒު ކުރަން ރާއްޖޭގައި ޖަލަށް ލައިފަ އެވެ. އެކަމަކު އެ ދެމަފިރިންގެ އެއްވެސް ތަފްސީލެއް ނުލިބެ އެވެ.