މާޒިޔާ-އީގަލްސް މެޗުން ބުރާސްފަތި ދުވަހުގެރޭ ލީގު އަލުން ފަށަނީ
މާޒިޔާ-އީގަލްސް މެޗުން ބުރާސްފަތި ދުވަހުގެރޭ ލީގު އަލުން ފަށަނީ

ބޮޑު މެދުކެނޑުމަކަށް ފަހު އެސްޓީއޯ މާލޭ ލީގު ފުޓްބޯޅަ މުބާރާތުގެ ކުޅުން އަންނަ ބުރާސްފަތި ދުވަހުގެރޭ ފަށާ ގޮތަށް އެފްއޭއެމުން ހަމަޖައްސައިފި އެވެ.

ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހުގެރޭ ބައްދަލުކުރާނީ މާޒިޔާ އާއި އީގަލްސް އެވެ. ހުކުރު ދުވަހުގެރޭ ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބް ކުޅޭއިރު ހޮނިހިރު ދުވަހުގެރޭ ބައްދަލުކުރާނީ ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އެވެ. މި ތިން މެޗު ވެސް ފަށާނީ ރޭގަނޑު 10 ޖަހާއިރެވެ.

މި ތިން މެޗަށް ފަހު ދެން މެޗުތައް އޮންނާނީ އީދު ބަންދަށް ފަހު އެވެ. އެގޮތުން މި މަހުގެ 28 ވަނަ ދުވަހު ހަވީރު އީގަލްސް އާއި ވިކްޓަރީ ކުޅޭއިރު އެރޭ އޮންނާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީގެ މެޗެވެ.

އިތުރު މެދުކެނޑުމެއް ނައިސް ލީގުގެ ދެ ވަނަ ބުރުގެ ކުޅުން ކުރިއަށް ގެންގޮސް ޖުލައި 19 ވަނަ ދުވަހު ނިންމާލާނެ އެވެ.

މި ވަގުތު އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު މާޒިޔާ އެވެ. ދެ ވަނައިގައި ނުވަ މެޗުން 18 ޕޮއިންޓާ އެކު ނިއު އޮތްއިރު ތިން ވަނައިގައި އޮތީ ނުވަ މެޗުން 17 ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އެވެ. ހަތަރު ވަނައިގައި އޮތް ޓީސީ އާއި ފަސް ވަނައިގައި އޮތް ވިކްޓަރީ އަށް ނުވަ މެޗުން ލިބިފައިވަނީ 14 ޕޮއިންޓެވެ. ހަ ވަނައިގައި އީގަލްސް އޮތީ އަށް މެޗުން 13 ޕޮއިންޓާ އެކު އެވެ. ހަތް ވަނައިގައި ނުވަ މެޗުން ތިން ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ އޮތްއިރު ނުވަ މެޗުން އެއް ޕޮއިންޓާ ފުލުގައި އޮތީ ވެލެންސިއާ އެވެ.

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނީ މާލޭ ލީގުގެ ދެ ބުރަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. އަނެއް ހަތަރު ޓީމަށް ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ގަދަ ދެ ޓީމާ އެކު މާލޭ ލީގު ކޮލިފައިންގައި ކުޅޭށެވެ. އަންނަ އަހަރު މާލޭ ލީގުން ފުރުސަތު ލިބޭނީ އޭގެ ތެރެއިން ގަދަ ހަތަރު ޓީމަށެވެ. ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ކްލަބް ޒެފްރޯލާއި ރަނަރަޕް ކުޑަހެންވޭރު ޔުނައިޓެޑް ވަނީ މާލޭ ލީގު ކޮލިފައިން އިން ފުރުސަތު ހޯދައިފަ އެވެ.